ސީއާރުސީ ކަޕް 20ގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ

މިހާރު ކުރިއަށްދާ ކަސްޓަމްސް ސެކްޝަންތަކުގެ ފުޓްސަލް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބޭއްވޭ ފުޓުސަލް މުބާރާތް، ސީއާރުސީ ކަޕް 20ގެ ސެމީ ފައިނަލުގައި ވާދަ ކުރާނެ ޓީމުތައް ކަށަވަރު ވެއްޖެ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ފެށި މި މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވި އިރު މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު އިއްޔެ ވަނީ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެވިގެން ގޮސްފަ އެވެ.

އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް އެއާކޯގޯ އަދި އެމްޓީ ޔުނައިޓަޑް އެވެ. އެ މެޗު 1-3ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓީމް އެއާކާގޯ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ޓީމު އެއާކާގޯގެ ހަސަން ނޫރިޝްއެވެ.

ޓީމު އެއާކާގޯއާއި އެމްޓީ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެއާކާގޯގެ ހަސަން ނޫރިޝްއަށް ޓްރޮފީ ހަވާލު ކުރަނީ --- ފޮޓޯ/ ކަސްޓަމްސް

ކުއާޓާ ފައިނަލުގައި އިއްޔެ ކުޅެވުނު ދެ ވަނަ މެޗުގައި ބައްދަލުކުރީ ޓީމް ޑޮކް އަދި ޓީމް ބޮންޑެވެ. މިމެޗު ނިމުނީ 4-0 އިން ޓީމް ބޮންޑް މޮޅުވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކީ ޓީމް ބޮންޑްގެ ޖާޒީ ނަންބަރު 7 މާޒިން މުޙައްމަދެެވެ.

ޓީމް އެއާކޯގޯ އާއި ޓީމް ބޮންޑުގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ޓީމް އެސްއޯޕީ އަދި ސަރުޖަން އެވެ. ޓީމް އެސްއޯޕީ ސެމީއަށް ދަތުރު ކުރީ ޓީމް ކަރާނީ 1-3ގެ ނަތީޖާއަކުން ބަލި ކުރުމަށް ފަހު އެވެ. އަަދި ސަރުޖަން ސެމީއަށް ދަތުރު ކުރީ ކާގޯ އެކުވެރިން 1-5ގެ ބޮޑު ނަތީޖާއަކުން ބަލިކޮށްގެނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00 ޖަހާ އިރު ހެންވޭރު ޓާފު ދަނޑުގަ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީމް އެސްއޯޕީ އަދި ސަރުޖަން އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޓީމް އެއާ ކާގޯ އަދި ޓީމް ބޮންޑް އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މެއި 18 ވާ ހޮނިހިރު ދުވަހު އެވެ.

ސީއާރުސީ ކަޕް ފުޓުސަލް މުބާރާތަކީ ކަސްޓަމްސްގެ އެކި ސެކްޝަންތަކުގެ މެދުގައި 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތުގެ މަގުޞަދަކީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމެވެ.

comment ކޮމެންޓް