ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 11: ޢަޒީޒުގެ އަނބިކަނބަލުން 1

ފުލުހުންގެ ވެރިޔާ މުފްތާޙް އޮންނެވީ ގަދަ ނިދީގައެވެ.

"މުފްތާޙް! ތެދުވޭ! އަވަހަށް ތެދުވޭ!" މުފްތާޙުގެ އަނބިމީހާ އިމްބިހާރު މުފްތާޙަށް ގޮވަމުން ދިޔައެވެ.

"އަހަރެން ބާއްވަ ބަލަ އިމްބިހާރު. މުޅި ރޭ އަހަރެން އުޅުނީ ނުނިދައި." މުފްތާޙް ވިދާޅުވިއެވެ.

"މި ބުނީ ނު ތެދުވާށޭ. ތެދުވޭ!" އިމްބިހާރު ދުލެއް ނުކުރިއެވެ.

"އާނ. އަހަރެން މި ތެދުވީ." މުފްތާޙު ވިދާޅުވިއެވެ.

"ފުލުހުންގެ ވަޒީފާއަށް ވަނުމަށް މަޝްވަރާ ދިނީ ކާކު؟" އިމްބިހާރު އެހިއެވެ.

"އަހަރެން ނިދީން ތިޔަ ހޭލެއްވީ ތިޔަ ސުވާލު ކުރާން ތަ؟" މުފްތާޙު ނުރުހުމުގެ ރާގެއްގައި ސުވާލު ކުރެއްވިއެވެ.

"ނޫން. ތިބާގެ ވާޖިބު އަދާ ކުރުމަށް މަގު ފަހި ކޮށް ދޭން ވެގެން. ޔާގޫތުމެން ގޭގައި މަރުގެ ޖަރީމާއެއް ހިނގައިފި." އިމްބިހާރު ބުންޏެވެ.

"ޔާގޫތު! ޔާގޫތު ކާކުގެ ގާތިލަކަށް ވީ؟" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"މަރު ވި މީހަކީ ޔާގޫތު." އިމްބިހާރު ބުންޏެވެ.

"ﷲ އޭނާއަށް ރަޙްމަތް ލައްވާށި! އޭނާ ވީ ދަހި މީހެއް ކަމުގައި. ކާކު އޭނާގެ ގާތިލަކީ؟" މުފްތާޙު ވިދާޅުވިއެވެ.

"ތިޔަ ސުވާލުގެ ޖަވާބު ހޯދާން ޖެހޭނީ ތިބާ! އަވަހަށް ދޭ! އަދި ހަނދާން ކުރާތި އަންނަމުން ޕާން ނުވަތަ ބަނަސް ގެންނާން." އިމްބިހާރު ބުންޏެވެ.

*****

"މަރު ވެފައި ވާ ޔާގޫތުގެ ހަށިގަނޑު އެންމެ ފުރަތަމައަށް ފެނުނީ ކާކަށް؟" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑަށް. މަ ސާހިބާ! އާދައިގެ މަތީން ފަތިހު ހޭލައިގެން ދަނިކޮށް އަޅުގަނޑަށް ފެނުނީ އަލްފާޟިލު ޔާގޫތުގެ ކޮޓަރި ހުޅުވައިފައި ހުއްޓައި. ދެން އަޅުގަނޑު ކޮޓަރި ތެރެއަށް ބޯ ދިއް ކޮށް ލައި ބަލައި ލުމުން ފެނުނީ އޭނާ ބިންމަތީގައި އޮއްވައި. އަދި އޭނާގެ ގައިން ލޭ އޮހޮރެމުން ދިޔަ މަންޒަރު." ހެކީންގެ ތެރެއިން އުސްމާނު ޖަވާބު ދިނެވެ.

"މީހަކު ވަދެ އޭނާ ގަތުލު ކޮށް ލީ ތާ! އެއްވެސް ހަޅޭކެއްގެ އަޑު ނާހަން ތަ؟" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"އެއް ގޮތަކަށް ވެސް އަޑެއް ނާހަން ސާހިބާ! ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ބަނޑަށް ތަދު ވާ ވާހަކަ އޭނާ ބުނި. އެހެންނަމަވެސް ނިދުމުގެ ފަހުން ތަދު ވެގެން ކުކުރާތީއެއް ވެސް ނުވަތަ ގުގުރީގެ އަޑެއް ވެސް އޭނާގެ ކިބަޔަކުން ނީވޭ." އުސްމާނު ޖަވާބު ދިނެވެ.

"ކަމާ ނުގުޅޭ ގިނަ ވާހަކަ ނުދައްކާ! މި އަހަނީ ވަޅީން ހަމަލާ ދިނީ މާ އޭނާ ހަޅޭއް ލެވި އަޑެއް ނާހަން ހޭ! ކީއްވެ އޭނާ ހަޅޭއް ލެވި އަޑު ކަލެއަށް ނީވޭން ވީ؟" މުފްތާޙު ވިދާޅުވިއެވެ.

"ކަންތައް ވީ ގޮތް އަޅުގަނޑު މި ދެންނެވީ." އުސްމާނު ބުންޏެވެ.

"ގޭގައި ކަލޭމެން ދެ މީހުން ނޫން، ދެން ކޮން ބަޔެއް އުޅެނީ." މުފްތާޙު ސުވާލު ކުރެއްވިއެވެ.

"އަލްފާޟިލް ޔާގޫތުގެ އަންހެން ދަރިފުޅު ޒުމުއްރުދާއާއި އޭނާގެ ފިރިމީހާ ޝިހާބު. އެއީ ޔާގޫތުގެ އަޚެއްގެ ދަރިއެއް." އުސްމާނު ބުންޏެވެ.

"އެމީހުންނާ ވާހަކަ ދައްކާން އަހަރެން ބޭނުން." މުފްތާޙު ވިދާޅުވިއެވެ.

*****

"ހަމަޖެހިލައްވާ ޒުމުއްރުދާ. ތިބާގެ ބައްޕަގެ ގާތިލު ހޯދުމުގައި އަޅުގަނޑުމެންނަށް އެހީތެރި ވެދެއްވާ!" ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ދުވަހަކުވެސް އަހަރެންގެ ޚިޔާލަކަށް ވެސް ނާދޭ އެ ފަދަ ކަމެއް އުސްމާނު ކޮށްފާނެއެކޭ." ޒުމުއްރުދާ ވާހަކަ ދައްކާން ފެށިއެވެ.

"ބައްޕަގެ ގާތިލަކީ އުސްމާނުކަން ތިބާއަށް ޔަގީން ކޮށް ދިނީ ކާކު؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު އަޑު އެހިން. ބައްޕަގެ ގާތިލު ބޭނުން ކުރި ވަޅި ފެނުނީ އުސްމާނުގެ ފޮށީން ކަމަށް." ޒުމުއްރުދާ ބުންޏެވެ.

"ތިބާގެ ބައްޕައާއި އޭނާގެ ޚާދިމާ ދެމެދު ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް އޮތް ކަން ފާހަގަ ކުރެވިފައި ވޭ ތަ؟ އެއްވެސް ކަހަލަ ޚިލާފެއް އެ ދެ މީހުންގެ ދެމެދުގައި އޮތް ތަ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"ބައްޕަ އަބަދުވެސް ޝަކުވާ ކުރައްވާނެ. އުސްމާނުގެ އިސްރާފު ބޮޑު ކަމުން. ބަދިގެއިން މާ އަވަހަށް އެއްޗެހި ހުސް ވާތީ. އަދި ބައްޕަ ބުނުއްވާނެ އުސްމާނާ ދިމާއަށް، ގެއިން ފޮނުވައި ލައްވާނެ ކަމަށް." ޒުމުއްރުދާ ޖަވާބު ދިނެވެ.

"އޭނާގެ މުސާރައަކީ ކިހައި ވަރެއް؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ. ބައްޕަގެ ޚަރަދުތަކާ ބެހޭ ތަފްސީލެއް އަޅުގަނޑުމެންނަކަށް ނާންގާ." ޒުމުއްރުދާ ބުންޏެވެ.

"ޖަރީމާ ހިނގި ވަގުތު ތިބާ ހުރީ ކޮންތާކު؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު އޮތީ މަތީ ބުރީގައި ހުންނަ އަޅުގަނޑުމެން ތިބޭ ކޮޓަރީގައި. އަޅުގަނޑުގެ ފިރިމީހާއާ އެކު." ޒުމުއްރުދާ ބުންޏެވެ.

"ބައްޕަގެ ހަޅޭކުގެ އަޑެއް ނާހަމު ތަ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"ނޫން. އަޅުގަނޑަށް އޮތީ ވަރަށް ގަދަޔަށް ނިދިފައި. ރޭގަނޑު ތަންކޮޅެއް ބަރުކޮށް އަޅުގަނޑު ކެއީ. އަޅުގަނޑުގެ ފިރިމީހާ ބޭރުން ގެނެސް ދިން ކާ އެއްޗެއް." ޒުމުއްރުދާ ބުންޏެވެ.

"ބައްޕަ ވެސް ތި މީހުންނާ އެކުގައި ތަ ކެއީ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އާދެ! ބައްޕަ ވެސް ކޭން ބެއްލެވި. އެހެންނަމަވެސް ހަމައެކަނި އާދައިގެ މަތީން މާމުއި އަޅައިގެން ކިރު ތަށްޓެއް ބައްޕަ ބެއްލެވީ." ޒުމުއްރުދާ ބުންޏެވެ.

"ޒުމުއްރުދާ! ބޭރުގައި މަޑު ކޮށް ލާ!" ގާޒީ ވިދާޅުވިއެވެ.

"ޝިހާބު! ކުރިޔަށް ޖެހި ލަ ބަލަ! މަރު ވި މީހާގެ އަޚާގެ ދަރިފުޅު އަދި މަރު ވި މީހާގެ ދަނބި ދަރިފުޅު!" ހާޖިބު ޒުމުއްރުދާގެ ފިރިމީހާއަށް ގޮވައިލަމުން ހާޖިބު ޒަޣްލޫލު ބުންޏެވެ.

"އަޅުގަނޑު މިހިރީ ހާޒިރު ވެ! އިއްޒަތްތެރި ގާޒީ." ޝިހާބު ބުންޏެވެ.

"ތިބާގެ ބޮޑުބޭބެއާ އެކު ރަނާއި ރިހީގެ ވިޔަފާރީގައި އުޅެމު. އެހެންނޫންތަ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"ނޫން. ސާހިބާ! އަޅުގަނޑު އުޅެން." ޝިހާބު ޖަވާބު ދިނެވެ.

"އޭނާގެ ޚާދިމު އުސްމާނާ މެދު ތިބާ ޚިޔާލަކީ ކޮބާ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އެއީ ރަނގަޅު އަދި ހީވާގި ޒުވާނެއް. އޭނާގެ ހަމައެކަނި މައްސަލައަކީ އަބަދުވެސް އޭނާގެ ހާލާ މެދު ހިތްހަމަ ނުޖެހިފައި ހުރުން." ޝިހާބު ބުންޏެވެ.

"ތިބާގެ ބޮޑުބޭބެ ހަޅޭއް ލެވި އަޑު އެހީމު ތަ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"ނޫން. އަޅުގަނޑު އަޑެއް ނާހަން. އަޑު އެހި ނަމަ، އަޅުގަނޑު ވަގުތުން ތިރިޔަށް ފޭބީމުސް." ޝިހާބު ބުންޏެވެ.

"ތިބާއަށް ޝުކުރު ދަންނަވަން. އަލްފާޟިލް ޝިހާބު. ހުސް ވަގުތުކޮޅަކަށް ސަރިޔަތުގެ މަޖިލީސް މެދު ކަނޑައި ލީ. ފުލުހުންގެ ވެރިޔާ! އަޅުގަނޑު ބޭނުން އަޅުގަނޑުގެ ކޮޓަރިއަށް ތިބާ ވަޑައިގެން އަޅުގަނޑާ ބައްދަލު ކުރެއްވުން." ގާޒީ ވިދާޅުވިއެވެ.

*****

"ހުރިހާ ހެތްކެއް ސާބިތު. ކީއް ވެގެން ތޯ ހުކުން ކަނޑަ އެޅުއްވުން ލަސް ވަނީ." ފުލުހުންގެ ވެރިޔާ މުފްތާޙު ސުވާލު ކުރެއްވިއެވެ.

"ހެކިތަކުން މައްސަލަ ސާފު ނުވާތީ. ހުކުން ލަސް ވަނީ." ގާޒީ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުވިސްނުނު." މުފްތާޙު ވިދާޅުވިއެވެ.

"މިސާލަކަށް، ތިބާއަކީ ޖަރީމާއެއް ހިންގި މީހާ ކަމަށް ވާ ނަމަ، އެ ކަމުގެ ހެކިތައް ތިބާ ފޮރުވާނީ ތިބާ ހެދުން އަޅާ ފޮށީގައި ތޯ؟ ނުވަތަ އެ ބަގީޗާގައި ނުވަތަ ގޯތީގެ އެހެން ތަނެއްގައި ވަޅު ލާނީ ތޯ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު ނަމަ، ކަނޑަށް އަޅާނީ." މުފްތާޙު ޖަވާބު ދެއްވިއެވެ.

"މިހާރު ވިސްނިއްޖެ ތޯ؟" ގާޒީ އެއްސެވިއެވެ.

"ފަހަރެއްގައި ކުށްވެރިޔާއަށް ވަޅި ފޮރުވާނެ ވަގުތު ނުލިބުނީ ކަމަށް ވެސް ވެދާނެ." މުފްތާޙު ވިދާޅުވިއެވެ.

"އެކަމަކު ވަޅި ދޮންނާނެ ވަގުތު ލިބުނު؟ އަދި ފޮތިގަނޑަކަށް ލާފައި އެ ފޮށީގެ ތެރޭގައި ފޮރުވާނެ ވަގުތު ވެސް ލިބުނު؟ އެކަމަކު ގެއިން ބޭރަށް އެއްލައި ލާނެ ވަގުތެއް ނުލިބުނު؟" ސުވާލުގެ ރާގެއްގައި ގާޒީ ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ވާހަކައަށް ތާއީދު ކުރަން. މި ކަމުގައި ވިސްނައި ލާން ޖެހޭ ނުގުތާތަކެއް އެބަ ހުރި." މުފްތާޙު ވިދާޅުވިއެވެ.

"ވީމާ މި ޖަރީމާ ހިންގުމަށް މަޖުބޫރު ކުރުވި ސަބަބަކީ ކޮބައި ކަމަށް ތޯ ލަފާ ކުރެވެނީ؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"ވެދާނެ ވައްކަމުގެ މައްސަލައަކަށް ވެސް." މުފްތާޙު ވިދާޅުވިއެވެ.

"އެހެންވެއްޖެއްޔާ ވަގަށް ގެންދެވުނު އެއްޗެހިތައް ކޮބާ؟" ގާޒީ އެއްސެވިއެވެ.

"އަޅުގަނޑަކަށް ނޭނގޭ. ކޮބައި ތޯ މަނިކުފާނުގެ ރައުޔަކީ؟" މުފްތާޙު އެއްސެވިއެވެ.

"އަޅުގަނޑުގެ ރައުޔަކީ މި ވަގުތު ތުހުމަތުގެ އިނގިލި އެމީހަކާ ދިމާއަށް އަމާޒު ކުރެވިފައި ވާ އުސްމާނު މި ކަމުން ބަރީއަ ވެގެން ވެޔޭ." ގާޒީ ވިދާޅުވިއެވެ.

- ނުނިމޭ -

comment ކޮމެންޓް