ސައުދީ ތެލުގެ މަރުކަޒުތަކަށް އަދިވެސް ހަމަލާތައް ދޭނަން: ޙޫޘީން

ޔަމަންގެ ވެރިރަށް ސަންއާ މުޅިން ފުނޑުފުނޑުކޮށްލާފާ

ސަންޢާ (މޭ 18): ސައުދީއާއި ޔޫއޭއީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ އެ ދެގައުމުގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދީ އެދެގައުމުގެ އިގްތިސާދު ބަލިކަށި ކޮށްލެވިގެން ކަމަށް ޔަމަންގެ ހޫޘީ ޖަމާއަތުން ބުނެފިއެވެ.

ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރު ވެރިކަމުން ދުރުކުރުމަށްފަހު އިންގިލާބީ ހައްސިއްޔަތުން އެގައުމުގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުގެ ތަރުޖަމާން މުހައްމަދު އަބްދުއްސަލާމް ވިދާޅުވީ ހާދީގެ ސަރުކާރު އަނބުރާ ޔަމަންގެ ވެރިކަމަށް ގެނައުމުގެ ނަމުގައި ސައުދީއާއި ޔޫއޭއީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެމެރިކާ ފަހަތުގައި އޮވެގެން ޔަމަން ހަލާކުކޮށް ސުންނާފަތިކުރުމަށް ކުރާ ސިޔާސީ އަދި އިސްތިއުމާރީ ހަނގުރާމައެއްކަމުގައެވެ.

އަދި ސައުދީ ވެރިރަށް ރިޔާދުގައި މަރުކަޒުކޮށްފައިވާ ހާދީގެ ސަރުކާރަކީ ސައޫދީގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށާއި އެ ސަރުކާރުގެ ވަޒީރަކަށްވެސް ތަނަކަށް ދެވެނީ އަދި ބަޔާނެއް ދެވެނީ ސައުދީ ސަރުކާރުގެ ހުއްދަ ލިބިގެންކަމަށް ހޫޘީންގެ ތަރުޖަމާނު ސިފަކުރެއްވިއެވެ.

މުހައްމަދު އަބްދުއްސަލާމް ވިދާޅުވީ ހާދީގެ ސަރުކާރާއި ހޫޘީންގެ މައްސަލައަކީ ޔަމަންގެ އެތެރޭގެ ސިޔާސީ މައްސަލައެއް ކަމަށާއި އެކަމުގެ ތެރެއަށް ސައުދީއާއި ޔޫއޭއީ ފަދަ ބޭރު ގައުމުތަކުން ވަންނަން ނުޖެހޭކަމުގައެވެ. ހާދީގެ ސަރުކާރާއި ހޫޘީން ސުލްހައިގެ ވާހަކަ ދައްކައިގެން ޔަމަންގެ މައްސަލައަށް ދާޚިލީ ހައްލެއް ގެނެވޭނެ ކަމަށާ އެކަމަށް ފުރުސަތު ނުދެނީ އެމެރިކާ އަޑީގައި އޮވެގެން ސައުދީއާއި ޔޫއޭއީން ކަމަށްވެސް އަލްޖަޒީރާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޫޘީންގެ ތަރުޖަމާނު މުހައްމަދު އަބްދުއްސަލާމް ވިދާޅުވިއެވެ.

ހޫޘީން ޑްރޯން ބޭނުކޮށްގެން މިދިޔަ ހޯމަ ދުވަހު ދިން ހަމަލާތަކެއް ސައުދީގެ ތެލާބެހޭ މަރުކަޒުތަކަށް އެރިކަމަށް ސައުދީ ސަރުކާރުންވަނީ އެއްބަސްވެފައެވެ. މިއީ މިހާތަނަށް ހޫޘީން ސައުދީއަށް ދީފައި ނުވާ ވަރުގެ ވަރުގަދަ ޙަމަލާތަކެކެވެ.

ސައޫުދީ ތެލާބެހޭ ވަޒީރު ޚާލިދު އަލްފާލިޙު ވިދާޅުވީ ހޫޘީ ޖަމާއަތުން ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއް އެގައުމުގެ އިރުމަތީ ސަރަހައްދުގައިވާ ތެލާބެހޭ ދެ ސްޓޭޝަނަކަށް އެރުމުގެ ސަބަބުން އެ ދެތަނުގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބުނުކަމަށާއި ނަމަވެސް އަލިފާންގަނޑު ނިއްވާލުމަށްފަހު އެ ދެ ސްޓޭޝަން އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަމުގައެވެ. ހޫޘީން ވަނީ ސައޫދީ އާ ދެކޮޅަށް ދިނީ ވަރަށް ކާމިޔާބު ހަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ.

ހޫޘީންގެ އިސްވެރިއެއް ކަމަށްވާ މުހައްމަދުލް ބަޚްތީ ވިދާޅުވީ ހަމަލާދޭ ޑްރޯންގެ ހަތް ޑްރޯން ބޭނުންކޮށްގެން ދިން އެ ހަމަލާތައް ސައުދީގެ މުހިންމު މަރުކަޒުތަކަށް އަރާފައިވާ ކަމަށާއި ހޫޘީންގެ އަމާޒަކީ ސައުދީގެ އިގްތިސާދު ކަމުގައެވެ. ސައުދީއާއި ޔޫއޭއީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޔަމަންގެ 30،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެ ގައުމުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އެނޫންވެސް މަދަނީ އިންފްރާސްޓްރަކްޗާ ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި ޔަމަންގެ އާބާދީގެ 70 އިންސައްތަ މީހުންވަނީ ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައެވެ.

ސައުދީއާއި ޔޫއޭއީ އިގްތިސާދީ ގޮތުން އިނދަޖައްސާލެވިގެން ނޫނީ އެ ދެ ގައުމުން ޔަމަނަށް ދޭ އުދުވާން ނުހުއްޓުވޭނެ ކަމަށާއި ޔަމަނުގެ ހަނގުރާމަވެސް ނިމުމަކަށް ނުގަނެވޭނެ ކަމަށް ބަޚްތީ ވިދާޅުވިއެވެ. އަދި ސައުދީން ޔަމަނަށް ހަމަލާދޭނެނަމަ ސައުދީއަށް ހަމަލާ ދިނުމުގެ ހައްގު ޔަމަނަށްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައުދީ ސަރުކާރުން ވަނީ ހޫޘީންގެ ޑްރޯން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކޮށް އެމައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.

ސައޫދީ ދިފާއީ ވަޒީރުގެ ނައިބު ޚާލިދް ބިން ސަލްމާން ވިދާޅުވީ ހޫޘީންގެ ޑްރޯން ހަމަލާތަކުގެ ފަހަތުގައިވަނީ އިރާން ކަމަށާއި އެ ހަމަލާ ދިނީވެސް އިރާނުން ކަމަށް ތުހުމަތުކުރައްވާފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ނޫނީ ސައުދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ދިން ހަމަލާ ކުށްވެރިކޮށް ސައުދީއަށް ހަމްދަރުދީ ފާޅުކޮށްފައެއް ނުވެއެވެ.

ހޫޘީންގެ ޑްރޯން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ސައުދީން ޔަމަނުގެ ވެރިރަށް ސަންއާގެ އާންމުން ދިރިއުޅޭ ގެތަކަށް ދިން ވައިގެ ވަރުގަދަ ހަމަލާތަކެއްގައި ހަ މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާއިރު މަރާލި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މީހުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް