އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް

މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: އެސްޓީއޯ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސްފިއެވެ.

އެސްޓީއޯ އިން މިރޭ ބޭއްވި އެ ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސް ޕްރައިވަޓައިޒޭޝަން ބޯޑުން އެކަން އަންގާފައިވާ ކަމަށެވެ.

އެސްޓީއޯގެ ބޯޑަށް ސަރުކާރުން އައްޔަނު ކޮށްފައިވާ ބޭފުޅުންނަކީ:

  • ހާމިދު ނަޝީދު މުހައްމަދު / މ. ޗަނބޭލީމާގެ - ޗެއާމަން
  • ހުސައިން އަމްރު މުހައްމަދު ރަޝާދު / ގ. ހައްދުންމަތީ ދެކުނުގެ -މެނޭޖިން ޑިރެކްޓަރު
  • މުހައްމަދު މިހާދު / ފިނޮޅު، ހއ. ކެލާ - އެގްޒެކެޓިވް ޑިރެކްޓަރު
  • ގައިސް އިސްމާއިލް / އަންޑާޕޫލްގެ، ގއ ދާންދޫ - ބޯޑު މެންބަރު
  • ޝިމާދު އިބްރާހިމް / ދިލްޝާދުގެ، ގއ. ދެއްވަދޫ - ބޯޑު މެންބަރު
  • އިސްމާއިލް ޖުމައިލް ރަޝީދު / މ. އައިސްތުމަންޒިލް - ބޯޑު މެންބަރު

މީގެ އިތުރުން މިރޭ ވަނީ އެސްޓީއޯގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން މެންބަރަކު އައްޔަނު ކޮށްފައެވެ. އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ މެންބަރަކަށް އައްޔަނު ކޮށްފައިވަނީ އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އެވެ.

ރުޝްމާއަކީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ސީނިއާ ޓްރެއިނިން ކޯޑިނޭޓަރެެއްގެ އިތުރުން މެޕްސް ކޮލެޖްގެ ލެކްޗަރާ އެކެވެ. ރުޝްމާ ވަނީ އިންޓަނޭޝަނަލް ރެޑްކްރޮސް އަދި ރެޑް ކްރެސެންޓްގެ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓްކަމާއި ބީހައިވް ނަލަހިޔާ ހޮޓަލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވްކަން އަދި، ސިވިލް ސަރވިސް ކޮމިޝަންގެ ޕަބްލިކް ރިލޭޝަން އޮފިސަރުކަމާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އޮފިސަރުކަންވެސް އަދާކުރައްވާފައެވެ.

އޭނާ ވަނީ މާސްޓަރ އޮފް މެނޭޖިރިއަލް ސައިކޮލޮޖީ، ބެޗްލަ އޮފް އާޓްސް (އޮނަސް) އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ބީޓެކް ނެޝެނަލް ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އައިއޭޓީއޭ ޑިޕްލޮމާ އިން އެއަރލައިން ޓިކެޓިން ރެޒަވޭޝަން އެންޑް މާކެޓިން ހައްދަވާފައެވެ.

ރުޝްމާއަކީ 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ އެއް (01) ހިއްސާގެ ވެރިފަރާތެވެ. ރުޝްމާ އެ މަގާމަށް އައްޔަނު ކުރުމަށް 271 ހިއްސާދާރުންގެ ވޯޓާއެކުއެވެ.

comment ކޮމެންޓް