ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓާ ސޭފްޓީ ޕްރޮގްރާމް ހިންގަން ފަށަނީ

ހުޅުމާލެ، ވޯޓާ ސޭފްޓީ މައުލޫމާތު ބޯޑު ތައާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ފަތުރުވެރިންނާއި ދިވެހިންނަށް މޫދުގައި ދިމާވަމުންދާ ހިތާމަވެރި ހާދިސާތައް ހައްލު ކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ދިވެހި ފުލުހުންނާއި ގައުމީ ދިފާއީ ބާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯޓާ ސޭފްޓީ ޕްރޮގްރާމް ހިންގުމަށް ތައްޔާރުވެއްޖެ އެވެ.

އެކަން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލޭ ޓްރެކް ސަރަހައްދުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ޕްރޮގުރާމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މޫދަށް އެރޭ ވަކި ޚާއްސަ ސަރަހައްދު ފާހަގަކޮށް، ސަލާމަތީ ގޮތުން ބޭނުންވާ މައުލޫމާާތާއި ހެދުން އެޅުމުގެ މިންގަނޑު ބަޔާންކޮށް، ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި މައުލޫމާތު ބޯޑުތަކެއް ބެހެއްޓުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

ހުޅުމާލޭ ވޯޓާ ސޭފްޓީ މައުލޫމާތު ބޯޑު ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދުގެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފުލުހުންގެ ޑިޕާޓްމަންޓުގެ އިސްފަރާތްތަކުގެ އިތުރުން ކޯސްޓުގާޑާއި އެމްއެންޑީއެފްގެ އިސްވެރިން އަދި ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި މޫދަށް އެރިއުޅޭ ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާ އެކު މޫދަށް އެރި އުޅޭ ހާއްސަ ސަރަހައްދެއް ހަމަޖެއްސުމުގެ މަސައްކަތް ކައުންސިލްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުގެ މަތިން މޫދަށް އެރި އުޅޭ ސަރަހައްދު ފާހަގަ ކުރުމަށާއި އެ ސަރަހައްދު ތަކުގައި ހެދުން އެޅުމަށް ގެންގުޅެންޖެހޭ މިންގަނޑުތަކާއި ގަވާއިދުތައް ފެންނާނެ ގޮތަކަށް ބޯޑުތަކެއް ޖަހާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު މި އިފްތިތާހު ކުރެވުނު ބޯޑާ އެކު ފަތުރުވެރިކަމަށާއި ދިވެހި ރައްޔިތުންނަށް ރަނގަޅު ބޮޑު ބަދަލުތަކެއް އަންނާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގނޑުމެންގެ އަމާޒަކީ 2020 ވަނަ އަހަރާ ހަމައިން ކުރިން ރާއްޖޭގައި މޫދަށް އެރި އުޅުމުގައި ދިމާވަމުން އައި ހާދިސާތައް ދެގުނައަށް ކުޑަ ކުރުން،"

ވޭތުވެ ދިޔަ އަހަރު އެކަނި ވެސް މޫދުގައި ދިމާވި ހާދިސާތަކުގެ 39 ހާދިސާއެއް ވަނީ ރިޕޯޓު ކުރެވިފަ އެވެ. އެކަންތައް ހައްލު ކުރުމުގެ ގޮތުން މިއަދު ފެށި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިފް ގާޑުން ތަމްރީނުކޮށް ލައިފް ގާޑުންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"ކުރިން ވެއްޖެޔާ ގެސްޓުންގެ ޑްރެސްކޯޑުގެ މައްސަލައެއް ޖެހިއްޖެޔާ އެކަމުގެ ބްލޭމް މި އަންނަނީ ގެސްޓް ހައުސްތަކައް. އެކަމަކު މިއަދު މި އިފްތިތާހު ކުރެވުނު ޕްރޮގުރާމާ އެކު ލައިފްގާޑުން ހަމަޖެހިގެން ދިޔައިމަ ސޭފްޓީ އިޝޫތަކާއި ޑްރެސް ކޯޑުގެ ކަންކަމަށް ހައްލެއް ލިބިގެން ދާނެ،" ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި އެވެ.

ރަށްރަށުގެ މޫދަށް އެރި އުޅޭ ސަރަހައްދުގައި ހަރުކުރެވޭ ބޯޑުތަކުގައި މޫދަށް އެރި އުޅުމުގެ ގަވާއިދުތަކާއި އެކްސްޓްރީމް ވޯޓާ ސްޕޯޓްސް ބޭނުން ކުރެވޭ ސަރަހައްދުތައް އަންގައިދިނުމުގެ އިތުރުން ހާދިސާއެއް ދިމާވެއްޖެ ނަމަ ކަންތައް ކުރަން ޖެހޭ ގޮތުގެ ލަފާ ހޯދުމަށް ގުޅާނެ ނަންބަރުތައް ފެންނަން ހުންނާނެ އެވެ.

މިއަދުގެ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދު މި އިފްތިތާހު ކުރި ބޯޑަކީ ޓުއަރިސްޓު ޕޮލިސްގެ ތަޖުރިބާއާއި ރާއްޖޭން ބޭރުގައި ވެސް މިކަހަލަ މައުލޫމާތު ބޯޑުތައް ހުންނަ ގޮތްތައް ބެލުމަށްފަހު ފަރުމާ ކޮށްފައިވާ ބޯޑެއް ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް ޓޫރިސްޓް ފުލުހުންގެ މަސައްކަތް ފުޅާކޮށް މިހާރަށްވުރެ ގިނަ އަދަދަކަށް އެ މަސައްކަތައް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

comment ކޮމެންޓް