19 އަހަރަށް ފަހު ޑެ ރޮސީ، ރޯމާ ދޫކޮށްލަން ނިންމައިފި

އޭއެސް ރޯމާގެ ކެޕްޓަން ޑެނިއެލް ޑެ ރޮސީ --- ފޮޓޯ/ގާއީ އެޓްކިންސަން

މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ނިމުމާއެކު އޭއެސް ރޯމާގެ ކެޕްޓަން ޑެނިއެލް ޑެ ރޮސީ 19 އަހަރަށް ފަހު އެ ކުލަބު ދޫކޮށްލާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އެކުލަބުން އެހެން މިއަދު އަންގާފައިވާ އިރު ރޯމާއިން ސީޒަނުގައި ބާކީ އޮތީ ދެ މެޗެވެ. މި މަހުގެ 26 ވަނަ ދުވަހު ޕަރްމާއާއި ބައްދަލު ކުރާ އެ މެޗަކީ ޑެ ރޮސީ ރޯމާގެ ޖޯޒީގައި ކުޅޭ ފަހު މެޗުކަމުގައި ވިޔަސް އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލަން އަދި ނުވިސްނާ ކަމަށް ރޮސީ ވަނީ ބުނެފަ އެވެ.

ޑެ ރޮސީ ފުރަތަމައިން ރޯމާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ. ރޯމާގެ ޔޫތް ޓީމާ އެކު އެއަހަރު ކުޅުމަށްފަހު ޖެހިގެން އައި އަހަރު ސީނިއާ ޓީމުން އޭނައަށް ޖާގަ ލިބުނެވެ. އޭނާ ވަނީ ރޯމާއަށް ޖުމްލަ 615 މެޗު ކުޅެދީ 63 ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ. އެ އަދަދެއް ވުރެން އިތުރަށް އެ ޓީމަށް މެޗު ކުޅެދިން ހަމައެކަނި ކުޅުންތެރިއަކީ އެ ކުލަބުގެ ލެޖެންޑް ފްރެންސެސްކޯ ޓޮޓީ އެވެ.

އިޓާލިއަން ލީގުގެ ހަވަނައިގައި އޮތް ރޯމާއަށް ޑެ ރޯސީ ވަނީ މި ސީޒަނުގައި 14 މެޗު ކުޅެދީފަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ރޯމާއާ އެކު ކުޅެ އަންނަ ސީޒަނުގައި އޭނާ ކުޅޭނެ ކުލަބެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރޯމާގެ ރައީސް ޖޭމްސް ޕަލޮޓާ ވަނީ އެ ކުލަބުގެ އޮފިޝަލް ވެބްސައިޓުގައި ޑެ ރޮސީ ކުލަބު ދޫކޮށްލަން އުޅޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ 18 އަހަރު ވަންދެން ރޯމާގެ ހިތުގެ ވިންދަކީ ޑެ ރޮސީ ކަމަށެވެ.

"ޑެ ރޮސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު. މީގެ 19 އަހަރު ކުރިން ރޯމާގެ ޔޫތް ޓީމާއި ގުޅުނު ހިސާބުން މިއަދާ ހަމައަށް ވެސް އޭނާ ދަނޑުމަތީގައި ރޯމާ ރަމްޒު ކޮށްދިނީ ކެރި ހުރެގެން ޖޯޝުގަ،" ރޯމާގެ ރައީސް ވިދާޅުވިއެވެ.

"އުމުރުން ގައިގަނޑަކަށް 36 އަހަރު ވީ އިރު ވެސް ތި ދެއްކި ނަމޫނާ އަކީ އަގުހުރި މިސާލެއް. ފަހު މެޗުގައި އެންމެ ފަހު ފަހަރަށް އޭނާ ޖާޒީ ލާ ވަގުތަކީ މި ކުލަބު ކަރުނަ އަޅައި ރޯނެ ވަގުތެއް."

comment ކޮމެންޓް