"ލީނާ" ކޮބާ؟ ފިލްމަށް މިވީ ކިހިނެއް؟

ލީނާގެ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކުރާ "ލީނާ"ގެ މަސައްކަތް ފެށީ މިދިޔަ އަހަރު ކުރީކޮޅު އެވެ.

ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލީ ވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ފިލްމު ބެލުމަށް ގިނަ ބެލުންތެރިން އިންތިޒާރުކުރަމުން އައިއިރު ދިގު އިންތިޒާރަށް ކުޑަވެސް އުންމީދެއް ލިބުނީ "ލީނާ"ގެ ޓްރެއިލާ މިއަހަރުގެ ފެބްރުއަރީ މަހު ނެރެ ދައްކާލުމުން އެވެ.

ފިލްމު އެންމެ ފުރަތަމަ އަޅުވަން ނިންމީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. ނަމަވެސް ތާރީހަކަށްފަހު ތާރީހެއް ފަހަނައަޅައި ގޮސް، ޑައިރެކްޓަރު މުއާ ދިން ޔަގީންކަމަކީ މިއަހަރުގެ އޭޕްރިލް މަހު ފިލްމް ޔަގީނުން ވެސް، އޮލިމްޕަހުގެ ސްކްރީންއަށް އަންނާނެ ކަމަށެވެ. އަނެއްކާވެސް ބެލުންތެރިންނަށް ކުޑަ އިންތިޒާރެއް ކޮށްލަން ޖެހުނީ އެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ފަހުން ފިލްމުގެ އެއްވެސް މަސައްކަތެއް ފެންނަ ގޮތެއް ނުވެ އެވެ. ދެވަނަ ޓްރެއިލާ އެއް ފެނިގެންގޮއްސައެއް ވެސް ނުވެ އެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް ކަނޑައަޅައި ފިލްމުގެ ޕްރޮމޯޝަންތައް ފަށަން އަތުކުރި އޮޅާލައިގެން ޑައިރެކްޓަރު ހުރި ނަމަވެސް އަދި އަދަށް ދާންދެން ވެސް ފިލްމުގެ އެއްވެސް ހަބަރެއް ނުވެ އެވެ.

އައްޒަ އާއި މުއާ "ލީނާ" ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....

ފިލްމު އަޅުވާނީ ކޮން ތާރީހެއްގައި ތޯ ވެސް އެނގޭކަށް ނެތެވެ.

"ލީނާ"ގެ ޕޯސްޓަރުގައި މަރައިލާފައި އޮންނަ އައްޒަ(ލީނާ) ފެންނައިރު އޭނާ އާ ތަންކޮޅެއް ދުރުގައި ކާކުކަން ނޭނގޭ ގޮތަށް ހިޔަންޏެއް ހުއްޓިގެން ހުރެ އެވެ.

ފިލްމުގެ ޓެގްލައިނެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "އޭން އިނޮސެންޓް ގާލް" އެވެ.

ޓްރެއިލާއިން ޝައުގުވެރި ލީނާގެ ބަސްކޮޅުތަކެއް ފެނިގެންދިޔަ އެވެ. ނުޒުހަތު ޝުއައިބު (ނުޒޫ) އާ އެކު ސަކަރާތްޖަހާ މަންޒަރު ފެނިގެންދިޔަ އިރު ލީނާގެ ލޯބިވެރިޔާ އަލީ އާޒިމް (ދޮން އައްޔަ) އާއެކު ހޭދަކުރާ ލޯބި ވަގުތުކޮޅުވެސް ފެނެ އެވެ. އަދި ލީނާގެ ގާތިލް މުއާ (ޒުހޫރު) ވެސް ޓްރެއިލާގައި ފެނެ އެވެ.

ނޭވާ ހިފަހައްޓާލަން ޖެހޭ ގިނަ މަންޒަރުތަކެއް ފެނިގެން ދިޔަ އެ ޓްރެއިލާގެ އެންމެ ފަހު ބަސްކޮޅަކަށް އިވުނީ "އެކަމަކު މި ދުނިޔެ އަހަރެން ހީކުރިހާ އަމާންތަނަކަށް އަހަންނަކަށް ނުވި،"ކަމަށެވެ.

އެ ތަރިންގެ އިތުރުން ފިލްމުގައި މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް ފެނިގެންދެ އެވެ.

ފިލްމުގެ ޓްރެއިލާ ނެރެ ގިނަ ދުވަސްތަކެއްވީއިރު ވެސް ފިލްމުގެ އަޑެއްބަޑެއް މިހާރަކު ނީވެ އެވެ.

ދެން އޮތް ސުވާލަކީ ފިލްމު ސިނަމާއަށް އަންނާނީ ކިހާތާކު ހެއްޔެވެ؟ ފިލްމު މިއަހަރުވެސް ސިނަމާއިން ފެނިދާނެ ހެއްޔެވެ؟ ފިލްމުގެ ބައެއް މަންޒަރުތައް އަދި ނުނަގާ ކަމަށް ދާދި ފަހުން ވަނީ އަޑު އިވިފަ އެވެ.

ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވެ އެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

ބޮޑު ކާސްޓަކާއެކު އަދި ތަފާތު ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމުން، "ލީނާ" ބަލާލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. "ލީނާ ކޮބައިހެއްޔެވެ؟ ފިލްމު އަޅުވާނީ ކޮންއިރަކުން ހެއްޔެވެ؟ މިއީ ބެލުންތެރިން ކުރާ ސުވާލެވެ.

comment ކޮމެންޓް