އޭޖީ ރިފްއަތަކީ ނަޒާހާތްތެރިއެއް: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަކީ ނަޒާހާތްތެރިއެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކޮށްފައިވާ ތަޖުރިބާތަކުން ރިފްއަތަކީ ވަރަށްވެސް ނަޒާހާތްތެރި ބޭފުޅެއް ކަަމަށެވެ.

"އެ މަނިކުފާނު އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައިވާ ކަމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު ރިފްއަތާމެދު ތަފާތު ތުހުމަތުތައް ވަނީ ކުރެވިފައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޭން ކޯޓުން މިފަހުން ކުރި ހުކުމްތަކުގައި އޭނާގެ އިހުމާލްވުންތަކާއި ނުފޫޒުތަކެއްވާ ކަމަށެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކުރި ހުކުމް ހިމެނެއެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ރިފްއަތު ވިދާޅުވީ އޭނާގެ ކެރިއަރުގައި ވަކި މީހަކަށް ފައިދާތަކެއް ހޯދައިދޭން އެއްވެސް ކޮރަޕްޓް ޑީލެއްގައި އޭނާ ދުވަހަކުވެސް ހިންގާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއްގައި ޝާމިލްވެފައިނުވާނެ ކަަމަށެވެ. އަދި އަމިއްލަ ގޮތުން އޭނާ ކުރިން ކުރަމުން އައި ވަކީލުކަމުގެ މަގާމުގެވެސް ދޫކޮށްލީ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް ކަމަށާއި އަބަދުވެސް ތެދުވެރިކަމާއެކު ޒިންމާއަދާކުރުމުގައި ދެމިހުންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީބާޖާއަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމުގެ ތަންފީޒު މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި މިހާރު ވަނީ އެދިފައެވެ. އެ ހުކުމާ ދެކޮޅަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސޫދުވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

comment ކޮމެންޓް