ގްރީޒްމަން ވެސް އެތުލެޓިކޯ ދޫކޮށްލަން ނިންމައިފި

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން --- ފޮޓޯ/ މެޓް ޑޯމަން

ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިންއަށް ފަހު އެންޓޮއިން ގްރީޒްމަން ވެސް މި ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް ބުނެފި އެވެ.

ފަސް އަހަރުވަންދެން އެތުލެޓިކޯއަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފްރާންސްގެ ފޯވާޑް ގްރީޒްމަން އަކީ ޔޫރަޕުގެ އެންމެ ބޮޑެތި ކުލަބުތަކުން އަބަދު ވެސް ކަޅި އަޅަމުން އަންނަ ކުޅުންތެރިއެކެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި އޭނާ އެކުލަބުން ގެންދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެންމެ ގިނައިން ގްރީޒްމަން ގެންދަން ހުށައެޅުންތައް މީގެ ކުރިން ހުށައެޅީ ސްޕެއިންގެ ބާސެލޯނާއިންނެވެ.

ބެލެވޭ ގޮތުގައި އެތުލެޓިކޯ މެޑްރިޑް ދޫކޮށް އޭނާ ބަދަލުވާނީ ވެސް އެ ޓީމަށެވެ. ބާސެލޯނާގެ ފޯވާޑުން މަދު ކަމުގެ މައްސަލަ ވަރަށް ބޮޑަށް އެ ޓީމަށް ކުރިމަތި ވެފައި ވާ އިރު އެ ޓީމުން މިދިޔަ އަހަރުގެ ވޯލްޑަ ކަޕަށް ފަހު ގްރީޒްމަން ގެންދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އޭރު ކުރި ޕޯސްޓެއްގައި ގްރީޒްމަން ބުނީ އޭނާ އެތުލެޓިކޯގައި މަޑު ކުރާނެ ކަމަށެވެ.

ގްރީޒްމަން ކްލަބު ދޫކޮށް ދާނެ ކަން އިއުލާން ކުރުމުގެ ގޮތުން އެތުލެޓިކޯ މެޑްރިޑުން ރޭ ވަނީ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓުގައި ވަނީ ގްރީޒްމަން އެ ކުލަބު ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާ ވީޑިއޯ އެކެވެ.

https://twitter.com/Atleti/status/1128393365630980099

"މި ވޭތުވެ ދިޔަ ފަސް އަހަރަކީ ވަރަށް ވެސް އުފާވެރި ފަސް އަހަރު. ވަރަށް ބޮޑަށް ޝުކުރުވެރި ވަން. މި ކުލަބުގެ ހަނދާންތައް އަހަރެންގެ ހިތަކުން ދުވަހަކު ވެސް ނުފިލާނެ."

ގްރީޒްމަންއާ އެކު އިތުރު ތިން ކުޅުންތެރިއަކު ވަނީ މި ސީޒަން ނިމުމާ އެކު އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެއީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިންއާއި ލޫކަސް ހަނަންޑޭޒް އެވެ. ލޫކަސް ވަނީ ބަޔާން މުނިކާ އެކު ކޮންޓްރެކްޓުގައި މިހާރުއްސުރެން ސޮއި ކޮށްފަ އެވެ.

comment ކޮމެންޓް