ރާއްޖެއިން އަތުލައިގަތް އީރާނު ބޯޓްގައި ޑްރަގް ޓްރެފިކް ކުރުމުގެ ރެކޯޑެއް

ފަންސާހަށް ވުރެ ގިނަ ކިލޯ ޑްރަގާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އީރާނު ބޯޓު މީގެ ކުރިން 250 ކިލޯގެ މަސްތުވާތަކެއްޗާއެކު އެހެން ގައުމަކުންވެސް އަތުލައިގަތްކަން "ސަން" އަށް ކަށަވަރުވެއްޖެ އެެވެ. ބަލައި ފާސްކޮށް އޭގައި ހުރި ޑްރަގްތައް ނެގުމަށް ފަހު، މިހާރު ގުޅީ ފަޅުގައި އޮތް އެ ބޯޓު ފުލުހުން ވަނީ މިއަދު ހަވީރު ނޫސްވެރިންނަށް ދައްކާލާފަ އެވެ.

ލަކުޑިން ހަދާފައިވާ އީރާންގެ މި ބޯޓް އަތުލައިގަތީ، ފުލުހުންނާއި އެމްއެންޑީއެފް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުން 51 ކިލޯގެ މަސްތުވާތަކެތި ފެނެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ބޯޓަކީ އެހެން ގައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ރެކޯޑް އޮންނަ ބޯޓެކެވެ. މީގެ ކުރިން 250 ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު އެ ބޯޓު ވަނީ އެހެން ގައުމަކުންވެސް އަތުލައިގެންފަ އެވެ. ނަމަވެސް އެ ތަފްސީލުތަކެއް އަދި ފެންމައްޗެއް ނުވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. މި ބޮޑު އޮޕަރޭޝަނާ ބެހޭ މައުލޫމަތު ހިއްސާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ބޯޓަކީ މި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް ބެލެވެއެވެ.

އެއްކިލޯގެ 50 ޕެކެޓް ފެނިފައިވޭ!

އީރާން ބޯޓު: އެ ބޯޓު ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ އެއް ކިލޯގެ 50 ޕެކެޓް ފެނިފައިވޭ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެ ބޯޓު ބަލައި ފާސްކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަކުރުމަށް ފަހު، ފުލުހުން ވަނީ ބޯޓްގެ އެތެރެއަށް ނޫސްވެރިން ވައްދައި ޓްއާއެއް ވެސް ދީފަ އެވެ.

ބޯޓްގެ އެތެރެ ދައްކާލައްވަމުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް، އަހްމަދު ޝާކިރު ވިދާޅުވީ، ބޯޓުގެ ފަހަތު ބައިގެ ތިރީގައި މަސްތުވާތަކެތީގެ 50 ޕެކެޓް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި ކޮންމެ ޕެކެޓެއްގައި އެއް ކިލޯ ހުރި ކަމަށެވެ.

"މަސްތުވާތެތި ފެނުނީ ފަހަތުގެ ތިރީގައި އިން އެބައި ކަފައިލައިގެން. ބެލެވެނީ، ކޮންމެ ޕެކެޓެއްގައި އެއް ކިލޯގެ 50 ޕެކެޓް ވުމުން، ގާތްގަނޑަކަށް ބެލެވެނީ 50 ކިލޯ ކަމަށް. ނަމަވެސް ފޮރެންސިކް ތަހުލީލުތަށް ނިމުމުން ޖުމްލަ ބަރުދަން އެނގޭނީ،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެނާ ވިދާޅުވީ، މަސްތުވާތަކެތި ފެނިފައިވަނީ ބޯޓުގެ ފަހަތު ތިރީބައިގައި ފޮރުވާފައި ހުއްޓާ ކަމަށް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބޯޓުގެ އެހެން ދިމަ ދިމައިގައިވެސް ޑްރަގް ފޮރުވާފައި ހުރެދާނެ ކަމަށް ބެލެވިގެން ބޯޓުގެ އެހެން ތަންތަނުން ވެސް އެކި ދިމަ ދިމާލުން ލޯވަޅު އަޅައި ކަފައިގެން ބެލި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މަސްތުވާތަކެތި ފެނިފައިވަނީ ހަމަ އެެކަނި ފަހަތު ކޮޅުން ކަމަށް އެނާ ވިދާޅުވި އެވެ.

ބޯޓުގެ އެކި ދިމަ ދިމާ ބަލަައި ފާސްކުރަން ފުލުހުން ތޮރުފި ބޮޑެތި ތަންތަންގަނޑު އަދިވެސް ފެންނަން އެބަ ހުއްޓެވެ. ޝާކިރު ވިދާޅުވި ގޮތުގައި މީގެ ކުރިން ހިންގި އެ ޒާތުގެ އޮޕަރޭޝަންތަކުގައި ވެސް އެފަދަ ބޯޓު ތަކުން އެގޮތަށް ހުސް ޖާގަތަކަށް ކަނޑާފައި މަސްތުވާތަކެތި އަޅާފައި ހުރެ އެވެ. ފުލުހުން މިފަހަރުވެސް ލަފާކުރީ އެހެން ވެދާނެ ކަމަށެވެ. އެހެންވެ، ބޯޓްގެ އެކި ތަންތަން ތޮރުފައިގެން ބެލީ އެވެ.

އެ ބޯޓުން މަސްތުވާތެކެތީގެ 50 ޕެކެޓް ހޯދި ވަތުތެރެ ފުލުހުން ކަފާލައިފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"މުޅި ބޯޓު އެކޮށް ނުކެނޑިޔަސް، ދެން އިންނަ އަނެއް ކޮޅުން ކަނޑާފައި ކެމެރާލައްވައިގެން އެ ހުސް ދޭތެރެ ތަކުގައި އެއްވެސް އެއްޗެއް ނެތް ކަން ޔަގީން ކުރިން،" ޝާކިރު ވިދާޅުވި އެވެ.

ހައްޔަރު ކޮށްފައި ވަނީ އީރާނާއި ޕާކިސްތާނު މީހުން!

އީރާނު ބޯޓު ތެރެ: އެ ބޯޓުން ޑްރަގު ފެނުނު މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އީރާނާއި ޕާކިސްތާނު މީހުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މި މައްސަލައިގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ހަތް މީހުންގެ ތެރޭގައި އިރާނާއި ޕާކިސްތާނުގެ ރައްޔިތުން ހިމެނެ އެވެ.

ފުލުހުން ދާދިފަހުން ވަނީ ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ވަނިކޮށް ވެސް 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އީރާން ބޯޓުން ފެނުނު މަސްތުވާތަކެއްޗާއި ގދ. އަތޮޅުގެ ފަޅު ރަށުން ފެނުނު މަސްތުވާތަކެއްޗާ ގުޅުމެއްވާކަން މިހާތަނަށް އެނގިފައި ނުވެ އެވެ. އެ މައްސަލައިގައި ވެސް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ބޯޓުގެ ގެގަނޑު -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ގިނަ އަދަދެއްގެ މަސްތުވާތެކެއްޗާއެކު އީރާނުގެ ބޯޓެއް އަތުލައިގެންފައިވާއިރު، މީގެ ކުރިން މަސްތުވާތަކެއްޗާއެކު އީރާނުގެ ދެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެ ދެ ފަހަރުވެސް ބޯޓުގައި އިރާނާއި ޕާކިސްތާނަށް ނިސްބަތްވާ ރައްޔިތުން ތިއްބެވެ.

comment ކޮމެންޓް