"ހޮޓަލާއި މިފްކޯއިން ވާ ގެއްލުމުގެ އަސަރު މުޅި އެސްޓީއޯއަށް"

ރޭ އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، ކުންފުނީގެ މާލީ ހާލަތާ ބެހޭގޮތުން މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ޕްރެޒެންޓޭޝަނެއް ދެއްވަނީ ---

ހުޅުމާލޭގައި އެސްޓީއޯ އިން އަޅަންފެށި ހޮޓަލުގެ ސަބަބުން ކުންފުންޏަށްވާ ގެއްލުމުގެ ސަބަބުންނާއި އެސްޓީއޯގެ ދަށުން ހިންގާ ގައުމީ މަސް ކުންފުނި، މިފްކޯ އަށްވާ ގެއްލުމުގެ އަސަރު މުޅި އެސްޓީއޯ ގްރޫޕަށް ކުރާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރިފަހުން މިފްކޯއަށް 839 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް މިފްކޯ އަށް 199 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށެވެ.

ހުޅުމާލޭގައި އެސްޓީއޯއިން އަޅަން ފަށާފައިވާ ހޮޓަލާ ގުޅޭގޮތުން އަމްރު ވިދާޅުވީ އެ ހޮޓަލް އެޅުމުގެ މަސައްކަތް ފެށީ 2007 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން 12 އަހަރު ވީއިރުވެސް އެ ހޮޓަލުގެ ސަބަބުން ކުންފުންޏަށް ގެއްލުން ވަމުންދާ ކަމަށެވެ.

"އެސްޓީއޯގެ ހޮޓަލުގެ މަސައްކަތް އެޗްޑީސީ އާއެކު 2007 ވަނަ އަހަރު ސޮއިކުރީ 25 އަހަރުގެ މުއްދަތަށް. އެ މުއްދަތު 2033 ވަނަ އަހަރު ހަމަވަނެ. 2007 ވަނަ އަހަރު އެސްޓީއޯ އާއެކު ސޮއިކުރެވުނު އެއްބަސްވުމުގައި ވާގޮތުން އަހަރަކު އެނދަކަށް 15000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް. ވަކި ހިސާބަކުން އެ އަދަދަށް ބަދަލު ގެންނަމުންގޮސް 2014 ވަނަ އަހަރު އެއްބަސްވެފައިވަނީ އެނދަކަށް 2400 ޑޮލަރު އަހަރު ދައްކަން،" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު ކާލްސަން ގްރޫޕާއެކު ދެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށާޢި އެ ދެ އެއްބަސްވުމަކީ ހޮޓަލުގެ މަސައްކަތަށް ކޮންސަލްޓޭޝަން ދިނުމުގެ އެއްބަސްވުމަކާއި ހޮޓެލް މެނޭޖުކުރުމަށް އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ.

އެސްޓީއޯގެ ހޮޓެލް ހުޅުވުމަށް އެކި ފަހަރުމަތިން އެކި ތާރީހުތައް ދެވުނުކަން އަމްރު ފާހަގަ ކުރެއްވިއެވެ.

އެސްޓީއޯއިން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިހާރު ފަސް މިލިއަނަށް އަރާފައިވާ ކަމަށާއި، އެ ހޮޓަލުގެ މަސައްކަތަށް ފުރަތަމަ ކަނޑައެޅީ 60 މިލިއަން ޑޮލަރު ނަމަވެސް ކޮންސްޓްރަކްޝަން ފެށުމަށްފަހު ލޯނު ނަގައިގެން މަސައްކަތް ބާރަށް ކުރިއަށްގެންދިޔަ ނަމަވެސް ހޮޓަލުގެ 55 ޕަސެންޓު މަސައްކަތް ނިމިފައިވަނިކޮށް އެސްޓީއޯއިން ހޮޓެލް ހިންގުމުގެ ވިޔަފާރި އަށް ނުވަނުމަށް 2014 ވަނަ އަހަރު ރައީސް އޮފީހުން ސިޓީ ފޮނުވިކަން އަމްރު ފާހަގަ ކުރެއްވިއެވެ. އެ ހިސާބުން ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާކަމަށާއި 2015 ވަނަ އަހަރު އެ ހޮޓާ ވިއްކާލުމަށް ރައީސް އޮފީހުން އެންގިކަން އަމްރު ފާހަގަ ކުރެއްވިއެވެ.

"މިއަދާ ހިސާބަށް 42.9 މިލިއަން ޑޮލަރު އެ ހޮޓަލަށް ހޭދަކުރެވިފައިވޭ،"

https://sun.mv/119261

ހޮޓެލް ވިއްކާލުމަށް އިއުލާނު ކުރުމުން 10 ފަރާތަކުން ކުރިމަތިލިއެވެ. އެގެ ތެރެއިން ފަސް ފަރާތެއް ޝޯޓްލިސްޓު ކުރިނަމަވެސް ހޮޓަލުގެ ސްޓޭޓަސް ހިއްސާކުރުމުން އިންވެސްޓަރުން ފަސްޖެހޭކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެ ހޮޓަލަކީ އަހަރުތަކެއް ކުރީގެ ކޮންސެޕްޓެއް ކަމުން ޒަމާނީ ބަދަލުތައް ހޮޓަލަށް ގެންނަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކާލްސަންއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހޮޓާ މެނޭޖުކުރަން ހަވާލު ކުރަނީ ކާލްސަންއާ. އެތަނަށް ފައިދާ ނުވަންޏާ އެސްޓީއޯއަށް ހޮޓަލުގެ ފައިދާއެއް ނުލިބޭ ގޮތަށް އެގްރިމެންޓް އޮތީ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކާލްސަން ގްރޫޕާއެކު ހެދިފައިވާ އެއްބަސްވުމުގެ ސަބަބުން ހޮޓަލުގެ ވިޔަފާރިއާ ހަވާލުވާން އެއްވެސް އިންވެސްޓަރަކު ބޭނުން ނުވާ ކަމަށެވެ.

ޖުމްލަ 250 ކޮޓަރިއާ އެކު ފަސް ތަރީގެ ފެންވަރަށް އަޅަންފެށި މި ހޮޓަލުގައިހުންނާނީ 195 ސްޓޭންޑަޑް ކިންގް ގެސްޓްރޫމާއި، 24 ސްޓޭންޑަޑް ޓްވިން ރޫމާއި 27 ޑިލަކްސް ރޫމުގެ އިތުރުން ފަސް ސްޓީޑުއޯ ރޫމެވެ. އަދި އޭގެ އިތުރުން އޯލް ޑޭ ޑައިނިންގް ރެސްޓޯރަންޓަކާއި މަދުވެގެން އެއް ސްޕެޝަލްޓީ ރެސްޓޯރަންޓާއި ހަފްލާތައް ބާއްވާ މާލަމަކާއި ޝޮޕިންގް ސަރަހައްދެއް ހިމެނޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން 40 މީޓަރުގެ ޕޫލަކާއި، މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމަކާއި ޕާކިންގް އޭރިއާއާއި ސްޕާއެއް އަދި ޖިމްއެއް ހުންނާނެ ކަމަށް ބުންޏެވެ.

comment ކޮމެންޓް