ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 12: ޢަޒީޒުގެ އަނބިކަނބަލުން 2

"އަޅުގަނޑުގެ ރައުޔަކީ މި ވަގުތު ތުހުމަތުގެ އިނގިލި އެމީހަކާ ދިމާއަށް އަމާޒު ކުރެވިފައި ވާ އުސްމާނު މި ކަމުން ބަރީއަ ވެގެން ވެޔޭ. އޭނާގެ މައްޗަށް ތުހުމަތުގެ އިނގިލި އަމާޒު ކުރުވާން މަސައްކަތް ކުރާ މީހަކު އެބަ އުޅޭ." ގާޒީ ވިދާޅުވިއެވެ.

"މަރުވި މީހާގެ ދަރިފުޅާއި އޭނާގެ ފިރިމީހާއަށް ވާރުތަ މުދަލުގެ ފައިދާ އޮތީ. އެކަމަކު އެ ދެމީހުން އެ ވަގުތު ތިބީ އެއް ތަނެއްގައި." މުފްތާޙު ވިދާޅުވިއެވެ.

"އަޅުގަނޑު ހައިރާން ވަނީ ވަޅިއަކުން ހަމަލާ ދެވުނު އިރު މަރުވި މީހާ ހަޅޭއް ލެވި އަޑު އެއްވެސް މީހަކަށް ނީވޭތީ." ގާޒީ ވިދާޅުވިއެވެ.

"އާދެ!" މުފްތާޙު ވިދާޅުވިއެވެ.

*****

"ދަރިފުޅު ހިތާމަވެރިކަން ފާޅުވާ ފަދަ ހެދުމެއް ލައިގެން ތިހިރީ ކީއްވެ؟" ގާޒީ އޭނާގެ ދަރިކަނބަލުން ސަލްމާ ކުރެން އެއްސެވިއެވެ.

"އަޅުގަނޑު މިއައީ އަޅުގަނޑުގެ ރައްޓެއްސެއްގެ ބައްޕަ ނިޔާވެގެން ތަޢުޒިޔާގައި ބައިވެރިވާން ގޮސްފަ." ސަލްމާ ޖަވާބު ދިނެވެ.

"ތިޔަ ބުނަނީ ޒުމުއްރުދާގެ ބައްޕަ ޔާގޫތުގެ ވާހަކަ ތަ؟" ގާޒީ އެއްސެވިއެވެ.

"އާދެ! ބައްޕާ. އަޅުގަނޑު އަޑު އެހީން އޭނާގެ ޚާދިމު ކަމަށް އޭނާ ގަތުލު ކުރީ. އޭނާ ލައްވައި ގަދަ ކަމުން ވެސް އެ ވާހަކަ ކިޔުއްވާން ވާނެ ބައްޕާ!" ސަލްމާ ބުންޏެވެ.

"އިންސާފުން ކަންތައް ކުރުން އަޅުގަނޑަށް އޮތީ. ދަރިފުޅާ! އެއްހާސް މުޖުރިމުން ފިލައިގެން ދިޔަޔަސް، ކުށެއް ނެތް މީހެއްގެ މައްޗަށް ނުހައްގުން އަދަބެއް ލިބުމަށް ވުރެ ރަނގަޅު." ގާޒީ ވިދާޅުވިއެވެ.

"އަޅުގަނޑު އަޑު އެހިން އޭނާގެ ހެދުންތަކުގެ ތެރެއިން ކަމަށް ވަޅި ވެސް ފެނުނީ." ސަލްމާ ބުންޏެވެ.

"ﷲ ގެ ނަބިއްޔާ ޔޫސުފުގެފާނާ ދެކޮޅަށް ވެސް ހެކިތަކެއް އުފެއްދި. އެކަލޭގެފާނުން މިސްރުގެ އަޒީޒުގެ އަންހެން ކަމަނާ އަރިހުގައި ހުންނެވި އިރު." ގާޒީ ވިދާޅުވިއެވެ.

"ބައްޕަ ތިޔަ ދައްކަވަނީ ކޮން ވާހަކައެއް ކަމެއް އަޅުގަނޑަކަށް ނޭނގުނު." ސަލްމާ ބުންޏެވެ.

"ދަރިފުޅަކަށް ނޭނގޭ ތަ، ﷲ ގެ ނަބިއްޔާ ޔޫސުފުގެފާނާއި މިސްރުގެ އަޒީޒުގެ އަންހެން ކަމަނާގެ ވާހަކަ؟" ގާޒީ އެއްސެވިއެވެ.

"އާދެ! ބައްޕާ! އަޅުގަނޑަކަށް ނޭނގޭ. އެއީ ރަނގަޅު އަންހެން ބޭކަނބަލެއް ތޯ؟" ސަލްމާ ސުވާލު ކުރިއެވެ.

"ދަރިފުޅު އެ ވާހަކަ އަޑު އަހާ! އަދި އަމިއްލައަށް ގޮތެއް ނިންމާ! ﷲ ގެ ނަބިއްޔާ ޔޫސުފުގެފާނުގެ ޒަމާނުގައި މިސްރުގެ ވެރިކަމުގައި ހުރީ ހުކްސޫސުންގެ ތެރެއިން ވާ ރަސްކަލެއް. ބުނެވޭ ގޮތުގައި އެ ރަސްގެފާނުގެ ނަންފުޅަކީ އަލްވަލީދު ބުނު އައްރައްޔާދު. އެ ރަސްގެފާނުގެ އިސް ވަޒީރުގެ ނަންފުޅަކީ އަތުފީރު. އޭނާގެ ލަގަބަކީ މިސްރުގެ ޢަޒީޒު."

*****

"ކަނބަލުންނޭ ބަލާ ލަ ބަލަ! އިސް ވަޒީރު ރަސްގެފާނުގެ ކަންފަތްޕުޅު ދޮށުގައި ސިއްރުސިއްރުން ވާހަކައެއް ވިދާޅުވަނީ." އިންގީޒާ ބުންޏެވެ.

"އިސް ވަޒީރު ރަސްގެފާނާ ހާދަ ގާތޭ." ނިރްމީޒާ ބުންޏެވެ.

"އެއީ ރަސްގެފާނުގެ އިސް ވަޒީރެއް ނޫން ތަ؟ އަދި އެ ރަސްގެފާނުގެ ލަޝްކަރުގެ ގާއިދެއް ނޫން ތަ؟ އަދި ރަސްގެފާނުގެ ކަނާތްޕުޅެއް ނޫން ތަ؟" ރުފައިދާ ބުންޏެވެ.

"ރުފައިދާ ތިޔަ ބުނީ ރަނގަޅު ވާހަކައެއް. ހާދަ ހައިބަތު ހުރި މީހެކޭ." އިންގީޒާ ބުންޏެވެ.

"އޭނާގެ ނެތް ތަ ދަރިކަލެއް. އަހަރެމެންނާ ގުޅޭ ކަހަލަ." ނިރްމީޒާ ބުންޏެވެ.

"ކިހިނެއް އޭނާގެ ދަރިކަލަކު ހުންނާނީ؟ އޭނާ އަދިވެސް ކައިވެނި ބައްލަވައެއް ނުގަންނަވާ!" ރުފައިދާ ބުންޏެވެ.

"ކައިވެނި ބައްލަވައެއް ނުގަނެޔޭ؟" ޙައިރާން ކަމާ އެކު ޒުލައިޚާ ވިދާޅުވިއެވެ.

"އާނ. ޒުލައިޚާ! އެހައި ދުވަސް ވީ އިރު ވެސް އަދިވެސް އޭނާ ކައިވެނި ބައްލަވައެއް ނުގަންނަވާ." ރުފައިދާ ބުންޏެވެ.

"ދައުލަތުގެ ކަންތައް ހިންގުމުގައި އޭނާ ވަރަށް އަވަދި ނެތި އުޅުއްވަނީ. އެހެންވެގެން ކައިވެނީގެ ކަންކަމަށް ވަގުތު ހޭދަ ކުރައްވާ ކަށް އޭނާއަކަށް ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާ!" އިންގީޒާ ބުންޏެވެ.

"ޒުލައިޚާ! މިސްރުގެ ޢަޒީޒު އަޅުގަނޑުމެންނާ ދިމާއަށް އެބަ ބައްލަވާ!" ނިރްމީޒާ ބުންޏެވެ.

"ތިޔައީ ވަހުމެއް. އޭނާ އަހަރެމެންނާ ދިމާއަށް ބައްްލަވާން ވީ ކީއްވެ؟" ޒުލައިޚާ ވިދާޅުވިއެވެ.

*****

"ސާހިބާ ޒުލައިޚާ! ތިޔަ ކައިވެނި ކުރެއްވުމަކީ ރަނގަޅު ކަމެކޭ އަޅުގަނޑު ނުދަންނަވާނަން." ޒުލައިޚާގެ ޚާދިމާ ސަބީހާ ބުންޏެވެ.

"ކީއްވެ؟ ސަބީހާ!" ޒުލައިޚާ ސުވާލު ކުރެއްވިއެވެ.

"ވަޒީރު އަތުފީރަކީ އެއްވެސް ގޯސް ސިފައެއް ހުރި މީހެއް ނޫން. އެހެންނަމަވެސް އެއީ ކަމަނާގެ ބައްޕައަށް ވުރެ ވެސް އުމުރުފުޅުން ދޮށީ ބޭފުޅެއް." ސަބީހާ ބުންޏެވެ.

"އަހަރެންނާ އެއް އުމުރުގެ އަންހެން ކުދީންނާ ވާހަކަ ދައްކާ އިރު އެކުދީންގެ ޚިޔާލުތައް ވަރަށް ޅަ. އެމީހުންނަށް ވުރެ އަހަރެންގެ ވިސްނުން މާ ރަނގަޅު. ދިރިއުޅުމުގެ އެއްވެސް އަމާޒެއް ނެތި ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަ ކުރާ ޒުވާން ފިރިހެނުންނާ ކައިވެނި ކުރުމުން ވާނީ ބޮލު ރިހުމަކަށް. އަހަރެން ދެކޭ ގޮތުގައި އަންހެން ކުއްޖަކަށް ހަޔާތުގައި ބޭނުން ވާނީ، އޭނާއަށް ހިމާޔަތް ދެވޭ ފަދަ ފިރިހެނެއް. އޭނާގެ ހިތްހަމަ ޖައްސައިދެވޭ ވަރުގެ މާލީ ތަނަވަސް ކަން ހުރި ފިރިހެނެއް. ނުވަތަ އާމްދަނީ ހޯދުމުގެ ގާބިލުކަން ލިބިފައިވާ ފިރިހެނެއް. އަންހެނަކު އުފާކޮށް ދޭން އެނގޭ ފިރިހެނެއް. އޭނާގެ ދަރީން ފަޚުރުވެރިވާނޭ ފަދަ ބައްޕައަކަށް ވެވޭނެ ފަދަ، މުޖުތަމައުގައި ނަން ހިނގާ ފިރިހެނެއް. އޭނާގެ ހުރިހައި ކަމެއްގައި އެމީހެއްގެ މައްޗަށް ބަރޯސާ ވެވޭނެ ފަދަ ފިރިހެނެއް. މި ހުރިހައި ކަމެއް އަތުފީރުގެ ކިބައިގައި އެބަ ހުރި.

ފިރިހެނުން ބޭނުން ވާނީ، ހަށިގަނޑު ރީތިކޮށް ހުންނަ އަންހެނެއް. ސާފުތާހިރު އަންހެނެއް. އޭނާއަށް އިހުތިރާމް ކުރާނެ އަންހެނެއް. އެހެން މީހުންގެ ކުރިމަތީގައި އޭނާގެ ގަދަރު އުފުލޭ ގޮތަށް ކަންކަން ކުރާނެ އަންހެނެއް. އޭނާގެ ހިތްހަމަ ޖައްސައިދިނުމަށް ކޮންމެ ވަގުތަކު ވެސް އިޖާބަ ދޭނެ އަންހެނެއް. ޝަކުވާ ގިނަ ނޫން އަންހެނެއް. ޝައްކުގެ އިބާރާތްތައް ބޭނުން ނުކުރާނެ އަންހެނެއް. ސުވާލު ގިނަ ނޫން އަންހެނެއް. އޭނާއަށް ކޮންމެ ވާހަކައެއް ހިއްސާ ކުރެވޭނެ އަންހެނެއް. އޭނާގެ ވާހަކަތައް ކަނުލައި އަޑު އަހާނެ އަންހެނެއް. އޭނާ ހާސިލު ކުރާން ބޭނުންވާ ކަންކަމުގައި ބައިވެރި ވާނެ އަންހެނެއް. އުފާވެރި މިޒާޖެއް ހުންނަ އަންހެނެއް. މި ހުރިހައި ކަމެއް އަހަރެންގެ ކިބައިގައި އެބަ ހުރި. ވީ އިރު މި ކައިވެނީގައި ކުރިޔަށް ނުދާން ވީ ކީއްވެ؟" ޒުލައިޚާ ވިދާޅުވިއެވެ.

"އޭނާ ކަމަނައާ ކައިވެނި ބައްލަވައިގެން ކަމަނާގެ މިނިވަން ކަމަށް ހުރަސް އަޅުއްވައިފާނެތީ އަހަރެން ބިރުގަންނަން." ސަބީހާ ބުންޏެވެ.

"އަތުފީރަކީ މީހުން އަޅުވެތިކުރައްވައިގެން ގެންގުޅުއްވާނެ ބޭފުޅެއް ނޫން." ޒުލައިޚާ ވިދާޅުވިއެވެ.

"ކިހިނެއް ތޯ ކަމަނާއަށް އެކަން ޔަގީން ކުރެއްވެނީ؟ ކަމަނާއަށް އޭނާއާ ބައްދަލު ވާހަކަ ދެއްކެެވިފައި ވަނީ ވަރަށް މަދުން." ސަބީހާ ބުންޏެވެ.

"އޭނާގެ މިޒާޖުފުޅާއި ވިސްނުންފުޅު ދެނެގަތުމަށް ތިޔަ ބުނި މަދު ވަގުތުކޮޅު އަހަންނަށް ފުދޭ." ޒުލައިޚާ ވިދާޅުވިއެވެ.

"ކަމަނާގެ ވިސްނުންފުޅު ތޫނުކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. އެހެންނަމަވެސް ބައެއް ކަންކަން އެނގޭނީ އެކި ޒާވިޔާތަކުން ބަލައިގެން އަދި އެކަމަށް ވަގުތު ވެސް ހޭދަކޮށްގެން. ކެތްތެރިވެގެން." ސަބީހާ ބުންޏެވެ.

"ކެތްތެރިކަމޭ! ފުރުސަތު ގެއްލިގެން ދާން ދެން ގޮތް ނިންމާން ނޭނގިފައި ހުންނާން ވީ ތަ؟ ލިބޭ ފުރުސަތުތައް ބަލައިގަތުމުގައި ވަގުތު ނަގައިލުމަކަށް ކެތްތެރިވުމެކޭ ނުކިޔާނެ. އެއީ ގަބުކަމާއި ކޮށިކަން. އެއީ ނެގިމަޑުވުން. އެހެންނަަމަވެސް ތިމާ އެދޭ ކަމެއް ހާސިލުކުރުމުގައި ކުރިމަތިވާ ހުރަސްތައް ގިރާ ކުރުމުގައި ހޭދަ ކުރާ ވަގުތުތައް ދިގުލައިގެން ދިޔަ ނަމަވެސް ހިތްވަރު ދޫނުކޮށް ކުރިޔަށް ދިއުން ކެތްތެރިކަމަކީ. މިސްރުގެ އަޒީޒު ވަނީ އަހަރެންގެ ކައިވެންޏަށް އެދިވަޑައިގެންފައި. ވީ އިރު މި ފުރުސަތު އަހަރެން ދޫކޮށެއް ނުލާނަން. - އަޒީޒުގެ އަނބިކަނބަލުން ޒުލައިޚާ - މިހެން ގޮވައިލެވޭ ގޮވައިލުމުގެ އަގު ކަލެއަށް ވަޒަން ނުކުރެވެނީ ތަ ސަބީހާ!" ޒުލައިޚާ ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް