"83"ގައި ރަންވީރުގެ އަންހެނުންގެ ރޯލަށް ދީޕިކާ؟

އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު '83''ގެ އަންހެން ލީޑަކަށް ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން ހަމަޖައްސައިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކަބީރު ޚާން ޑައިރެކްޓް ކުރާ އެ ފިލްމުގެ ލީޑުން ފެނިގެންދާނީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގ އެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގައި ވެސް ދީޕިކާ އަދާކުރާނީ ރަންވީރު (ކަޕިލް ދޭވް)ގެ އަނބިމީހާ، "ރޯމީ ބާޓިއާ" ގެ ރޯލެވެ.

ޕިންކްވިލާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިލްމުގެ ކާސްޓް މިހާރު ވަނީ މުޅިން ޔަގީންވެފަ އެވެ. އަދި ދީޕިކާ ވެސް ވަނީ ފިލްމަށް އެއްބަސްވެފަ އެވެ. ނަމަވެސް ކާސްޓާ ގުޅޭ ގޮތުން ފިލްމު އުފައްދާ ފަރާތުގެ ބަހެއް އަދި ނުލިބެ އެވެ.

ފިލްމުގައި އެކްޓު ކުރުމުގެ އިތުރުން ދީޕިކާ '83'' ކޯ-ޕްރޮޑިއުސް ކުރަން ނިންމައިފައިވާ ކަމަށް ވެސްވެ އެވެ. އެހެންކަމަށް ވާނަމަ، '83'' ވެގެންދާނީ ދީޕިކާ ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމަށެވެ. މޭގްނާ ގުލްޒާރު ޑައިރެކްޓުކޮށް ދީޕިކާ ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޗަޕާކް' ވެސް ޕްރޮޑިއުސް ކުރަނީ ދީޕިކާ އެވެ.

'83'' އިން ފެނިގެންދާނީ 1983 ވަނަ އަހަރު ކަޕިލް ދޭވްގެ ކެޕްޓަން ކަމުގެ ދަށުން އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް ހޯދި ގޮތެވެ. އެ އަހަރު ލަންޑަންގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބު ކުރީ ފައިނަލްގައި ވެސްޓް އިންޑީޒް އާއި ވާދަކޮށްގެންނެވެ. އެއީ އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް އުފުލައިލި ފުރަތަމަ ފަހަރެވެ.

އޭޕްރީލް 2020 ގައި ރިލީޒްކުރާ އެ ފިލްމު ވެގެންދާނީ އިންޑިއާގެ ތާރީޚުގައި ވެސް އުފެއްދި އެންމެ ބޮޑު ސްޕޯޓްސް ފިލްމަށް ކަމަށް ޑައިރެކްޓަރު ކަބީރު ބުނެ އެވެ. އަދި އެ ފިލްމު އިންޑިއާގެ ތިން ބަހަކުން ރިލީޒް ކުރުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް