ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތަކަށް އަމަލުކުރުން އީރާނުން ހުއްޓާލައިފި

ތެހެރާން (މޭ 16) : އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާދެމެދު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމަށް ޢަމަލުކުރުން އީރާނުން ހުއްޓާލައިފި އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނީ ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން އީރާނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ފޭލްވެފައިވާތީ ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތާއި ނިއުކްލިޔާ ޕްރޮގްރާމް ތަރައްގީ ކުރުމަށް ބޭނުންވާ މެޝީނަރީ އުފެއްދުމާއި ނިއުކްލިޔާ ޕޮރޮގްރާމް އިތުރަށް ފުޅާކުރުމާ ގުޅޭ ބައެއް މަސައްކަތްތައް އަލުން ފަށަން ނިންމާފައިވާ ކަމުގަ އެވެ.

ނިއުކްލިޔާ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމާ އެކު އެއްބަސްވުމުގައި މިހާރު ދެމިތިބި ފަސްބާރު ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު، ޗައިނާ އަދި ރަޝިޔާއަށް އީރާނުން ވަނީ މިކަން ރަސްމީ ގޮތެއްގައި މިހާރު އަންގާފައި ކަމަށް އެގައުމުގެ ޚާރިޖިއްޔާ އިން ބުނެ އެވެ. ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ ޔުރޭނިއަމް ފައްކާކުރާ މިންވަރު ފަސް އިންސައްތައަށް މަތިނުކުރުމަށް އެއްބަސްވެފަ އެވެ. އަދި ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކާއި އެނޫން ވެސް ނިއުކްލިޔާ ޓެކްނޮލޮޖީއާ ބެހޭ ތަފާތު މެޝިންތައް އަމިއްލައަށް އުފެއްދުން ވެސް އީރާނުންވަނީ ހުއްޓާލާފައެވެ. މީގެއިތުރުން ނިއުކްލިޔާ ޕްރޮގްރާމް އިތުރަށް ފުޅާކޮށް އްޕްގްރޭޑް ކުރުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ވެސް ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން އީރާންވަނީ ހުއްޓާލާފައެވެ.

މި މަސައްކަތް އަލުން ފަށަން އީރާނުން ނިންމީ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އެމެރިކާ ވަކިވުމަށްފަހު އެމެރިކާއިން އީރާނުގެ ތެލުގެ އިންޑަސްޓްރީ އަށާއި ބޭންކިންގް ނިޒާމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ހިމާޔަތް ކޮށްދޭނެކަމަށް އަނެއް ފަސްބާރުން ބުނެފައިވީނަމަވެސް އެގައުމުތަކަށް އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެވިފައި ނުވުމާއެކު އީރާނުގެ ނިއުކްލިޔާ ހައްގުތައް ހިމާޔަތް ކުރުމުގެ ގޮތުން ކަމަށް އީރާނުގެ ޚާރިޖިއްޔާގެ ބަޔާން ބުނެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ މިދިޔަ ހަފްތާގައިވަނީ ނިއުކްލިޔާ އެއްބަސްވުމާ ގުޅިގެން އީރާނަށް ކޮށްދޭންޖެހޭ ކަންތައްތައް އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އަނެއް ފަސްބާރުން ކޮށްނުދޭތީ އީރާނުން ވެސް އެ އެއްބަސްވުމުގައިވާ ގޮތަށް އަކުރުން އަކުރަށް ހުރިހާކަމެއް ނުކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ. މިގޮތުން މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ދެ މަސްތެރޭގައި އަލުން ފަށާނެކަމުގެ އިންޒާރުވެސް ރޫހާނީ ދެއްވި އެވެ. މިއި ޔޫރަޕްގެ ބާރުތައް އެންމެބޮޑަށް ބިރު ގަންނަ މައްސަލައެވެ. ރޫހާނީގެ މިއިންޒާރަށް ފަހު މިދިޔަ ހޯމަދުވަހު ޔޫރަޕްގެ ބޮޑު ތިންބާރު ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ބްރަސަލްސްގައި ކުއްލި ގޮތަކަށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ފަހު އެ ބޭފުޅުން ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެގައުމުތަކުން ތިބީ ތައްޔާރަށް ވިދާޅުވެ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ހިމާޔަތް ކުރުމަށް ވެސް މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން އީރާނަށް ދީފައެވެ.

މިގޮތުން އީޜާނާއެކު ވިޔަފާރި ކުރުމަށްޓަކައި އެމެރިކާ ޑޮލަރުގެ ނިޒާމުން ބޭރުގައި ޔޫރަޕްގެ އިއްތިޙާދުން އުފައްދާފައިވާ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ފުޅާކުރާނެކަމުގެ ޔަގީންކަން ވެސް އެތިން ގައުމުގެ ޚާރިޖީ ވަޒީރުން އީރާނަށް ދެއްވި އެވެ. ނަމަވެސް މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަލުން ފެށުމަށް އީރާނުން ޝަރުތުތައް ކަނޑައަޅައި އެކަމަށް މުހުލަތު ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ޔޫރަޕްގެ ބޮޑު ތިން ބާރުގެ ޚާރިޖީ ވަޒީރުން ވިދާޅުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް