އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި

މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާ ދާރުން ވޯޓުލަނީ -- ފޮޓޯ: އެސްޓީއޯ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ހިއްސާ އަކަށް 58 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ގައި ފާސްކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، ކުންފުނީގެ ހިއްސާ އަކަށް 58 ރުފިޔާ ބަހަން ފާސްކުރި އިރު އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 80 މިލިއަން ރުފިޔާ އެވެ. މިގޮތަށް ފާސްކުރީ މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 504 ހިއްސާ ދާރުންގެ ތެރެއިން 99.80 ޕަސެންޓު ހިއްސާ ދާރުންގެ ވޯޓާއެކުއެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޓީއޯ އަށް މިދިޔަ އަހަަރު ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރުވެފަ އެވެ.

މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

އެސްޓީއޯ އިން ބުނީ އެކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވުން ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ވަލާއިރު މިދިޔަ އަހަރު ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯ އަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ތެލުގެ ވިޔަފާރިން އެކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 47 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2018 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2017 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެވެ.

މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޓިޑް ކުރުމަށް ނަގާފައިވަނީ ކުރީ އަހަރުވެސް އެކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޭޕީއެމްޖީ އެވެ.

އެސްޓީއޯގެ ހިއްސާގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ އާއި އާންމު ރައްޔިތުންގެ 18.37 ޕަސެންޓް ހިއްސާ އެވެ.

comment ކޮމެންޓް