ސޫރިޔަވަންޝީގެ ވިލަން އަކީ "ތަންގަބަލީ"

ރޯހިތު ޝެޓީގެ ކޮމެޑީ ފިލްމު 'ޗެންނާއި އެކްސްޕްރެސް'ގައި "ތަންގަބަލީ"ގެ ރޯލުން ފެނިގެން ދިޔަ ނިކިތިން ދީރް ރޯހިތުގެ ކުރިއަށް އޮތް ފިލްމު 'ސޫރިޔަވަންޝީ' ގެ ވިލަން އަކަށް ހަމަޖައްސައިފިއެވެ.

ނިކިތިން އާންމުންގެ މެދުގައި މަޝްހޫރު ވެގެންދިޔައީ "ތަންގަބަލީ"ގެ ރޯލުންނެވެ. އެއަށްފަހު މާގިނަ ފިލްމުތަކަކުން އޭނާ ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި 'ސޫރިޔަވަންޝީ' ވެގެންދާނީ އޭނާ ނުބައިބައި ރޯލަކުން ފެނިގެންދާ ދެވަނަ ފިލްމަށެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިކިތިން ބުނީ ރޯހިތަކީ އޭނާ އެންމެ އިތުބާރު ކުރާ ޑައިރެކްޓަރު ކަމަށާއި، "ތަންގަބަލީ" އަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ މޮޅު ރޯލު ކަމަށެވެ. އަދި 'ސޫރިޔަވަންޝީ' އިން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފަލުން ހުރި ކަމަށް ވެސް ނިކިތިން ބުންޏެވެ.

އަދި ރޯހިތުގެ ފިލްމުތަކުގެ ވިލަން ތަކަށް ހީރޯ އާއި އެއްވަރުގެ ސަޕޯޓެއް ލިބޭ ކަމަށާއި، އޭނާއަށް ލިބިފައިވާ ރޯލު ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން ނިކިތިން ވަނީ ދީފަ އެވެ.

'ސޫރިޔަވަންޝީ'ގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށް ދާއިރު، ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރެވެ. ނިކިތިން އަދި އަކްޝޭ ވަނީ މީގެ ކުރިން 'ހައުސްފުލް 3' ގައި އެކުގައި މަސައްކަތް ކޮށްފައެވެ. ފިލްމުގެ އަންހެން ލީޑަކީ ބަތަލާ ކެޓްރީނާ ކައިފް އެވެ.

'ސޫރިޔަވަންޝީ' އަކީ 'ސިންގަމް' އަދި 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް 'ސިންގަމް' ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އީދު ބަންދާ ދިމާކޮށެވެ.

comment ކޮމެންޓް