"2023 ގެ އައިއޯއައިޖީއަށް ބިޑު ކުރާނީ ރާއްޖެތެރޭގައި ވެސް ކުޅިވަރުތައް ކުޅޭ ގޮތަށް"

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖެއިން ބިޑްކުރާނީ އަތޮޅުތަކުގައި ވެސް އެ މުބާރާތުގެ ކުޅިވަރުތައް ކުޅޭ ގޮތަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅު ވެއްޖެ އެވެ.

މިއަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވަން ހަމަޖެހިފައިވާ އައިއޯއައިޖީއަށް ފަހު ދެން އަންނަ ފަހަރަކު އެ މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެ މަސައްކަތުގެ ތެރެއިން ދާދި ފަހަކުން އެ މަނިކުފާނު ވަނީ އިންޑިއާއަށް ކުރިކެޓް މެޗެއް ބައްލަވާލަން ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ކުޅިވަރުގެ އިސްފަރާތްތަކާ ވަނީ ބައްދަލު ކޮށްފައެވެ.

އެ ބައްދަލުވުމަށް ފަހު ރާއްޖެއަށް ކުޅިވަރުގެ ކަންކަން ކުރިއަރުވަން އެތައް އެހީތަކެއް ލިބިގެންދިޔަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ފަސޭހަތަކެއް ވެގެން ދާނެ ކަމަށާއި ބިޑު ކާމިޔާބު ކުރެއްވުމުގެ އިތުބާރު އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާއިރު ދިމާވާނެ އެންމެ ބޮޑު އެއް އުނދަގުލަކީ ޖާގައިގެ އުނދަގުލެވެ. ބެލެވޭ ގޮތުގައި ހާހެއް ވުރ ގިނަ އެތުލީޓުންނާއި ޓީމު ތަކުގެ އޮފިޝަލުން އެ މުބާރާތައް އަންނަ އިރު އެ ހުރިހާ އެންމެންނަށް އެކަށީގެންވާ އެކޮމަޑޭޝަން ދިނުމަކީ ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ދަތި ކަމެވެ.

ނަމަވެސް އެހާ ތަނަށް އެކަކަން ހައްލު ކުރުމަށް ޕްލޭން ކުރަމުންދާ ކަމަށް ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިޑު ކުރާނީ ހަމައެކަނި މާލޭ ސަރަހައްދުގައި މުބާރާތް ކުޅޭ ގޮތަށް ނޫން ކަމަށާއި ރާއްޖެތެރޭގައި ވެސް ކުޅިވަރުތައް ކުޅޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ފެސިލިޓީސްތައް ރާއްޖޭގެ ދިމަ ދިމާލަށް ގެންގޮސް އަތޮޅުތަކުގައި ވެސް ކުޅިވަރުތައް ކުޅެވޭ ގޮތައް ހެދުން. އަޅުގަނޑުމެން ބިޑު ކުރާއިރު ކުރާނީ ހަމައެކަނި މާލޭ ސަރަހައްދައް ވިސްނައިގެނެއް ނޫން،" މަހްލޫފް ދެއްވި ޕްރެސްއެއްގައި ވިދާޅުވިއެވެ.

"އެންމެ ބޮޑަަށް ބަލަން ޖެހޭނެ އެއް ކަމަކީ ހާހެއްހާ އެތުލީޓުން އަންނަ އިރު އެ އެންމެން އެކޮމަޑޭޓް ކުރާނެ ގޮތަކަށް. އާއްމު ގޮތެއްގައި އެކަން ކުރާ ގޮތަކީ ފްލެޓްތައް އަޅައި ނިންމާފައި މީހުނަށް ފްލެޓްތައް ހަވާލު ކުރުމުގެ ކުރިން އެފަދަ މުބާރާތްތައް ބާއްވާނީ. އޭރަށް ޖާގަ ލިބޭނީ. އެކަން ކަން ވެސް ބަލަމުން އަޅުގަނޑުމެން މިދަނީ."

comment ކޮމެންޓް