ދީބާޖާ ހުކުމުގެ ތަންފީޒު މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން އެދިއްޖެ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް --- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމުގެ ތަންފީޒު މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ހުކުމްގެ ތަންފީޒު މައްސަލަ ސިވިލް ކޯޓުން ހިންގަން ފަށާފައި ވަނީ އެ ކޯޓުން 2015 ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ފެށިގެން އަމަލު ކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސިވިލް ކޯޓުން ކުރި އެ ހުކުމުގައި، ހުކުމުގައިވާގޮތަށް އަމަލުކުރަން ކަނޑައަޅާފައިވާ މުއްދަތަކީ 2014 އޮކްޓޯބަރު 23 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. ނަމަވެސް 2018 ޖޫން 26 ވަނަ ދުވަހު ހައިކޯޓުން އެ ހުކުމް ބާތިލްކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައި ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީޚެއް ކަމަށް ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީޚުން ފެށިގެން ހަ މަސް ދުވަސް ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެއެވެ.

ހުކުމް ތަންފީޒު ކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުންގެންދާ އުސޫލުގައިވާގޮތުން 2015 ފެބްރުއަރީ 15 ވަނަ ދުވަހުގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކިވަރެއް ދައްކަމުން ގޮސް ފައިސާ ޚަލާސްކުރާގޮތަށް ހުކުމް ކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށްޖެހޭވަރު އެމަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒު ކުރުމަށް ކޯޓުން އިސްވެ ފަށާނީ ހުކުމުގައި ފައިސާ ދައްކައި ޚަލާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުންނެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ހުކުމް ތަންފީޒު ޑިވިޝަނަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ފޮނުވާގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް