މުންކަރާތް ނަހީކުރުމުގައި މުއައްސަސާތަކުން ވާޖިބު އަދާކުރަން ޖެހޭ: ޚުތުބާ

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ: މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް މަނާކުރުމުގެ މުހިންމު ކަމުގެ މައްޗަށް --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

މުންކަރާތްތައް ނަހީކުރުމުގައި އެ ބަޔަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ތެރެއިން ހުރިހާ މުއައްސަސާތަކުންވެސް އެބައެއްގެ ވާޖިބު އަދާކުރަން ޖެހޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް މަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ހުކުރު ޚުތުބާގައި ބުނެފައިވަނީ، ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި އުންމަތަކީ އެންމެ ހެޔޮ އުންމަތްކަމުގައި ވެފައިވަނީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މައްޗައް ކަމަށެވެ.

ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ، އަމާންކަމުން ނާމާންކަމަށް ބަދަލުވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ﷲގެ ކޯފާ ހައްގުވާ އަޅުގަނޑުމެން ކުރާ ދުއާ އިޖާބަވުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކު އެމީހެއްގެ ޒިންމާ ދެނެގަންނަން ޖެހޭނެ. ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާގެ ވާޖިބު އަދާކުރަންޖެހޭނެ. ކޮންމެ މުންކަރާތަކީވެސް މަނާކުރެވެންޖެހޭނެ ކަމެއް،" ޚުތުބާގައި ބުންޏެވެ.

މުންކަރާތްތައް ނަހީކޮށް ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް ކަމަށް ހުތުބާގައި ވަނީ ފާހަގަކުރިއެވެ. ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތްކުރުމުގެ އިތުރަށް ގައުމީ ފެންވަރުގައި މަސައްކަތްކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

"މި އުންމަތުގެ ތެރެއިން ބަޔަކު ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުންދާއިރު އެބައި މީހުންގެ އަތުގައި ހިފާ ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ހުތުބާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް