ފަސް އަހަރު ތެރޭ މޯދީގެ ފުރަތަމަ ޕްރެސް ކޮންފަރަންސް: ސުވާލަކަށް ޖަވާބެއް ނެތް

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ޕްރެސް ކޮންފަރެންސުގައި ބީޖޭޕީގެ ރައީސް އަމިތު ޝާހާ އެކު -- ފޮޓޯ: އިންޑިއާޓުޑޭ

ދިއްލީ (މެއި 18): މީގެ ފަސް އަހަރު އަހަރު ކުރިން އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުން، އޭނާ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްލުވުމެއްގައި އިއްޔެ ބައިވެރިވެވަޑައިގެންފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި އެބައްދަލުވުން ބެއްވީ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މައި އޮފީހުގައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މޯދީ ދެއްކެވީ އޭނާގެ ސަރުކާރުގެ ކާމިޔާބީތަކުގެ ވާހަކައާއި ގައުމުގެ ޑިމޮކްރަސީގެ ހަރުދަނާކަމުގެ ވާހަކައެވެ.

އެ ބައްދަލުވުމަށް މޯދީ ވަޑައިގެންނެވީ ބީޖޭޕީގެ ރައީސް އަމިތު ޝާހާ އެކުއެވެ. އަދި ނޫސްވެރިން މޯދީއާ ކުރި ސުވާލުތަކަށް މުޅިންވެސް ޖަވާބު ދެއްވީ އަމިތު ޝާހުއެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެއީ ބީޖޭޕީގެ ރައީސްގެ ބައްދަލުވުމަކަށް ވާތީ، އޭނާއަށް ސުވާލުތަކަށް ޖަވާބުދެވެން ނެތީ އެވެ.

އޭގެ ސަބަބުން އިންޑިއާގެ ނޫސްވެރިން ވަނީ މޯދީއަށް ފާޑު ކިޔާފައެވެ.

މޯދީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވީ ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައެވެ. ނަމަވެސް އެ ބައްދަލުވުންތަކުގައިވެސް އާންމުކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައެވެ.

އެހެން ނަމަވެސް އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބާ ދިމާކޮށް މޯދީ ވަނީ ގިނަ އަދަދެއްގެ އިންޓަވިއުތައް ދެއްވާފައެވެ. އޭގެ ތެރޭގައި ބޮޑުވަޒީރަށް ފާޑުކިޔާ ޓީވީ ޗެނަލްތަކާއި ނޫސްތައްވެސް ހިމެނުނެވެ.

އިންޑިއާގެ އިންތިހާބުގެ ފަހު ފިޔަވަހީގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. އަދި ނަތީޖާ އިއުލާންކުރުން ބުރާސްފަތި ދުވަހު އޮންނާނެއެވެ.

comment ކޮމެންޓް