ސިސިލްފަރު މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވެ، ޝަރީއަތަށް

ސިވިލް ކޯޓު ----

މި އަހަރުގެ ހައްޖު މޫސުމުގައި މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދީފައި ނުވުމުން އެކުންފުނިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރާ ދައުވާގެ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގައި އެ މައްސަލަ ހައްލު ނުވުމުން، އެ މައްސަލަ ޝަރީއަތަށް ގެންދަން ނިންމައިފިއެވެ.

ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެނީ އެ ކުންފުނިން ހަދާ އިވެލުއޭޝަނަކަށް ފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ކުންފުނިތަކަށެވެ. އެ އިވެލުއޭޝަންގައި މި އަހަރު ހަތް ވަނަ އަށް ދިޔަ ސިސިލްފަރަށް ހުއްދަ ދީފައި ނުވެއެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީއިން ކުންފުނިތަކަށް ޕޮއިންޓު ދީފައި ވަނީ ޕޮއިންޓު ދޭން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ. އަދި މިނިސްޓްރީއިން ކުންފުނިތައް ހޮވާފައި ވަނީ ކުންފުނިތައް ހޮވުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އޮންނަ ގޮތާ ހިލާފަށް ކަމަށެވެ.

އެ މައްސަލައިގައި ސުލްވެރި ހައްލަކަށް ވާސިލުވެވޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާ ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ސުލްވެރި ހައްލަކަށް ވާސިލު ނުވެވި އެ މައްސަލަ ޝަރީއަތަށް ގެންދަން ނިންމާފައިވާ ކަމަށް ސިސިލްފަރުގެ ވަކީލު އަހްމަދު ނާޒިމް ސައްތާރު ވަނީ ވިދާޅުވެފައެވެ.

ސިސިލްފަރުން އެ މައްސަލައިގައި އެދެނީ އިސްލާމިކް މިނިސްޓްރީގެ އިވެލުއޭޝަން އަކީ ބާާތިލު އިވެލުއޭޝަނެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ފަސް ކުންފުންޏަށް ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

މި އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައި ވަނީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕް އާއި މިނާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

comment ކޮމެންޓް