ރޯދައިގެ ވަސިއްޔަތް: ރޯދަ ނުގެއްލޭ ބައެއް ކަންތައް

ލޭ ހަދިޔާކުރުމުގެ ސަބަބުން ރޯދަ ގެއްލޭނެކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވޭ. ޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވަނީ ލޭ ހަދިޔާކުރުމުގެ ސަބަބުން ރޯދައަށް ބުރަކަން ލިބޭނަމަ ރޯދަ ދޫކޮށްލައި، ފަހުން ގަޟާކުރެވިދާނެކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްލިމުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު، ރަމަޟާންމަހު ރޯދަ ހިފުމަކީ އޭނާގެ މައްޗަށް ވާޖިބެކެވެ. މި އަޅުކަން އަދާކުރުމަށްޓަކައި، ރޯދައާ ގުޅޭ އެކިއެކި މަޢުލޫމާތު ހޯދުމަކީ ފުރިހަމަ ރޯދައެއް ހިފުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އިޙްތިލާމްވުމުން

ރޯދަވެރިޔާ ނިދީގައި އިޙްތިލާމުވުމަކުން (އެބަހީ ނިދީގައި މަނި ބޭރުވުމަކުން) ރޯދައެއް ނުގެއްލޭނެއެވެ. އޭނަގެ މައްޗަށް އޮތީ ޖުނުބުވެރިކަމުގެ ހިނައިގަތުމުން ހިނައިގަނެ ރޯދަ ފުރިހަމަކުރުމެވެ. (ނިދީގައި އަންހެނާގެ އެދުން ފުދި ތެތްކަން ބޭރުވުންވެސް ހިމެނެނީ އިޙްތިލާމުވުމުގެ ތެރެއިންނެވެ.)

ރޯދަ ގެއްލޭނީ އަމިއްލަ އިޚްތިޔާރުގައި ގަސްދުގައި ރަމަޟާންމަހުގެ ދުވާލުގެ ވަގުތުގައި ޖިންސީ އެދުންވެރިކަން ބޭރުކުރުމުންނެވެ.

ރޯދައަށް ހުއްޓައި ހޮޑުލެވުން

ރޯދަވެރިޔާއަށް ހޮޑު ލެވުމަކުން ރޯދައެއް ނުގެންލޭނެއެވެ. ރޯދަ ގެއްލޭނީ ގަސްދުގައި ހޮޑު ލުމުންނެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. "(ތަބީއީ ގޮތުން) ހޮޑުލެއްވިޖެނަމަ ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ގަސްދުގައި ހޮޑުލައިފި މީހާ އޭނާގެ ރޯދަ ޤަޟާކުރާ ހުށިކަމެވެ." رواه أحمد وأهل السنن بإسناد صحيح

ރޯދައަށް ހުރެ މަޛިޔު ބޭރުވުން

މަޛިޔު ބޭރުވުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މަޛުޔު ބޭރުވުން އެއީ ކުޑަ ޙަދަޘްވެރިވާ ކަމެކެވެ. އެކަމުގެ ސަބަބުން ވުޟޫ ގެއްލޭނެއެވެ. މަޛުޔު ބޭރުވެއްޖެނަމަ، އެ ގުނަވަން ރަނގަޅަށް ދޮވެލުމަށްފަހު، ވުޟޫކޮށްލުމުން ފުދޭނެއެވެ.

އިންޖެކްޝަން ޖެހުން

ރޯދަވެރިޔާ ބޭސްފަރުވާއަކަށް އިންޖެކްޝަން ޖެހުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ހަށިގަނޑަށް ކާނާއާއި ހަކަތަ ލިބޭފަދަ އިންޖެކްޝަނެއް ކަމުގައިވާނަމަ ރޯދަ ގެއްލޭނެއެވެ. މިސާލެއްގެ ގޮތުން ޑެކްޓޮރޯސް އައިވީއެއް ގުޅުން ނުވަތަ ލޭ އެޅުން އެއީ ހަށިގަނޑަށް ކާނާ ލިބޭ ކަމެކެވެ. އެކަން ހިމެނެނީ "ކެއުން ބުއިމުގެ" މާނައިގެ ތެރޭގައެވެ. ރޯދަވެރިޔާއަށް ކެއިންބުއިން މަނާވެގެން ވެއެވެ.

ލޭ ޓެސްޓެއް ހެދުމަށްޓަކައި ލޭ ނެގުން

ލޭ ޓެސްޓެއް ހެދުން ފަދަ ކަމަކަށް ލޭ ނެގުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ގިނަ ލޭ ނެގުން (ލޭ ހަދިޔާކުރުން)ފަދަ ކަމަކުން ރޯދަ ގެއްލުމާމެދު އިލްމުވެރިންގެ މެދުގައި ޚިލާފެއްވެއެވެ.

އެކަން ހިމެނެނީ ޙިޖާމާގެ މާނައިގެ ތެރޭގައިކަމުގައި ބައެއް އިލްމުވެރިން ދެކެލައްވައެވެ. (ހިޖާމާއަކީ ހަކީމީ ބޭސްފަރުވާ އެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ. އެއީ ހަށިގަނޑުގެ ތަންތަން ކުޑަކުޑަކޮށް ކަނޑައިގެން ވަކި އާލަތްތަކެއް ބޭނުންކޮށްގެން ލޭ ނެގުމެވެ. ދިވެހިބަހުގައި މިކަމަކީ ކަވާޖެހުންކަމުގައިވެސް ބުނެވެއެވެ. އިނގިރޭސިބަހުން CUPPING ކިޔަނީ މިކަމަށެވެ.)

މިކަމުގައި ބޮޑަށް ރަނގަޅު ގޮތެއް ކަމުގައި ބުރަވެވެނީ ލޭ ހަދިޔާ ކުރުމުގެ ސަބަބުން ރޯދައަށް އުނދަގޫކަމާއި ބުރަކަން ލިބޭނަމަ އޭނާގެ ރޯދަ ދޫކޮށްލައި އަލުން ޤަޟާކުރުމެވެ.

ދަތް އުފުރުން

ދަތް އުފުރުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް، އެކަމުގެ ތެރޭގައި އަނގަޔަށް އަޅާ ބޭސް ކަރުތެރެއިން ދިރިގެން ނުދިޔުމަށް ސަމާލުވާންޖެހޭނެއެވެ. ހަމައެފަދައިން އަނގައިގެ ތެރޭގައި އުފެދޭ ލޭ ދިރުވުމުން އެއްކިބާވާންޖެހޭނެއެވެ. ރޯދަ މަހު ދަތް އުފުރުން އެދެވިގެންވަނީ ރޭގަނޑުގެ ވަގުތުގައެވެ. އެއީ ތިމާގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުންނެވެ.

ކަންފަތާއި ލޮލަށް ބޭސް އެޅުން

ރޯދަވެރިޔާގެ ލޮލަށް ބޭސް އެޅުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެބޭހުގެ ރަހަ ކަރުތެރޭގައި ދިންކަމުގައިވިޔަސް ރޯދަ ޞައްޙަވާނެއެވެ. އެހެނީ ލޮލަކީ ހަށިގަނޑަށް ކާނާ އެތެރެ ކުރާ މަގެއްކަމުގައި ނުބެލެވޭތީއެވެ. ލޮލަށް އަޅާ ބޭސް އެއީ ކެއިންބުއިމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ނުހިމެނެއެވެ. ކަންފަތަށް ބޭސް އެޅުންވެސް ހަމައެފަދައެވެ. ރޯދައެއް ނުގެއްލޭނެއެވެ. (ނަމަވެސް ނޭފަތަށް ބޭސްއަޅައި، އެބޭސް އަރުތެރެއިން ދިރިއްޖެނަމަ ރޯދަ ގެއްލޭނެއެވެ.)

ފެންވެރުމުގެ ތެރޭގައި ފެންފޮދެއް ދިރުން

ފެންވެރުމުގެ ތެރޭގައި ނޭނގުމެއްގައި ފެންފޮދެއް ދިރިއްޖެކަމުގައިވިޔަސް ރޯދައެއް ނުގެއްލޭނެއެވެ. ރޯދަވެރިޔާ ފިނިކޮށްލަން ފެންވަރައިލުމަކީ ހުއްދަކަމެކެވެ. ނަމަވެސް ތިމާގެ ރޯދައަށް ރައްކާތެރިވެ، އެފަދައިން ފެންފޮދެއް ނުދިރުވުމަށް ސަމާލުވާން ޖެހޭނެއެވެ.

ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމަށް އެއަޅުކަމާއި ގުޅުންހުރި މައްސަލަތައް އުނގެނުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް