ލަންކާގައި މުސްލިމުންނަށް ދިން ހަމަލާތަކާ ގުޅިގެން 80 މީހަކު ހައްޔަރުކޮށްފި

ލަންކާގައި މުސްލިމުންނަށް ދިން ހަމަލާތަކާ ގުޅިގެން 80 މީހަކު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ގެޓީ

ކޮލަމްބޯ (މެއި 15): ސްރީލަންކާގައި މިހަފްތާ ތެރޭގައި މުސްލިމުންނަށް އަމާޒުކޮށްދިން ހަމަލާތަކާ ގުޅިގެން 80 މީހުން ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކަރަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް މިދިޔަ މަހުގެ 21ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު މުސްލިމުން ވަނީ އެމީހުންނަށް ހަމަލާ ދީފާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ބުނެފަ އެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެގައުމުގެ މިސްކިތްތަކަށާއި މުސްލިމުން ހިންގާ ފިހާރަތަކަށް ބަޔަކު ވަނީ ގެއްލުންދީފަ އެވެ.

އޭގެ ސަބަބުން ފާއިތުވި ދެ ރޭ އެގައުމުގައި އޮތީ ފަތިހާ ޖެހެންދެން ކާފިއު ހިންގާފަ އެވެ. ނަމަވެސް މިހާރު ހަމަލާތައް ކޮންޓްރޯލު ކުރެވިފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ސުމިތު އަޓަޕައްޓޫ ވިދާޅުވި އެވެ.

"ގައުމުގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލުކުރެވިފަ. ރޭ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ އަދި ހަމަލާތަކުގައި ބައިވެރިވި މީހުން މިހާރު ދަނީ ހައްޔަރުކުރަމުން،" އަޓަޕައްޓޫ ވިދާޅުވި އެވެ.

އެހަމަނުޖެހުންތަކުގައި ޕުއްތަލަމްގެ މުސްލިމަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މަރާލާފަ އެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގައި ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ސަބަބުން އެގައުމު އަދިވެސް އޮތީ ކުއްލި ހާލަތުގައެވެ. އަދި ފުލުހުން ވަނީ ހަމަނުޖެހުން ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

comment ކޮމެންޓް