ރޯދައިގެ ވަސިއްޔަތް: އާޔަތުލް ކުރުސީގެ މާތްކަން

މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ކީރިތި ގުރްއާނަކީ އެއިން ޝިފާއާއި ބަރަކާތް ހާސިލުކުރުމަށްޓަކައި މިއުންމަތަށް މާތްﷲ ދެއްވާފައިވާ ބޮޑުވެގެންވާ، ދެމިގެންވާ މުއުޖިޒާތެވެ. އެ ގުރްއާނަކީ މީސްތަކުންގެ ހިތްތަކުގައިވާ ބަލިތަކަށް ޝިފާއެކެވެ. ޖިސްމާނީ ބަލިތަކުން ރައްކާތެރިކޮށްދޭ ފަރުވާއެކެވެ. ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދޭ ރޫހާނީ ބާރެކެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަކޮށްދޭ ހިދާޔަތުގެ ނޫރެކެވެ. ގުރްއާން ކިޔެވުމަކީ ހިތުގެ ހަމަޖެހުން ގެނުވައި ދިރިއުޅުން ބާއްޖަވެރިކޮށްދޭ ކަމެކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ" (يونس 57) މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟުރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙުމަތެއް އަތުވެއްޖެކަން ކަށަވަރެވެ."

އާޔަތުލް ކުރުސީއަކީ ކީރިތި ގުރްއާންގެ އެންމެ މާތް އާޔަތެވެ. އަދި އެއާޔަތް ކިޔަވުމުން ނުހަނު ގިނަ މަންފާތައް ލައްވާފައިވާ އާޔަތެކެވެ. އެ އާޔަތުގައި މާތްﷲގެ އެއްކައުވަންތަކަމުގެ ހެކިތަކުގެ ތެރެއިން ތައުހީދުލްރުބޫބިއްޔާއާއި، ތައުހީދުލްއުލޫހިއްޔާއާއި، އަލްއަސްމާ ވައްސިފާތުގެ މައްޗަށް ފުރިހަމަ ދަލީލު ލިބެއެވެ.

އާޔަތުލް ކުރުސީ ކިޔެވުމަކީ ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެނިވި ކަމެކެވެ. ނިދުމުގެ ކުރީގައި އާޔަތުލް ކުރުސީ ކިޔުން ސުންނަތްވެގެންވެއެވެ. ނިދުމުގެ ކުރިން އާޔަތުލް ކުރުސީ ކިޔައިފި މީހާއާއި، ފަޖުރުގެ އަލިކަން ފާޅުވަންދެން ޝައިތާނާ ކައިރި ނުވާނޭ ކަމުގައްޔާއި، މާތް ﷲ ހަޟުރަތުން އޭނާއަށް ރައްކާތެރިކަން ލިބިގެންވާކުމުގައި ރިވާވެގެންވެއެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފިޠުރު ޒަކާތަށް އެއްކޮއްފައިހުރި ތަކެތި ރައްކާތެރިކުކުރުމަށް ފާރަވެރިޔަކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނާ ހަމަޖެއްސެވިއެވެ. ދެން، އެ ކާބޯތަކެތީން ވައްކަންކުރަން އުޅުނު މީހަކު ތިމަންކަލޭގެފާނަށް ހިފުނެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. ކަލޭ ގެންދާނީ ކީރިތި ރަސޫލާގެ އަރިހަށެވެ." އޭނާ ބުންޏެވެ. "ތިމަންނާއަކީ ބޭނުން ޖެހިފައިވާ ފަޤީރަކީމެވެ. އަދި ތިމަންގެ ދަރީން އެބަތިއްބެވެ. ކާބޯއެތިކޮޅަކަށް ތިމަން މިވާނީ ނުހަނު ބޮޑަށް ބޭނުން ޖެހިފައެވެ." ދެން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. ހެދުނުވުމުން، ކީރިތި ރަސޫލާ صلى الله عليه وسلم އާއި ބައްދަލުވެވަޑައިގަތުމުން ހަދީޘް ކުރެއްވިއެވެ. "އޭ އަބޫ ހުރައިރާއެވެ! ރޭގައި ހައްޔަރު ކުރެވުނު އަސީރާމެދު ޢަމަލުކުރެއްވީ ކިހިނަކުން ތޯއެވެ؟" ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އޭނާގެ ދަރިން ގިނަކަމުގެ ވާހަކައާއި އޭނާގެ ނިކަމެތިކަން ބޮޑުކަމުގެ ވާހަކައިން ޝަކުވާ ކުރުމުން، އޭނާއާ މެދު ތިމަންގެ ހިތަށް ރަޙުމުވަދެ އޭނާ ދޫކޮށްލީއެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އޭނާ ކަލޭގެފާނަށް އެހެދީ ދޮގެކެވެ. އޭނާ އަދިވެސް އަންނާނެއެވެ!"

ކީރިތި ރަސޫލާ صلى الله عليه وسلم އެފަދައިން އޭނާ އަންނާނޭ ކަމުގައި ހަދީޘްކުރެއްވުމުން، އޭނާ އަންނާނޭކަން ޔަގީންވެ އޭނާ ހިފުމަށް ތިމަންކަލޭގެފާނު ފާރަވެރިވެގެން ހުންނެވީމެވެ. ދެވަނަ ރޭވެސް ޒަކާތަށް އެއްކޮށްފައިވާ ކާބޯތަކެތީން އޭނާ ވައްކަން ކުރަނިކޮށް ހިފުނެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "ކަލޭ ގެންދާނީ ކީރިތި ރަސޫލާގެ އަރިހަށެވެ." އޭނާ ބުންޏެވެ. "އަހަރެން ދޫކޮށްލާށެވެ! އަހަރެންގެ ދަރިން ގިނަވެފައި ނިކަމެތިކަން ބޮޑުވީމާ، މިތަކެއްޗަށް ބޭނުން ޖެހިފައިވަމެވެ. ދޫކޮށްލައިފިނަމަ ދެން ނާންނާނަމެވެ." ދެން ތިމަންކަލޭގެފާނު، އޭނާއާމެދު ޙަމްދަރުދީވެ އެރޭވެސް އޭނާ ދޫކޮށްލީމެވެ. އެރޭ ފަތިހު ކީރިތި ރަސޫލާ صلى الله عليه وسلم އާއި ބައްދަލުވުން ޙަދީޘް ކުރެއްވިއެވެ. "އޭ އަބޫ ހުރައިރާއެވެ! ރޭގައި ހައްޔަރު ކުރެވުނު އަސީރާމެދު އަމަލުކުރެއްވީ ކިހިނަކުން ތޯއެވެ؟" ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އޭނާގެ ދަރިން ގިނަކަމުގެ ވާހަކައާއި އޭނާގެ ނިކަމެތިކަން ބޮޑުކަމުގެ ވާހަކައިން ޝަކުވާ ކުރުމުން، އޭނާއާ މެދު ތިމަންގެ ހިތަށް ރަޙުމުވަދެ އޭނާ ދޫކޮށްލީއެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އޭނާ ކަލޭގެފާނަށް އެހެދީ ދޮގެކެވެ. އޭނާ އަދިވެސް އަންނާނެއެވެ!"

ދެން އެ ރޭވެސް އޭނާއަށް ފާރަލައިގެން ހުރެ، އޭނާ އައިސް ޒަކާތުގެ ކާބޯތަކެތީން ވައްކަން ކުރަން އުޅެނިކޮށް ތިންވަނަ ފަހަރަށް ހިފުނެވެ. ތަމަންކަލޭގެފާނު ދެންނެވީމެވެ. "ކަލޭ ގެންދާނީ ކީރިތި ރަސޫލާ ގެއަރިހަށެވެ. މިއީ ނާންނާނަމޭ ބުނެފައި އަލުން އައިސް ކާބޯތަކެތި ނަގަން އުޅެނިކޮށް ހިފުނު ތިންވަނަ ރެއެވެ." އޭނާ ބުންޏެވެ. "ތިމަން ދޫކޮށްލައިފިނަމަ، އެ ކަލިމަތަކެއް ކިޔުން ތިބާއަށް ﷲ ގެ ޙަޟުރަތުން ނަފާވަނިވި ކަލިމަތަކެއް ބުނެދޭނަމެވެ."

އަބޫ ހުރައިރާ ވިދާޅުވިއެވެ. "އެއީ ކޮން ކަލިމަތަކެއް ހެއްޔެވެ؟" އޭނާ ބުންޏެވެ. "ތިބާ ނިދަން އޮށޯވެއްޖެނަމަ އާޔަތުލް ކުރުސީ ކިޔާށެވެ. އެ އާޔަތް ކިޔައިފިނަމަ، ﷲ ގެ ރައްކާތިރިކަން ތިބާއަށް ލައްވާނެތެވެ. އަދި ފަތިސްވަންދެން ޝައިޠާނަކު ތިބާޔާ ކައިރި ނުވާނެތެވެ." އަބޫ ހުރައިރާ ވިދާޅުވިއެވެ. ދެން ތިމަން ކަލޭގެފާނު އޭނާ ދޫކޮށްލީމެވެ.

އެރޭ ފަތިހު ކީރިތި ރަސޫލާ صلى الله عليه وسلم އާ ބައްދަލުވުމުން ޙަދީޘް ކުރެއްވިއެވެ. "ކަލޭގެފާނުގެ އަސީރު ރޭގައި ހެދީ ކިހިނެއްހެއްޔެވެ؟" ތިމަންކަލޭގެފާނު ދެންނެވީމެވެ. "މާތް ﷲ ގެ ޙަޟުރަތުން ނަފާ ލިބެނިވި ކަލިމަތަކެއް ދަސްކޮށްދޭނަމޭ ބުނުމުން އޭނާ ދޫކޮށްލީއެވެ." ޙަދީޘް ކުރެއްވިއެވެ. "އެއީ ކޮންކަލިމަތަކެއް ތޯއެވެ." ތިމަންކަލޭގެފާނު ދެންނެވިއެވެ. "އޭނާ ބުންޏެވެ. ތިބާ ނިދަން އޮށޯވެއްޖެނަމަ އާޔަތުލް ކުރުސީ ކިޔާށެވެ. އެއާޔަތް ކިޔައިފިނަމަ، ﷲ ގެ ރައްކާތިރިކަން ތިބާއަށް ލައްވާނެތެވެ. އަދި ފަތިސްވަންދެން ޝައިޠާނަކު ތިބާޔާ ކައިރި ނުވާނެތެވެ." -އަބޫ ހުރައިރާ އަކީ ހެޔޮ ކަންކަން އުނގެނިވަޑައިގަތުމަށް ނުހަނު ސަމާލުކަން ދެއްވާ ބޭކަލެކެވެ.- ދެން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އޭނާ ކަލޭގެފާނުގެ ގާތުގައި އެބުނީ ތެދެކެވެ. ނަމަވެސް އޭނާއަކީ ދޮގުވެރިއެކެވެ. އޭ އަބޫ ހުރައިރާއެވެ. ތިން ރޭވަންދެން ވާހަކަ ތިޔަ ދެއްކެވީ ކާކާ ކަން އެނގިލައްވާތޯއެވެ؟" ތިމަން ނޫނެކޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "އެއީ ޝައިތާނާއެވެ." ޙަދީޘް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއެވެ.

އާޔަތުލް ކުރުސީއަކީ ކީރިތި ގުރްއާންގެ އެންމެ މާތް އާޔަތެވެ. އަދި އެ އާޔަތް ކިޔަވުމުން ނުހަނު ގިނަ މަންފާތައް ލައްވާފައިވާ އާޔަތެކެވެ. އެ އާޔަތުގައި މާތް ﷲ ގެ އެއްކައުވަންތަކަމުގެ ހެކިތަކުގެ ތެރެއިން ތައުހީދުލް ރުބޫބިއްޔާއާއި، ތައުހީދުލް އުލޫހިއްޔާ އާއި، އަލްއަސްމާ ވައްސިފާތުގެ މައްޗަށް ފުރިހަމަ ދަލީލު ލިބެއެވެ.

އަބޫ އުމާމަތުލް ބާހިލީ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި آية الكرسي ކިޔާފިމީހާ ސުވަރުގެ ވަނުމާއި އޭނައާއި ދެމެދުގައިވަނީ މަރުވުމެވެ." އެބަހީ އޭނާއަށް އެހާވެސް ފަސޭހަކަމާއެކު ސުވަރުގެ ވަދެވޭނޭއެވެ. أخرجه النسائي في السنن الكبرى، والطبراني في المعجم الكبير، وابن السني، وصححه الألباني

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލް ކުރުސީ ކިޔުން ސުނަތްވެގެންވެއެވެ. އަދި ނަމާދަށްފަހުގައި އެއާޔަތް ކިޔުމުންގައި ހުރި މަތިވެރިކަންވެސް އެ ޙަދީޘްފުޅުގައިވަނީ ބަޔާންކޮށްދެއްވާފައެވެ.

ހެނދުނާއި ހަވީރުގެ ދުޢާގެ ތެރޭގައިވެސް އާޔަތުލް ކުރުސީ ކިޔުން ހިމެނެއެވެ. އަދި މިނޫނަސް އާޔަތުލް ކުރުސީގެ މާތްކަމާމެދު އެތައް ޙަދީޘްފުޅުތަކެއް ވާރިދުވެފައިވެވެ. މި މާތް މައްސަރުގައި ކީރިތި ޤުރްއާނުގެ ބަރަކާތާއި ހޯދުމަށް މަސައްކަތް ކުރުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް