ދ. އަތޮޅުގައި މަތީ ފަންތީގެ ދެ ރިސޯޓެއް ހުޅުވައިފި

ރިއު ހޮޓެލްސްގެ ދެ ރިށޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ޗެއިން، ސްޕެއިންގެ ރިއު ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްގީކުރި ދެ ރިސޯޓެއް އިއްޔެ ހުޅުވައިފިއެވެ.

ރިއު ހޮޓެލްސްއިން ރާއްޖޭގައި ދެ ރިސޯޓެއް ތަރައްގީކުރީ ދ. މާފުށި އަދި ދ. ކެދިގަނޑު ކިޔާ ދެ ރަށެއްގައެވެ. ކައިރި ކައިރީގައި އޮންނަ ދެ ރިސޯޓުގައި ދެ ރިސޯޓު ހަދައި، ވޯޓާ ބަންގަލޯތަކަކާ ގުޅިފައިވާ ފާލަމަކުން ދެ ރަށް ގުޅުވާލާފައިވެއެވެ.

ދ. ކެދިގަނޑުގައި ހެދި ރިސޯޓުގެ ނަމަކީ "ރިއު އެޓޯލް"އެވެ. މިއީ ހަތަރު ތަރީގެ ޕްރޮޕަޓީއެކެވެ. އަދި ދ. މާފުށީގައި ހެދީ ފަސް ތަރީގެ ޕްރޮޕަޓީއެއް ކަމުގައިވާ "ރިއު ޕެލެސް" ރިސޯޓެވެ. ދެ ރިސޯޓުވެސް އޮންނަނީ ދ. ކުޑަހުވަދޫ އާ ހުޅަނގު އުތުރުން، ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައެވެ.

މި ދެ ރިސޯޓުވެސް ތަރައްގީކުރުމުގެ މަސައްކަތް ކުރީ، ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރި ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އިންނެވެ.

ރިއު ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ހެދި މި ދެ ރިސޯޓު ހުޅުވުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އިރު، އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުވެސް ބައިވެރިވެވަޑައިގަތެވެ.

މަތީ ފަންތީގެ ދެ ރިސޯޓެއް ދ. އަތޮޅުގައި އެއްފަހަރާ ހުޅުވި އިރު، ރިއު ޕެލެސް ރިސޯޓުގައި 174 ކޮޓަރި، އަދި ރިއު އެޓޯލްގައި 264 ކޮޓަރި ހުރެއެވެ.

comment ކޮމެންޓް