މާލޭ މަގުމަތީގައި ސިނގިރެޓް ބުއިން މަނާކުރަނީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުތަކުގައި ސިނގިރެޓްބުއިން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ މިރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ

މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމީ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

"މިސާލަކަށް ބައްލަވާ ޕޭމަންޓްމަތީގައިވެސް މިއިންނަނީ ކުޑަ ކުޑަ ޖާގައެއް. އެ ތަންތަނުގައި ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު އެކުރަނީ. އެ ދުންތައް ދަނީ އެމީހުންގެ މޫނަށް. އެފަދަ ޝަކުވާތައް ވަރަށް ބޮޑަށް ލިބޭ،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރިޔަސް އެކަން ތަންފީޒުކުރާނީ ހަމަސް ފަހުން ކަމަށާއި އެކަންކަމަށް ހަދަން ޖެހޭ ގަވައިދުތައް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު ވަރަށް އަވަހަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

މިހާރުވެސް މާލޭގެ ބައެއް ސަރަހައްދުތަކާއި ކެފޭ ރެެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމަކެވެ. އަދި އެތަންތަނުގައި އެފަދަ އަމަލެއް ކޮށްފިނަމަ ޖޫރިނަމާ ކުރުމުގެ ބާރު އޮވެއެވެ.

comment ކޮމެންޓް