ކުންފުނިތަކަށް ދެނީ ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަންޖެހޭ: ނަޝީދު

ރައީސް ނަޝީދު-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޯޓް ހުކުމްތަކާ ގުޅިގެން ކުންފުނިތަކަށް ބޮޑެތި އަދަދަުތަކުން ފައިސާތައް ދޫކުރުމުގެ ކުރިން އެއީ ދޭން ޖެހޭ ފައިސާތޯ ކަށަވަރުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށިގެން މިވީ ހަމަސް ދުވަހުގެ ތެރޭ އާދަޔާ ހިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓްތަކުން ހުކުމްކޮށްފައިވާ ކަމަށެވެ.

"އެ ފައިސާތައް އެއީ ދޭން ޖެހޭ ފައިސާތޯ ކަށަވަރުކުރަން ޖެހޭ. ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު ތިން ކުންފުންޏަކަށް ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ދައުލަތުގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކުރި ހުކުމް ހިމެނެ އެވެ.

އޭގެ އިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ، ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގްރޫޕަށް ޕީއެސްއެމްއިން 78 މިލިއަން ރުފިޔާ ދޭން ކުރި ހުކުމާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމުން 22.7 މިލިއަން ރުފިޔާ ދޫކުރަން ކުރި ހުކުމް ހިމެނެއެވެ.

comment ކޮމެންޓް