އައިޖީއެމްއެޗުގެ އީއާރު ވަނީ ފުރާނައަށް ނުރައްކާވާ ދަރަޖައިގައި: ޕީޕީއެމް

ޕީޕީއެމް އޮފީސް: ރާއްޖޭގެ ސިއްހީ ދާއިރާއާ މެދު އެޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގެ ހާލަތު ދަށްވެ، އާންމުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިރޭ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިހުމާލުވަމުންދާ ކަމަށް ބުނެ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، އެތައްހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ޚިދުމަތް ހޯދުމަށް ދާ، އައިޖީއެމްއެޗް ނުބެލެހެއްޓި ޚިދުމަތްތަކުގެ ފެންވަރު ދައްވަމުންދާތީ އެ ޕާޓީއިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އެ ހޮސްޕިޓަލުގެ އީއާރުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖަ އަށް އެހޮސްޕިޓަލު ގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އީއާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓި ހާލުދެރަ ބަލި މީހުން ތިބޭ ސަރަހައްދުގެ އޭސީތައް ހަލާކުވެފަ ހުންނަތާ އެތައް މަސްތަކެއް ވޭތުވެގެން ދިޔަ އިރުވެސް މި ކަންކަމަށް ހައްލެއް ގެނެސްފައި ނުވާތީ،" އެ ޕާޓީން ކަންބޮޑުވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އީއާރު އަކީ ގިނަ އަދަދެއްގެ ބަލި މީހުން ތިބޭ ތަނެއްކަން ފާހަގަކޮށް ޕީޕީއެމް އިން ބުނީ، އެ ތަނުގެ ހާލަތު ދަށްވެފައިވުމަކީ ހިތާމަހުރި ކަމެއްކަމަށެވެ. އެ ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

"ރައްޔިތުންނެއް ސިއްހީ ހިދުމަތް ހޯދުމަށް ދާ މައި ހޮސްޕިޓަލް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއް،" ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް އިން ބުނީ، ސިއްހީ ދާއިރާއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ލިބެން ޖެހޭ ދާއިރާއަށްވެފައި، ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ނުލިބުމަކީ އެ ޕާޓީއިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޕީޕީއެމް އިން އިތުރަށް ބުނީ، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އައިޖީއެމްއަޗަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވީ އިރު، ހޮސްޕިޓަލްގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

https://sun.mv/118444

ޕީޕީއެމް އިން އައިޖީއެމްއެޗްގެ ހާލާތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ސެންޓްރަލް އެއާކޮންޑިޝަން ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ބުނެފައެވެ. މިދިޔަ އެޕްރީލް މަހު އެ ހޮސްޕިޓަލުން ބުނި ގޮތުގައި، އެއާކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭވަރުވާނީ މިމަހު ކުރީ ކޮޅު ކަމަށެވެ.

comment ކޮމެންޓް