ތަފާތު ރަަހަތަކަކާ އެކު މިފަހަރު އުރީދޫ ބަދިގެއިން ނަހޫ!

ފޭސްބުކް އާއި އިންސްޓަގްރާމްގައި ހޯމް ކުކްސްއާއި ކުކިން ބްލޮގާސް ހޯދާލި އިރު ފާހަގަވި އެކަކީ އާމިނަތު ނަހުދާ މައުރޫފް (ނަހޫ) ހިންގަމުން އަންނަ ނަހޫ'ސް ޕޭޖެވެ. ހީނާއެޅުމާއި، ބޭކް ކުރުމުގެ އިތުރަށް ކެއްކުމުގެ އެކި ފޮޓޯއާއި ވީޑިއޯއިން އޭނާގެ ފީޑު އޮންނަނީ ފުރިފައެވެ. ނަހޫއަކީ އަހަރެމެންގެ އުރީދޫ ބަދިގޭގެ ތިންވަނަ މެހެމާނު ވެސް މެއެވެ.

ވަރަށް މަޖާ ރަހުމަތްތެރި މިޒާޖެއްގެ ނަހޫ ބުނާ ގޮތުން ކެއްކުމަކީ އޭނާ ކުރާހިތުން ހަމަ ކޮށްލާ ކަމެކެވެ. އެންމެ ފުރަތަމަ އޭނާ ކައްކާ އެއްޗެހީގައި ފޮޓޯ ސޯޝަލް މީޑިއާގައިި ހިއްސާކުރަން ފެށި އިރު ގިނަ ބަޔަކަށް އޭނާއަކީ ކާކުކަން ނުވެސް އެނގެ އެވެ. އެހެން ނަމަވެސް 2017ގައި ކައްކާ ވީޑިއޯތަކުގެ ޓައިމް ލެޕްސް ހިއްސާކުރަން ފެށުމުން ވަރަށް ގިނަބަޔެއްގެ ސަމާލުކަން އޭނާގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް އަމާޒުވި އެވެ. އަދި އެކި ފަރާތްތަކުން ރެސިޕީ ހޯދަން ފެށީ ވެސް އޭރުއްސުރެ އެވެ. އެއާ އެކު ކެއްކުމާއި ކައްކާ ވީޑިއޯއާއި ރެސިޕީ ހިއްސާކުރަން ފެށުނެވެ. މިހާރު ކުޑަ ނަމަވެސް ޝައުގުވެރި އެއްޗެއް އޭނާގެ ބަދިގޭގައި ތައްޔާރު ކުރެވޭނަމަ އެއެއްޗެއްގެ ރެސިޕީ އޭނާގެ މީސްމީޑިއާއިން ފެންނަން ހުންނާނެއެވެ.

ކިތަންމެ ފޯރީގައި ކެއްކުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް ނަހޫގެ އަސްލު ދާއިރާ މިކަމާ ތަންކޮޅެއް ދުރެވެ. ނަހޫއަކީ މޯލްޑިވެސް ނެޝަނަލް ޔުނިވާސިޓީގައި ބެޗްލާސް އޮފް ޓީޗިން ސެކަންޑްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ކިޔެވުމަށްފަހުވެސް ކެރިއާއެއްގެ ގޮތުގައި ކެއްކުން ކުރިއަށްގެންދާނަންތޯ ނުވަތަ ނޫންތޯ އަދި ނުނިންމައެވެ.

ނަހޫގެ ހުނަރުވެރިކަން އެކިއެކި ދާއިރާތަކުން ފެންނައިރު ނަހޫ އެކަންކަމުގެ ތެރެއިން އެންމެ ކުރާހިތްވާ ކަމަކީ ކޮބައިކަން ބުނެދޭކަށް ނަހޫއަކަށް ނޭނގެ އެވެ.

"ކޮންމެކަމެއްވެސް ޑިޕެންޑްވަނީ މޫޑަށް. މިސާލަކަށް ހީނާއަކީ ބޮޑަށް ތެރަޕީއެއްގޮތަށް ކުރާކަމެއް. ވަރަށް ބުރަކޮށް ބިޒީކޮށް އުޅޭ ދުވަހެއްނަމަ ނިދުމުގެ ކުރިން ކޮންމެވެސް ވަރަކަށް އެކަން ކޮށްލެވޭ. އޭރުން ވަރަށް ބޮޑަށް ރިލެކްސްވެވޭ،" ނަހޫ ބުންޏެވެ.

ނަހޫ ބުނި ގޮތުގައި މިވީ މުއްދަތުގައި އޭނާ ހިއްސާކުރި ރެސިޕީތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކަމުދިޔަ ރެސިޕީއަކީ އޭނާގެ ޗިޕްސްމޯ ޗޮކްލެޓް ކުރީމްއެވެ. މި ރެސިޕީއަށް 250 އަށްވުރެ ގިނަ ޝެއާއާއި 300 އަށް ވުރެ ގިނަ ކޮމެންޓް ހަމައެކަނި ފޭސްބުކްއިން ލިބުނެވެ.

އެހެންކަމުން އުރީދޫ ބަދިގޭގައިވެސް ނަހޫގެ ފުރަތަމަ ރެސިޕީއެއްގެ ގޮތުން މި ގެނެސްދެނީ މި ރެސިޕީއެވެ.

comment ކޮމެންޓް