ރޯދައިގެ ވަސިއްޔަތް: ވީހާ އަވަހަކަށް ބޮޑެތި ފާފަތަކާ ދުރުވޭ

ބޮޑު ފާފަ ނުވަތަ الكبائر އަކީ ކީރިތި ޤުރްއާނުގައި ނުވަތަ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ބޮޑު ފާފައެއް ކަމުގައި ސަރީހަ އިބާރާތުން ކަނޑައަޅުއްވާފައިވާ ކަންކަމެވެ. ނުވަތަ އެކަންކަމަކީ ބޮޑެތި ނުބައި ކަންކަން ކަމުގައާއި އެ ޖަރީމާތަކަށް އަރައިގަންނަ މީހުންނަށް ބޮޑުވެގެންވާ ގަދަފަދަ އަޒާބު އާހިރަތުގައި ތައްޔާރުކުރެއްވިގެންވާ ކަމުގެ ޚަބަރު ދެއްވާފައިވާ ކޮންމެ ކަމެކެވެ. ނުވަތަ ލައުނަތް ދެއްވަވައި ނޫނީ ސުވަރުގެ ހަރާމްވެގެންވާކަން ބަޔާންކުރެއްވުންފަދަ އިބާރާތެއް އެ އަމަލަކާމެދު ވާރިދުވެފައިވާ ކޮންމެ ފާފައެކެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ. "إِن تَجْتَنِبُواْ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلاً كَرِيماً" (النساء 31) މާނައީ: "ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާ ހުށީމެވެ."

މިއާޔަތުގައި އެވަނީ ބޮޑެތި ފާފަތަކުން އެއްކިބާވެގެން ހުރެއްޖެ މީހާގެ ކުދި ފާފަތައް ފުއްސަވައި ދެއްވާނޭކަމަށް މާތްﷲ ވައުދުވެވޮޑިގެންފައެވެ. ބޮޑު ފާފައަކަށް އަރައިގަނެވިއްޖެނަމަ އޮތީ ތައުބާވެ ހެޔޮ އަމަލު ކުޅައުމެވެ. މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. "ފަރުޟު ފަސް ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރަށާއި، އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހަށް، (މި އަޅުކަންތަކަކީ) އެ ދެމެދުގައި ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑެތި ފާފަތަކުން އެއްކިބާވެގެން ހުރެއްޖެ ނަމައެވެ." رواه مسلم

ބޮޑެތިފާފަތަކުގެ ތެރެއިން ހިމެނޭ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި:

މާތްﷲއަށް ޝިރުކު ކުރުން

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ އެންމެ ބޮޑު ފާފައަކީ ކޮބައިކަން ތިޔަބޭކަލުންނަށް ބުނެދެއްވަމު ހެއްޔެވެ؟ އެއީ މާތްﷲއާ ޝަރީކު ކުރުމެވެ." متفق عليه

ޝިކުރު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ބޮޑު ޝިރުކާއި ކުދި ޝިރުކެވެ. ބޮޑު ޝިރުކަކީ އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން އެއްވެސް ކަމެއް މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަނބުރައި ލުމެވެ. އޭގެ ތެރޭގައި، މާތްﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމާއި، ދުއާކުރުމާއި، ގުރުބާން ކަތިލުމާއި، ނަދުރު ބުނުމާއި، ކަންކަމަށް އެދުން ހިމެނެއެވެ. ބޮޑު ޝިރުކުގެ މަތީގައި ހުރެ މަރުވެއްޖެ މީހާކަށް އެ ފާފަ ފުއްސަވައި ނުދެއްވާނޭ ކަމުގައި މާތްﷲ ވަނީ ވަހީކުރައްވާފައެވެ.

" إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ " (النساء: 48) މާނައީ: "ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ."

މައިންބަފައިންނަށް އުރެދުމާއި ދޮގުހެކި ދިނުމާއި ޤަތުލުކުރުން

ބޮޑެތި ފާފަތަކުގެ ތެރެއިންވާ އެންމެ ބޮޑެތި ފާފަތަކުގެ ޚަބަރު އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނަށް ދެއްވަމުން ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައިވެއެވެ. "މާތްﷲއާ ޝަރީކުކުރުމާއި، މައިންބަފައިންނަށް އުރެދުމާއި، ދޮގު ހެކިދިނުމާއި ނަފްސެއް ގަތުލުކުމެވެ." رواه مسلم

ހަމައެފަދައިން މައިންބަފައިންނަށް ހަޑިހުތުރު އެއްޗެހި ކިޔައި އެބައިމީހުންނަށް ލަޢްނަތް ދިނުމަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. ހަދީޘެއްގެ މާނައިގައި ވެއެވެ. "މީހަކު އޭނާގެ މައިންބަފައިންނަށް ލައުނަތް ދިނުމަކީ އެންމެ ބޮޑުފާފައިގެ ތެރޭގައިވާ ބޮޑު ފާފައެކެވެ." ދެންނެވުނެވެ. "މީހަކު އޭނަގެ މައިންބަފައިންނަށް ލައުނަތް ދޭނީ ކިހިނެއް ތޯއެވެ؟" ހަދީޘްކުރެއްވިއެވެ. "މީހަކު އެހެން މީހެއްގެ ބައްޕައަށް ފުރައްސާރަ ކުރުމުން އެމީހާ އޭނާގެ މަންމައަށާއި ބައްޕައަށް ފުރައްސާރަ ކުރެއެވެ." رواه البخاري

ހަލާކުކޮށްލަނިވި ބޮޑުވެގެންވާ ހަތް ފާފަ

މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. "اجْتَنِبُوا السَّبْعَ الْمُوبِقَاتِ". قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ قَالَ "الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِى حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَأَكْلُ مَالِ الْيَتِيمِ وَأَكْلُ الرِّبَا وَالتَّوَلِّى يَوْمَ الزَّحْفِ وَقَذْفُ الْمُحْصَنَاتِ الْغَافِلاَتِ الْمُؤْمِنَاتِ" متفق عليه

މާނައީ: "ހަލާކުކޮށްލަނިވި ހަތް ފާފައަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ." އެއީ ކޮން ފާފަތަކެއްތޯ ސުވާލު ކުރެވުނެވެ. ހަދީޘް ކުރެއްވިއެވެ. "މާތްﷲ އަށް ޝިރުކުކުރުމާއި، ސިހުރު ހެދުމާއި، މާތްﷲ ހުރުމަތްތެރި ކުރެއްވި ނަފްސެއް ގަތުލުކުރުމާއި، ޔަތީމު ކުއްޖެއްގެ މުދާ ކެއުމާއި، ރިބާ ކެއުމާއި، އަދުއްވުންގެ ލަޝްކަރާ ބައްދަލުވާ ހިނދު ފިލަން ދުވުމާއި، މިނިވަން އިއްފަތްތެރި މުއުމިނު އަންހެނުންނަށް ގަޒުފުކުރުމެވެ."

ގަސްދުގައި މައުސޫމު މީހަކު މެރުން

ގަސްދުގައި މީހަކު މެރުމަކީ ޙަރާމް ކުރައްވާފައިވާ ބޮޑު ފާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا " (النساء: 93) މާނައީ: "އަދި، ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި،ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި ލައުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ އަޒާބު އެ މީހާއަށް ތައްޔާރު ކުރެއްވިއެވެ."

އެންމެ ފުރާނައެއް ސަލާމަތްކުރުމަކީ މުޅި އިންސާނިއްޔަތު ރައްކާތެރިކުރުން ފަދަ ކަމެކެވެ. އަދި މުއުމިނެއްގެ ފުރާނަ ނެތިކޮށްލުން، ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް ނެތި ހަލާކުވެގެން ދިޔުމަށްވުރެ މާތް ﷲ ގެ ހަޟުރަތުގައި މާ ބޮޑުވެގެންވާ ކަމުގައިވެސް ރިވާވެގެންވެއެވެ.

ނަމާދު އެޅުން

" إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ " رواه مسلم މާނައީ: "ހަމަކަށަވަރުން މީހަކާއި ކުފުރާއި ޝިރުކާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ." އަދި ބައެއް ރިވާޔަތްތަކުގައިވެއެވެ. "ނަމާދު އަޅައިފި މީހާ ޝިރުކުކޮށްފިއެވެ. ނުވަތަ ކުރުފުރު ވެއްޖެއެވެ."

މިމާތް މައްސަރުގައި ކުރެވިފައިވާ ބޮޑެތި ފާފަތަކުން ތައުބާވެ ކުދި ފާފަތަކުންވެސް އެއްކިބާވެ ހުރުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް