މަޖިލިސް ރައީސްގެ ރޭހުގައި ރައީސް ސޯލިހުގެ ތާއީދު އަފީފްއަށް

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ނޮމިނޭޓް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ، ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފްއަށް ކަން ކަށަވަރުވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ޔަގީންކަން ދިން ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އަފީފްއަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނާ ވާހަކަ ދައްކަވަމުން އެވެ. އަފީފްގެ ގާތްބޭފުޅަކު ވެސް "ސަން"އަށް ވިދާޅުވި ގޮތުގައި އަފީފް މަޖިލީހުގެ ރައީސްކަމަށް ހޮވޭ ވަރަށް ގާތްގަނޑަކަށް 45 ވޯޓް ރައީސް ސޯލިހުގެ މަސައްކަތްޕުޅުން މިހާރު ވަނީ ޔަގީން ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕާލިމަންޓް ބައެއް މެންބަރުންނާއި އިސް އޮފިޝަލުން ވެސް އެކަން "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ.

އެހެން ނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ތާއީދު ކުރައްވަނީ މެންބަރު މުހައްމަދު އަސްލަމް އަށެވެ. އެކަމަކު ނަޝީދު ވެސް ހުންނެވީ ދެ ފިކުރެއްގައި ކަމަށްވެ އެވެ. އެކަމަކު އެކަން ޔަގީނެއް ނުކުރެވެ އެވެ.

ރައީސް ނަޝީދުގެ ހޯމް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރަށް އަފީފް ވަނީ ތ. އަތޮޅު މެންބަރުކަން ހަތަރު ދައުރު ކުރައްވައި އަދި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. ނަވާރަ ވަނަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި އަފީފް އަލުން މަޖިލީހަށް މި ވަޑައިގަންނަވަނީ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މަޖިލިސް ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅު ކުރި ފަސް މެމްބަރުން ---

މަޖިލީހުގެ ރައީސްކަމަށް އަފީފް އާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިވެފައި ވަނީ، ކާށީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

މަޖިލިސް ރައީސްގެ ރޭހުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެ، އެމްޑީޕީއިން މަޖިލީހުގެ ރައީސްއަށް ނޮމިނޭޓް ކުރާނެ ބޭފުޅަކު ހޮވުމަށް ވޯޓް ނަގާނެ ގޮތަކާ މެދުވެސް ހިޔާލު ތަފާތުވުން އުފެދުނެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދެވީ، އެ ވޯޓް ނަގަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން އަތް މައްޗަށް ނަގައިގެން އެވެ. އެހެން ނަމަވެސް އަނެއް ބައިބޭފުޅުން ވިދާޅުވީ ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށެވެ.

ނަވާރަ ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މަޖިލީހުގެ މެމްބަރުކަން ކުރެއްވި، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

comment ކޮމެންޓް