އީރާނާ ތޮޅެ ހަނގުރާމަ ކުރާކަށް ނޫޅެން: އެމެރިކާ

ސޫޗީ (މޭ 15): އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަކުރުމުގެ ރޭވުމެއް އެމެރިކާ ނުގެންގުޅޭ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ސޫޗީގައި އެގައުމުގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން އީރާނަށް އިސްވެ ހަމަލާއެއް ދޭނީ އެމެރިކާއަށް ނޫނީ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ސީދާގޮތެއްގައި ހަމަލާ ދީފިނަމަ އޭގެ ރައްދެއްގެ ގޮތުން އެވެ. އެނޫންގޮތަކަށް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ވިސްނުމެއް އަދި ރޭވުމެއްވެސް ނެތްކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ.

ޕޮމްޕެއޯ މިމޭރުމުން ވާހަކަ ދެއްކެވީ ގަލްފުގެ ސަރަހައްދަށް އެމެރިކާގެ ހަނގުރާމައިގެ ގުރާބުތަކާއި އަސްކަރީ މަތިންދާބޯޓުތަކާއި މިސައިލް އައްޑަނައިގެ ނިޒާމުތައް ފޮނުވައިގެން އެސަރަހައްދުގެ މަސްރަހު ހޫނުކޮށް އީރާނަށް ބިރުދެއްކުމުގެ އަމަލުތަކެއް އެމެރިކާ ހިންގަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

ގަލްފުގެ ސަރަހައްދަށް އަސްކަރީ ބާރުތައް ފޮނުވުމުގެ ކުރިން ޕޮމްޕެއޯ އާއި ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންވަނީ އީރާނަށް އެކިފަހަރުމަތިން އިންޒާރުތައް ދެއްވާފަ އެވެ. އަދި މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން އިސްވެ ޙަމަލާދޭން ތައްޔާރުވަމުން ދާކަމުގެ ޖާސޫސީ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށްވެސް އެމެރިކާއިން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ގަލްފުގެ ސަރަހައްދަށް އެމެރިކާގެ ބާރުތައް ވާސިލްވުމާއެކު އެމެރިކާގެ ހަނގުރާމައިގެ ރާގު މިވަނީ ކުއްލިއަކަށް ބަދަލުވެފަ އެވެ.

ޕޮމްޕެއޯ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އީރާނާ ހަނގުރާމަ ކުރުމުގެ ވިސްނުން އެމެރިކާ ނުގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ އެމެރިކާގެ 130،000 ސިފައިން ގަލްފުގެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނިންމާފައިވާ ކަމަށް ފެތުރިފައިވާ ހަބަރު ތައްވެސް ދޮގު ކުރައްވާފަ އެވެ.

އެމެރިކާގެ ހަނގުރާމައިގެ އިންޒާރުތަކާ ގުޅިގެން އީރާނުންވަނީ ހަނގުރާމަ ފަށައިފިނަމަ އެމެރިކާއަށް ވަރުގަދަ ފިލާވަޅެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި އީރާނުގެ ކޮމާންޑަރަކުވަނީ އެމެރިކާގެ މަތިންދާ ބޯޓު އުފުލާ ،މަނަވަރުތަކަކީ އީރާނުގެ މިސައިލްތަކުގެ އަމާޒެއް ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ.

އީރާނާ ހަނގުރާމަ ކުރުމުގައި އެމެރިކާގެ ރާގު ބަދަލުވެފައިވާއިރު ޖަރުމަނުގެ ޚާރިޖީ ވަޒީރު ހައިކޯމާސް ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިމަތިކުރަނީ ގަބޫލުކުރެވޭފަދަ ފިއްތުންތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ ގަލްފުގެ ސަރަހައްދަށް އަސްކަރީ ބާރުތައް ފޮނުވައިގެން މަސްރަހު ހޫނުކުރުމަށް ކުރަމުން ގެންދާ ކަންތައްތަކަށް ޖަރުމަނުންވެސް އަދި ޔޫރަޕްގެ އިއްތިޙާދުންވެސް އެމެރިކާއަށް އެއްބާރުލުން ނުދޭނެ ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ސްޕޭނުންވަނީ ގަލްފުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ސްޕޭންގެ ކަނޑުގެ ސިފައިންގެ މަނަވަރެއް އެސަރަހައްދުން ބޭރަށް ގެންދިޔުމަށް ނިންމާފައެވެ. މިއީވެސް އެމެރިކާއަށް މެސެޖެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސް ކޮންފަރެސްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯލްވަނީ ގަލްފުގެ މަސްރަހު ހޫނުކުރުމަށްޓަކައި އެސަރަހައްދަށް އަސްކަރީ ބާރުތައް ފޮނުވައިގެން އީރާނަށް ބިރުދެއްކުމަށް އެމެރިކާ ހިންގާ އަމަލުތަކަކީ ގޯހެއްކަމަށާ އެކަމަށް ރަޝިޔާގެ ތާއީދު ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީވެސް އެމެރިކާ ހެދި ގޯހެއްކަމަށް ލާވްރޯވް ވަނީ ސިފަކުރައްވާފަ އެވެ. - ނޫސްއެޖެންސީތައް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު