ޣާޒީ ދާރުލްއާސާރަށް ކުރި ހުވަފެނީ ދަތުރު

ގައުމީ ދާރުލްއާސަރު --

އިމާރާތުގެ ވަށާފާރު ހުރީ ހިރިގަލުންނެވެ. އެ ފާރަކީ ވެސް ދިވެހިރާއްޖޭގެ ގަދީމީ އަތްތެރިކަމާއި ޒަމާނީ ފަރުމާގެ އަސަރުތަކުގެ ނިކަން ރީތި ނަމޫނާއެކެވެ. އެހައި އުހެއް ނޫނެވެ. ދެ ފޫޓަށް ވުރެ އުހެއް ނުވާނެއެވެ. ފާރުމަތީގައި ކޮޅުންކޮޅަށް ކަޅު ދަވާދު ލައިފައި ހުރި، ދިވެހި ފަރުމާވެރިކަމާއި އިސްލާމީ މިއުމާރިއްޔަތުގެ ރީތި ނަމޫނާއެއް ފަދަ ދަގަނޑު ފެންސެއް ޖަހައިފައި ހުއްޓެވެ. އިމާރާތަށް ވަދެވޭން ހުންނަނީ އުތުރު ފަރާތުގައި ހުންނަ ދޮރޯށިންނެވެ. ނުކުމެވެނީ ދެކުނު ފަރާތުގައި ހުންނަ ދޮރޯށްޓަކުންނެވެ. ހަތަރު ކަނުގައި ހަތަރު ބުރުޒު ހުއްޓެވެ. ކޮންމެ ބުރުޒެއްގައި ދިވެހި ބަހުން، ކުރީގެ ދިވެހި ނަމަކުން ނަން ލިޔެފައި ހުއްޓެވެ. ކޮންމެ ބުރުޒެއްގައި ސިފައިންގެ މީހުން ފާރަޔަށް ތިއްބެވެ. އާއްމުކޮށް ސިފައިން އަޅާ ޔުނިފޯމާ ތަފާތު، މާ ރީތި ޔުނިފޯމެއްގައެވެ.

އިމާރާތަށް ވަންނަ މައިދޮރޯށި ވެސް ހުރީ ވަރަށް ރީތިކޮށް ފަރުމާ ކޮށްފައެވެ. ދޮރޯށީގެ މަތީގައި ދިވެހި ބަހުން، ތާނަ އަކުރުން "ޣާޒީ ދާރުލްއާސާރު" މިހެން ލިޔެފައި އޮތެވެ.

ދާރުލްއާސާރުގެ ވަށާފާރާއި ތަނުގެ މައި އިމާރާތާ ދެމެދު ކޮންމެ ފަރާތަކުން ވެސް ތިރީހަކަށް ފޫޓުގެ ޖާގަ އޮތެވެ. އެ ޖާގައިގައި ބައެއް ތަންތަނުގައި އޮތީ ފެހި ވިނަޔާއި އެކި ވަރުވަރުގެ ބަގީޗާ ގަސްގަހާއި މައުމެލާމެލި ހައްދައިފައެވެ. އޭގެ އިތުރުން، ބައެއް ދިމަދިމާގައި ފައްވާރާތަކާއި، އެކި ކަހަލަ މުޖައްސިމާތައް ވެސް ހުއްޓެވެ. މައި އިމާރާތަކީ ހަތަރު ފާރާއި ފުރާޅެއްގެ މައްޗަށް އެކުލެވޭ ފޮށިގަނޑެއް ނޫނެވެ. އެކިއެކި ބައިތައް ހުރެފައި، ތިން ބުރިޔަށް، ނުހަނު ރީތިކޮށް ހަދައިފައި ހުރި ބިނާއެކެވެ. އެތަން ދެކޭ މީހެއްގެ ހިތަށް އުފާވެރިކަން ލިބޭހައި ފުރިހަމަޔަށް ހަދައިފައި ހުރި ބިނާއެކެވެ. ތަނުގެ ހުރަހަށާއި ދިގަށް ނަޒަރު ހިންގައިލެވުނު ވަގުތު އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ރަށްތަކުގައި ގައުމެއް އުފައްދައިގެން ދިރިއުޅޭތާ ހާހެއް ދެ ހާހެއްހައި އަހަރު ވުމަށް ފަހު، އަހަރެމެން ދިވެހިންނަކީ ވެސް ހަޒާރަތަށް ލޯބި ކުރާ، ފަންނާއި ސަގާފަތަށް އަހުލުވެރި، ތަހުޒީބާއި ތަމައްދުނުގެ ބަޔަކަށް ވަނީތާއެވެ.

ދާރުލްއާސާރުގެ މައިދޮރޯށިން ވަނުމާ އެކު އަޅުގަނޑާއި، އަޅުގަނޑާ އެކު ދިޔަ އެކުވެރީންނަށް މަރުހަބާ ކީ ޒުވާން ފުރައިގެ ފިރިހެންކުއްޖެކެވެ. ކަޅާއި ހުދުގެ ހެދުމެއް ލައިފައި، ކަޅު ބޫޓަކަށް އަރައިގެން ހުރި ކުއްޖެކެވެ. ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި އޭނާއަކީ ދިވެހި ސިފައިންގޭގައި އަލަށް ތައާރަފު ކޮށްގެން އުޅޭ "ކޮންސްކްރިޕްޝަން" ނުވަތަ ލާޒިމީ އަސްކަރީ ޚިދުމަތުގެ ނިޒާމުގެ ދަށުން، އޭލެވެލް ތައުލީމު ނިންމުމަށް ފަހު ދެ އަހަރުގެ މުއްދަތަށް ސިފައިންގޭގައި ޚިދުމަތް ކުރަމުން ދިޔަ ކުއްޖެކެވެ. ފުރަތަމަ އަހަރުގެ ތަމްރީނުތަކާއި އަސްކަރީ ތައުލީމުގެ ބައި ފުރިހަމަ ކޮށްފައި، ދެވަނަ އަހަރު ޚިދުމަތަށް ނުކުމެ އުޅެނީއެވެ. ޣާޒީ ދާރުލްއާސާރުގެ އިދާރީ މުއައްޒަފުން ފިޔަވައި، ތަނުގެ ކަންކަމާ ހަވާލު ވެގެން ތިބެނީ މުޅިން ވެސް އެގޮތުން ސިފައިންގޭގައި ޚިދުމަތް ކުރާ ޒުވާނުންނެވެ.

ކޮންމެއަކަސް، އަޅުގަނޑުމެން އެތެރެއަށް ވަނުމާ އެކު އެ ޒުވާނާ އުފާވެރި ހިނިތުންވެލުމަކުން މަރުހަބާ ކިޔައިފިއެވެ. އަދި އޭނާގެ ނަން ބުނެ ތައާރަފު ވެލުމަށް ފަހު، "މިއަދު ތިޔަ ބޭފުޅުންނަށް ދާރުލްއާސާރު ދައްކައިލުމުގެ މަސައްކަތް ހަވާލު ވެފައި ވަނީ އަޅުގަނޑާ" އޭ ބުނެފައި، އަޅުގަނޑުމެންގެ ޖަމާއަތުގެ ކޮންމެ މީހަކާ ވެސް ހިތްހެޔޮކަމާ އެކު ސަލާމް ކޮށްލައިފިއެވެ. ދެން "އަޅުގަނޑާ އެކު ވަޑައިގަންނަވާ" އޭ ބުނެލުމަށް ފަހު އޭނާ އަޅުގަނޑުމެން ގޮވައިގެން ދާރުލްއާސާރުގެ މައި ދޮރާ ހަމަޔަށް ދިޔައީ ފަހަތަށް ހިނގަމުންނެވެ. އަޅުގަނޑުމެންނަށް ފުރަގަސް ނުދޭން ވެގެންނެވެ. އިމާރާތުގެ ދޮރުން ވަދެވެން ހުރީ ހަތް ހަރުފަތުގެ ސިޑިއަކުން އަރައިގެންނެވެ. ފަހަތަށް ހިނގައި ސިޑިން އަރައި ހެދުމުގައި އެ ޒުވާނާ ވަރަށް ފަރިތައޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. އަޅުގަނޑުގެ އެކުވެރީން ކުރެ އެކަކު ސަމާސަޔަކަށް އެހެން ބުނެވެސްލިއެވެ. ޖަވާބުގައި ޒުވާނާ ހީނލައިފައި ބުނީ "އަޅުގަނޑު މިހާރު ހުންނަނީ އާދަ ވެފައި" މިހެންނެވެ.

ސިޑިން އަރައިގެން މައިދޮރާ ހަމަޔަށް ދާން ވެސް ދިހަ ވަރަކަށް ފިޔަވަޅުގެ މަސާފާ އޮތެވެ. ދޮރުމަތީގައި ކަހަލަ ގޮތަކަށް މަޑު ކޮށްލައިފައި، ޒުވާނާ ވާހަކަ ދައްކާން ފަށައިފިއެވެ. އަޅުގަނޑުމެން ކުރެ އޭނާޔާ އެންމެ ދުރުގައި ހުރި މީހާޔަށް ވެސް ފަސޭހަކަމާ އެކު ސާފު ވާނޭ ފަދައިން، ހަރު އަޑުން، ރީތި ދިވެހި ބަހުންނެވެ. އޭނާގެ އަޑުމަޚްރަޖުގެ ފުރިހަމަކަމުން އަޅުގަނޑު ވެސް އާޝޯޚު ވިއެވެ. އޭނާ ބުންޏެވެ. "ދިވެހިރާއްޖޭގެ ގައުމީ ބަޠަލް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ ހަނދާނުގައި ބިނާ ކުރެވިފައި ވާ ޣާޒީ ދާރުލްއާސާރަށް މަރުހަބާ. މި ދާރުލްއާސާރުން ތިޔަ ބޭފުޅުންނަށް ސުލްޠާން އައުޒަމާއި، އެމަނިކުފާނު ކުރެއްވެވި ގައުމީ ޖިހާދުގެ ހަނދާންތަކާ ގުޅޭގޮތުން އަޅުގަނޑުމެންނާ ހަމަޔަށް ރައްކައުތެރި ކުރެވިފައި ހުރި ގިނަ ތަކެތި ފެނިވަޑައިގަންނަވާނެ. މިތަނުގައި ނުހުންނާނީ ހއ. އުތީމުގައި ހުންނަ އެމަނިކުފާނުގެ އާއިލީ ގަނޑުވަރުގެ ތެރޭގައި ޒަމާނުއްސުރެ ހުރި ތަކެއްޗާއި، ކަޅުއޮށްފުންމީގެ ލަކުޑިން ބަނދެފައި ވާ މ. ކޮޅުފުށީގައި ހުންނަ މިސްކިތެއްގައި ހުރި ތަކެތި. ސުލްޠާން އައުޒަމަކީ މީލާދީން 1558 ވަނަ އަހަރުން ފެށިގެން 17 އަހަރު ވާންދެން ދިވެހިރާއްޖޭގައި ފުރެތިކާލުން ކުރި އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެންނަވައި، ގައުމު އަޅުވެތިކަމުން ސަލާމަތް ކޮށްދެއްވެވި މަތިވެރި ބަޠަލް. އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ކޮށްދެއްވުމާއި، ދާރުލްއާސާރު ބައްލަވަމުން ވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ ޙުރުމަތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަކީ އަޅުގަނޑުމެންގެ އެދުމެއް. އެއްވެސް ބާވަތެއްގެ ކެމެރާއެއް ނުވަތަ ފޯނެއް ފަދަ އެއްޗަކުން ފޮޓޯ ނެންގެވުމަކީ މުޅިން މަނާ ކަމެއްކަން ވެސް ހަނދުމަފުޅުކޮށް އަރުވަން."

މި ހިސާބަށް ގެންގޮސްފައި ޒުވާނާ އޭނާގެ ވާހަކަ މެދު ކަނޑައިލައިފިއެވެ. އަދި ހިނިތުން ވެލަމުން އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މޫނަށް ކަހަލަ ގޮތަކަށް ނަޒަރު ހިންގައިލައިފިއެވެ. "ސާފު ވެއްޖެދޯއޭ" އަހާ ކަހަލަ ގޮތަކަށެވެ. އެއަށްފަހު "އެހެންވީމާ ކުރިޔަށް ދަމާ ދެއްތޯ" އޭ ބުނެފައި، ކުރިއެކޭ ވެސް އެއްގޮތަށް ފަހަތަށް ހިނގަމުން، އިމާރާތުގެ އެތެރެޔަށް ވަންނަމުން އެ ފެށީ ކިޔައިދޭށެވެ.

އެންމެ ފުރަތަމަ ދެއްކީ ދޮރުން ވަންނަ އިރު ކަނާއަތް ފަރާތުގައި ހުރި ޗޭންބަރެކެވެ. އެ ޗޭންބަރުގައި ހުރީ މީލާދީން 1558 ގައި ފުރެތިކާލުން ރާއްޖެއަށް ހަމަލާ ދިން ގޮތާއި، އެއިރު ހުންނެވި ޢަލި ރަސްގެފާނު ޝަހީދު ކުޅަ ގޮތާއި، އެއުރެން މާލޭގެ މައްޗަށް ވެރިވެގަތް ގޮތާއި، ދެން އަމަލު ކުރި ގޮތް ދައްކުވައިދޭ މައުލޫމާތުގެ ލިޔުންތަކާއި ތަސްވީރުތަކާއި ކުރެހުންތަކެވެ. އެއް ކުރެހުމެއްގައި ދިވެހިރާއްޖޭގެ ޗާޓު ކުރަހައި، ފުރެތިކާލުން މަރުކަޒު ގާއިމު ކޮށްގެން ތިބި ރަށްރަށް ވެސް ފާހަގަ ކޮށް ދައްކައިދީފައި ހުއްޓެވެ. އެ ޗާޓުން އެނގޭ ގޮތުގައި، އެއުރެންގެ މަރުކަޒުތައް ހުރީ މާލެޔާއި މާލެއިން އުތުރުގެ އަތޮޅުތަކުގައެވެ. ޒުވާނާ އެ އެއްޗެތި ދައްކަމުން، އޭނާގެ ރީތި އަޑުން އެ ތާރީޚު ކިޔައިދެމުން ދިޔައެވެ. އެތާނގައި ހުރި ލިޔުންތަކުގައި ހުރި ހުރިހާ ވާހަކަތަކާއި، އޭގައި ނެތް ތަފްސީލުތަކެވެ. އޭނާ ހުރީ އެ ހުރިހާ އެއްޗެއް ހިތު ދަސް ކޮށްފައެވެ. މަރްޙޫމް ހާޖަރާގޭ ތައުފީޤު ސިޔަރަތު ވިދާޅުވާ އިރަށް ވުރެ، އޭނާގެ ކިޔައިދިނުން ތަންކޮޅެއް ވެސް ހިތްގައިމުކަން ކުޑައެއް ނޫނެވެ. އޭނާގެ ވާހަކައިގެ ތެރޭގައި "ޢަލި ރަސްގެފާނު ގަނޑުވަރުން ނުކުމެވަޑައިގަންނަވާން ވެގެން، ތުއްޕުޅު ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނު ގެންނަވައި އުނގުފުޅަށް ލައްވަވައި، އެ ދަރިކަނބަލުންގެ މޫނުފުޅުގައި ބޮސް ދެއްވައިފައި "ދަރިކަނބަލުންނާ ﷲ އާ ވަކީލޭ" މިހެން ވިދާޅުވެފައި، ކަރުނަވީ ލޯފުޅަކާ އެކު ހަތިޔާރު ހިއްޕަވައިގެން ގަނޑުވަރުން ނުކުމެވަޑައިގަތީއޭ" ބުނި ހިސާބުން އަޅުގަނޑުގެ ލޮލުން ވެސް ހޯސް ލައިފައި ކަރުނަ އޮހޮރިގެން ދިޔައެވެ. އެ ޗޭންބަރުގައި އެންމެ ފަހުން ހުރީ ޢަލި ރަސްގެފާނު ޝަހީދު ވެގެން ވެއްޓިވަޑައިގަތް ތަނާއި، ވިލިނގިލީ ރައިވަރުބެއާ ބެހޭ މައުލޫމާތާއި، އެތަނުގައި ހުރި ޢީދު މިސްކިތާއި، ޢަލި ރަސްގެފާނުގެ ޒިޔާރަތާ ބެހޭ މައުލޫމާތުތަކާއި ތަސްވީރުތަކެވެ.

ދެން އަޅުގަނޑުމެން ވަން ޗޭންބަރުން ލިބުނީ ފުރެތިކާލުން ދިވެހިރާއްޖޭގައި އުޅުނު ދުވަސްވަރާ ބެހޭ މައުލޫމާތެވެ. އެމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ސަގާފަތަށް ކޮށްފައި ހުރި އަސަރުތަކަށް ވެސް ޒުވާނާ އަލި އަޅުވައިލިއެވެ. އެގޮތުން ދިވެހި ބަހުގައި ހިމެނޭ "މޭޒު" ފަދަ އެތައް ލަފުޒެއް ކިޔައިދީ، އެއީ ފުރެތިކާލުންގެ ބަހުން ދިވެހި ބަހަށް އައިސްފައި ހުރި ލަފުޒުތައް ކަމަށް ބުންޏެވެ. ޚާއްސަކޮށް، އެ ދުވަސްވަރު ފުރެތިކާލުން ދިވެހިންނަށް ކުރި އަނިޔާތަކާއި، ދިވެހިން ކުރެ މީދޫ ތަކުރާއި، ތުއްފާށަނާ ހަސަނު ފަދަ ޣައްދާރުން "އައްޔެއް އަނދިރިއެއް ތަފާތެއް ނޫނޭ" ބުނެ، ދުނިޔަވީ އެދުންތަކަށް ޓަކައި ދީނާއި ގައުމު ކަތިލައިލި ގޮތް ކިޔައިދިނުމުން، އަޅުގަނޑުގެ ހިތަށް ކުރީ އިހުނަށް ވުރެވެސް ވަރުގަދަ އަސަރެކެވެ. ތެދެކެވެ. ގައުމާއި، ގައުމުގެ ގައުމިއްޔަތާއި، ވަތަނިއްޔަތާއި، މި ކަންކަމުގެ އަސާސްތަކަށް ޣައްދާރު ވެ، އެހެން ގައުމިއްޔަތެއް، އެހެން ވަތަނިއްޔަތެއް ހޯދާން އުޅޭ ނުބައިނުލަފާ ޚާއިނުންގެ ސަބަބުން ގައުމުތަކަށް ލިބިފައި ހުރި ދެރަޔަށް ވުރެ ވަކިން ބޮޑު ދެރައެއް، ނިކަމެތިކަމެއް، ގުނާއެއް ގައުމަކަށް ދުވަހަކުވެސް ނުލިބޭނެއެވެ.

ދެން ފެށުނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނާ ބެހޭ އެކިއެކި ޗޭންބަރުތަކެވެ. ފުރަތަމަ ޗޭންބަރުން އަޅުގަނޑު އެންމެ އަޅައިގަތީ ނުވަރަ ފުރައިގެ ރީތި ފިރިހެން ކުއްޖަކު، ރާއްޖެތެރޭގެ ރަށެއްގެ ގޮނޑުދޮށުގައި، ދިވެހި ހުދު ދޮންވެލީގައި، ދޫނި ހިފާ މަޅިފައްޗެއް ހިފައިގެން ދުވެފައި ދާ މަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ. އަޅުގަނޑުމެންނަށް ދާރުލްއާސާރު ދައްކާ ޒުވާނާ ބުނި ގޮތުގައި، އެ ތަސްވީރަކީ ސުލްޠާން މުޙައްމަދު ތަކުރުފާނު، އެމަނިކުފާނުގެ އުފަންރަށް އުތީމުގެ ގޮނޑުދޮށުގައި، ނުވަރަފުރައިގެ ކުޑަކުއްޖެއްގެ ގޮތުގައި، ދޫނި ހިއްޕަވާން އުޅުއްވިއުޅުއްވުން ރަމްޒު ކޮށްދޭ ކުރެހުމެކެވެ. "އެމަނިކުފާނު ދޫނި ހިއްޕަވާނެ. ދެން ހަމަ ވަގުތުން ދޫ ކޮށްލައްވާނެ. ކީއްވެގެން ކުރެއްވި ކަމެއްކަން އެނގޭކަށް ނެތް. އެކަމަކު ވެދާނެ މިނިވަންކޮށް އުދުހިއުދުހި އުޅޭ ދޫންޏެއް ގައިދު ކުރައްވައިގެން ގެންގުޅުއްވުމަކީ އެމަނިކުފާނު ކުރައްވާ ހިތްޕުޅުވާ ކަމަކަށް ނުވަނީ ކަމަށް. ދޫންޏަށް ވަރަށް ލޯބި ކުރެއްވި."

ދެން އެކިއެކި ޗޭންބަރުތަކުން، އެކިއެކި މާލަންތަކުން، ކޮރިޑޯތަކުން، އެ ރީތި އިމާރާތް ބަލަމުން، ޒުވާނާ ފޫހިކަމެއް ނެތި ކިޔައިދޭ ވާހަކަތައް އަޑުއަހަމުން ދިޔައީއެވެ. ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ އެއްބައްޕާފުޅު ބޭބޭފުޅު އަލި ތަކުރުފާނާއި، އެއްބަނޑު އެއްބައްޕާފުޅު ކޮއްކޯފުޅު ޙަސަން ތަކުރުފާނު އެބޭފުޅުންގެ ޖިހާދު ފެއްޓެވި ގޮތެވެ. ވިޔަޒޯރުގެ ކަންކަން ހިނގަމުން ދިޔަގޮތެވެ. ބާރަށު ބުޅާ ފާތުމާގެ ރެހެންދި އާއި، ޝަހީދު ޢަލި ރަސްގެފާނު "ﷲ އާ ވަކީލު ކުރައްވައި" މި ގައުމާ ހަވާލު ކުރެއްވެވި މާތް އަންހެން ސާހިބާ ސިއްތިމާވާ ރަނިކިލެގެފާނު، ބޮޑު ތަކުރުފާނުގެ އަނބިއަނބިކަނބަލުންނަށް ވީ ގޮތެވެ. މަޝްހޫރު ކަޅުއޮށްފުންމީގެ އާދަޔާ ޚިލާފު ވާހަކައެވެ. ކަޅުއޮށްފުންމީގައި ވިޔަޒޯރު އުތީމު ތިންބެއިން ގޮވައިގެން މާލެ ކުރެއްވި ދަތުރުގައި، ހަގީގަތްތައް ސާފު ވެ، ފަރުދާތައް ކެހި، ވިޔަޒޯރު ގަތުލު ކުރެވި، ޖިހާދުގެ އެންމެ ފަހުގެ އެޕިސޯޑު ފެށިގެން ދިޔަ ގޮތެވެ. ދަންޑެހެލު ކަޅުއޮށްފުންމީގެ ބޮޑުފަނާގެ ދަނޑި ނަގައިގެން، އޮޑީގެ ކޮޅުފަސްކޮޅުން ދިރުނބާކޮޅަށް ދިޔަ އިރު، އޮޑީގައި ތިބި ފުރެތިކާލުންގެ އެންމެން ތަންޑާ ވެގެން ވެއްޓިފައި ތިބި ގޮތުގެ ވާހަކައެވެ.

އެއްމެ ފަހުން ބެލި ދެތިން މާލަމުގެ ތެރެއިން އެއް ތަނުން ފެނިގެން ދިޔައީ އައްސުލްޠާން މުޙައްމަދު ތަކުރުފާނު މާލެ އަރައިވަޑައިގެންނެވި ރޭގެ ހާދިސާތަކާ ބެހޭ މައުލޫމާތެވެ. ކުރެހުންތަކުގެ އެހީގައި، އެބޭފުޅުން މާލެ އަރައިވަޑައިގަތް ދިމާ އާއި، ރަސްކަމުގެ ކޮއިލާ ހަމަޔަށް ވަޑައިގަތް މަގުތަކާއި، ކޮރަލިތަކުރުގެ އަބޫބަކުރު މެދުޒިޔާރަތްދޮށުގައި ފާތިހާ ކިޔަވައިވިދާޅުވި ގޮތާއި، ބޮޑު ތަކުރުފާނާއި އަރިއަހުގައި ތިއްބެވި މުޖާހިދުން އަނދިރިއަނދިރިންނާ ހަނގުރާމަ ކުރެއްވި ގޮތް ފަދަ ހުރިހާ ކަމެއް ޒުވާނާ ކިޔައިދިނެވެ. އެއަށްފަހު ދެން އަޅުގަނޑުމެން ވަނީ ސުލްޠާން މުޙައްމަދު ތަކުރުފާނުގެ ކަނޑިކޮޅާއި، ގެންގުޅުއްވި އަމިއްލަފުޅު ތަކެއްޗާއި، އެމަނިކުފާނުގެ އަރިއަހުގައި ޖިހާދު ކުރެއްވި ބޭފުޅުންގެ އެއްޗެތިކޮޅާއި، އެ ދުވަސްވަރުގެ ރަސްކަމުގެ ރިކޯޑުތަކުގެ މަޢުލޫމާތު ފަދަ އެއްޗެތި ހުރި ޗޭންބަރަކަށެވެ.

ކަޅުއޮށްފުންމީގެ ނަމޫނާ ނަކަލަކާއި، ކަޅުއޮށްފުންމި ހަލާކު ވުމަށް ފަހު އޮޑީގެ ވަކަރުން މ. ކޮޅުފުށީގައި ހަދައިފައި ހުރި ކުޑަ މިސްކިތުގެ ނަމޫނާއެއް ވެސް ދާރުލްއާސާރުގައި ހުއްޓެވެ.

އަދި ވަރަށް މުހިއްމު ވާހަކައެއް ހަނދާން ނައްތައިލެވިފައި ވެއްޖެއެވެ. ދާރުލްއާސާރު ބަލަމުން ދިޔަ އިރު، އަޅުގަނޑު އެންމެ އަޅައިގަތް އެއް ކަމަކީ އަޅުގަނޑުމެންނަށް ކޮންމެ ޗޭންބަރަކުން ހެން ދައްކައިލި ވީޑިޔޯތަކެވެ. ފިލްމުތަކެއް ނުވަތަ ވީޑިޔޯ ޕްރެޒެންޓޭޝަންތަކެއް ގޮތަށް ހަދައިފައި ހުރި އެތައް ވީޑިޔޯތަކަކުން، ސުލްޠާން މުޙައްމަދު ތަކުރުފާނު ކުރެއްވި ޖިހާދުގެ ތަފްސީލުތައް ލޯމައްޗަށް ސިފަ ކޮށްދިނެވެ. ހަމައެހެންމެ، ބައެއް ޗޭންބަރުތައް ހަދައިފައި ހުންނަނީ، ފަސްމަންޒަރަށް ލޭ ކައްކުވައިލާ ފަދަ މިޔުޒިކު ވެސް ހިމަނައި، ހިނގައިފައި ހުރި ބައެއް ހާދިސާތައް ތިއޭޓަރެއްގެ އިސްޓޭޖުން ކަހަލަ ގޮތަކަށް ސިފަ ކޮށްދޭ ގޮތަށެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ، އެ ދާރުލްއާސާރުގައި ހޭދަ ކުރެވުނު ވަގުތުތަކަކީ ފިލްމެއް ބަލައިލުމާއި، ހަގީގަތުގައި ކަން ހިނގި ތަނަށް ޚިޔާލީ ދުނިޔޭގައި ނަމަވެސް ޒިޔާރަތް ކުރުމާއި، ވާހަކަ ކިޔައިދިނުމުގައި އެންމެ މަތީ ދަރަޖައިގެ ހުނަރުވެރިއެއްގެ ދުލުން އެ ވާހަކަތައް އަޑު އަހައިލުން، މި ހުރިހާ ކަމެއް އެކީއެކުގައި ތަޖުރިބާ ކުރެވުނު ވަގުތުތަކެކެވެ. ދާރުލްއާސާރުގެ ތެރޭގައި ބަރާބަރު ތިން ގަޑި ހޭދަ ކުރެވިއްޖެކަން އަޅުގަނޑަށް ރޭކާ ލީ، ބޭރަށް ނުކުމެފައި ގަޑި ބަލައިލެވުމުންނެވެ.

އެންމެ ފަހުން، އަޅުގަނޑުމެންގެ "ގައިޑް" ބުންޏެވެ. "ތިޔަ ބައްލަވައިލެއްވީ ދިވެހި ގައުމުގެ ލޮބުވެތި ބަޠަލް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެމަނިކުފާނު ދިވެހި ގައުމަށް ޓަކައި ކުރެވި މިނިވަންކަމުގެ ވަރުގަދަ ޖިހާދުގެ ތާރީޚާއި ހަނދާންތައް ރައްކައުތެރި ކޮށްދޭ ޣާޒީ ދާރުލްއާސާރު. އެމަނިކުފާނުގެ ހަނދާނުގައި މިހާރު ރާއްޖޭގައި ވަރަށް ގިނަ ބިނާތައް ހެދިފައި ވޭ. އޭގެ ތެރެއިން އެންމެ މުހިއްމު ތަނަކީ، ފުރަމާލޭގައި ހުންނަ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި، މި ދާރުލްއާސާރު. މީގެ އިތުރުން، ރާއްޖޭގެ އަތޮޅުތަކުގެ ވެރިކަން ކުރާ ކޮންމެ ރަށެއްގައި އެމަނިކުފާނުގެ ހަނދާނީ ބިނާއެއް ހުންނާނެ. ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ އެމަނިކުފާނު ފުރެތިކާލުންގެ އަތްދަށުން ގައުމު ސަލާމަތް ކުރެއްވި ދުވަހުގެ ހަނދާނުގައި ފާހަގަ ކުރެވޭ މުނާސަބަތެއް. އެއީ ދިވެހި ގައުމުގެ އެންމެ ބޮޑު ގައުމީ މުނާސަބަތު. ގައުމީ ދުވަހުގެ އެންމެ މުހިއްމު އެއް ހަރަކާތަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައި، މި ތަނުގައި ހުންނަވައިގެން ޤައުމާ މުޚާޠަބު ކުރައްވައި، ދާރުލްއާސާރުގެ ކުރިބޯށި ދިއްލަވައި، މުޙައްމަދު ތަކުރުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވުން. އެ ކުރިބޯށްޓަކީ މިސްކިތެއްގެ މުންނާރުގެ ކޮޅު ހުންނަ ބައްޓަމަށް ހަދައިފައި ހުންނަ، ފުރަމާލޭގެ ހުރިހާ ހިސާބަކަށް އޭގެ އަލިކަން ފޯރާ ގޮތަށް ހުންނަ ކުރިބޯށްޓެއް. ގައުމީ ދުވަހުގެ އިރު އޮއްސުނީއްސުރެ، އަނެއް ދުވަހުގެ އިރު އަރާންދެން އެ ކުރިބޯށި ހުންނާނީ ދިއްލައިފައި. ކުރިބޯށި ދިއްލެވުމަށް ފަހު، މަޣްރިބް ނަމާދު ޖަމާޢަތުގައި އިމާމު ވެކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމަށް ވަޑައިގަންނަވާނީ އޭގެ ފަހުން. ދާރުލްއާސާރަށް ޒިޔާރަތް ކުރެއްވީތީ ޝުކުރިއްޔާ. ހުރިހާ ބޭފުޅުންނަށް ވެސް ބާއްޖަވެރި ދުވަހަކަށް އެދެން."

ކިހާ އުފާވެރި ތޯއެވެ؟

ނަމަވެސް ދެން ކުއްލިޔަކަށް އިވުނު އަޑަކާ އެކު، އަޅުގަނޑަށް ލިބުނު ސިހުމުގައި ލޯ ހުޅުވައިލެވިއްޖެއެވެ. ހުވަފެނުގެ ދުނިޔެއިން ހަގީގީ ދުނިޔެއަށް އައުދެވިއްޖެއެވެ. ހިއްސުތަކުގެ މައްޗަށް ބާރު ފޯރުވައި، ރަނގަޅަށް ހެއި ލައިގެން ބަލައިލި އިރު، ކަމަކު ދާކަށް ނެތެވެ. އެއް ދިމާޔަކުން އެބަ ގޮވައިލައެވެ. "ބޭނުމީ އެހެން ގައުމިއްޔަތެއް." އަނެއް ދިމާޔަކުން އެބަ ގޮވައެވެ. "ދިވެހިރާއްޖެ ސެކިޔުލާރ ކުރާނަން، ކޮބައިތަ ކަލޭމެންގެ ކަލާނގެ؟" އަނެއް ދިމާޔަކުން އެބަ ގޮވައިލައެވެ. "ގާނޫނު ހަދާ މަޖިލިހަކަށް ދީނެއް، މިއްލަތެއް، ފޮތެއް، އަޚްލާގެއް، އިލްމެއްގެ ބޭނުމެއް ނެތް. ބޭނުން ވަނީ ފައިސާގެ ބާރުގައި ވިޔަސް ހޯދާ ރައްޔިތުންގެ ވޯޓު. ބެލޮޓް ބޮކުހަށް ވުރެ މުގައްދަސް އެއްޗެއް ނުވޭ." އެއްބަޔަކު އުޅެނީ ރިސޯޓުތަކާއި ރަށްރަށުގައި ދޮން މީހުންގެ ދީނާއި ގޮތާއި ފޮތް ފެތުރުމަށް ޖެހި މަކަރުވެދި މަޅިފައްޗެއް ކަމަށްވާ ގެސްޓް ހައުސްތަކުން ލިބޭ ޓޫރޯޑޮލަރު އެއީ ކަލާނގެ ކަމުގައި ހަދައިގެންނެވެ. އަނެއް ބަޔަކު އުޅެނީ އިސްލާމް ދީނަށް ނަފުރަތު ކުރާ ތަންތަނުން ކިޔަވައިގެން އެ ތަންތަނުގެ ގޮތާއި ފޮތް މި ރާއްޖޭގައި އާލާ ނުކުރެވިގެން ރުޅި އައިސް ރަތް ވެގެންނެވެ. އެއް ބަޔަކު އުޅެނީ ޑިންގީތަކުން، ކާރުތަކުން، ގޭގޭގެ ކޮޓަރިތަކުން ބަނގުރާ ކޭސްކޭހުގައި އެލިގަނެގެންނެވެ. އަނެއް ބަޔަކު އުޅެނީ އެއްޖިންސުން ހިންގާ ވަހުޝީ ގުޅުންތަކަށް ތަން ކުޑަވެގެންނެވެ. ޅަދަރީންނަށް ދިވެހި ބަސް ދަސް ކޮށްދޭން ލަދު ގަންނަ ހާލު، ބެލެނިވެރިން އެންމެ ފަޚުރުވެރިކަމާއެކު ބުނެލާ އެއް ވާހަކަޔަކަށް ވެފައި ވަނީ ތިމާގެ ދަރިޔަށް ދިވެހި ބަހުން ވާހަކަ ދައްކާން ނޭނގެޔޭ، އޭނާ ވާހަކަ ދައްކަނީ މުޅިން ވެސް އިނގިރޭސިންނޭ މި ވާހަކައެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ. ނޫނެކެވެ. ތަމައްދުނާއި ތަހުޒީބެއް ނޫނެވެ. ޣާޒީ ދާރުލްއާސާރެއް ނޫނެވެ. އަޚްލާގެއް ނެތުމާއި، ދީނެއް ރައްބިއެއް ރަސޫލެއް ގޮތެއް ފޮތެއް މިއްލަތެއް ހަމައެއް ނެތުމާއި، އިސްތިއުމާރުން މިނިވަން ވުމެއް، ގައުމިއްޔަތާއި އަމިއްލަ ޝަޚްސިއްޔަތަށް ރައްކައުތެރިވުމެއް ނެތުމުގެ ބިރުވެރި އަނދިރި ރޭގަނޑެކެވެ. މަޝްހޫރު ޅެންވެރިޔާ ޔޯހާން ވޮލްފްގޭންގ ވޮން ގޯތާގެ ބަސްފުޅެއްގައި ވަނީ، އެންމެ ނާއުއްމީދީ އަދި ނިކަމެތި ގޮތުގައި އަޅުވެތި ވެފައި ވާ ބަޔަކީ، ތިމައުރެންނަށް މި ތިބެވެނީ އަޅުވެތިކަމުގެ ހުރަގެއެއްގައި ކަން ނުވެސް އެނގޭ ވަރަށް ބުއްދިއާއި ފިކުރު އަޅުވެތި ވެފައިވާ މީހުން ކަމުގައެވެ. މި ދަންނަވަނީ ހަމަ ފިސާރި ތެދެކެވެ. މި ޒަމާނުގެ ދުނިޔޭގެ އެއްވެސް ތަނަކުން، ގޯތާ އެ ވިދާޅުވާ ފަދަ އަޅުވެތިކަމެއްގައި ދިވެހިންނަށް ވުރެ ބޮޑަށް ޖެހިފައިވާ ބަޔަކު އަޅުގަނޑު ނުދެކެމެވެ. ދެހާސް އަހަރު ފަހުން އަޅުގަނޑުމެންގެ ގައުމު ތަސައްރަފު ފުދުނު ދުވަހު، އަޅުގަނޑުމެންގެ އަތުގައި އޮތް އެއްޗަކީ އެޔެވެ. އިލާހީ ދަންމަރާއި ބުއްދިއާއި ޒަމީރުގެ އަލިކަން ނެތުމުގެ އަނދިރިކަމާއި، ފިކުރުގެ އަޅުވެތިކަމެވެ. އެހެން އެކައްޗެއް ވެސް ނެތެވެ.

comment ކޮމެންޓް