ލަންކާގެ އިމާރާތެއްގައި ދިވެހީންނަށް ދިރިނޫޅެވޭނެ ކަމަށް އަންގައިފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔުނިވަސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހްމަދު މާހިރު ދީދީ

ލަންކާގެ ކޮލަމްބޯގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތެއްގައި ދިވެހީންނަށް ނޫޅެވޭނެ ކަމަށް އެ އިމާރާތުގެ ވެރިފަރާތުން އަންގައިފިއެވެ.

ދިވެހީންނަށް ނޫޅެވޭނެ ކަމަށް އަންގާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔުނިވަސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހްމަދު މާހިރު ދީދީ ލަންކާގައި ދިރިއުޅުއްވާ ޕެންޓްހައުސް ހުންނަ އިމާރާތުންނެވެ.

އެކަން އޭނާ ވަނީ ލަންކާގެ "އައިލެންޑް ފައިނޭޝަލް ރިވިއު" އަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވައިފައެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި އެކަން އޭނާއަށް އެންގީ އީމެއިލްއެއް މެދުވެރިކޮށެވެ. އަދި އެގޮތަށް އިމާރާތުގެ ވެރިފަރާތުން ނިންމީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް ބުނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ސިފަ ކުރައްވާފައި ވަނީ އެ ނިންމުމަކީ ކަނޑައެޅިގެން ވަކި ބަޔަކާ މެދު ތަފާތު ކުރުމުގެ އަމަލެއްގެ ގޮތުގައެވެ.

"އަޅުގަނޑު އެ ޕެންޓްހައުސްގައި ދިރިއުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ. ލަންކާއަށް ދާ ކޮންމެ ފަހަރަކު މަޑު ކުރަނީ އެތަނުގައި. ދުވަހަކުވެސް ބަލައިނުގަނެވޭނެ ފަދަ އަމަލެއް ކޮށްފައި ނޯންނާނެ. އަމާން ކަމާއި، ސަލާމަތަށް އަޅުގަނޑު އަބަދުވެސް އިސްކަން ދެން،"

"އަޅުގަނޑަކީ އަމާންކަމާއި ހަމަޖެހުމަށް ލޯބި ކުރާ މީހެއް، ދުވަހަކުވެސް، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދެއް ނުކުރަން އަދި އެފަދަ ޖަމާއަތްކާ އެއްކޮޅަށް ވާހަކައެއް ނުދައްކަން،" މާހިރު "އައިލެންޑް ފައިނޭޝަލް ރިވިއު" އަށް ވިދާޅުވިއެވެ.

މާހިރަކީ ލަންކާގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި އިންވެސްޓު ކޮށްފައިވާ ފަރާތެކެވެ. އޭނާ ވިދާޅުވެފައި ވަނީ، އެ ގައުމުގައި އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޭނާ ލަންކާގައި ކުރާ އިންވެސްޓްމެންޓްތަކާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށެވެ.

މިދޔަ މަހު ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު، އެގައުމުގެ މުސްލިމުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން މުސްލިމުން ދިރިއުޅޭ ތަންތަނާއި މިސްކިތްތަކަށް ދަނީ ގެއްލުން ދެމުންނެވެ.

comment ކޮމެންޓް