އެއްމެ ޓީޗަރެއް ފިޔަވައި ހުރިހާ ޓީޗަރުން އަރަބިއްޔާއަށް އަތުވެއްޖެ

އަޒްހަރުން އައި ޓީޗަރުންތަކަކާއެކު ކުރީގެ ރައީސް މައުމޫން-- ފޮޓޯ: އަރަބިއްޔާ ސްކޫލް

އަރަބި މީޑީއަމަށް ކިޔަވައިދޭ، އަރަބިއްޔާ ސްކޫލްގައި ކިޔަވައިދިނުމަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީން އަންނަން ޖެހޭ އެންމެ ޓިޗަރެެއް ފިޔަވައި ހުރިހާ ޓީޗަރުން އަތުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މުހައްމަދު ޝުޖާއު ވިދާޅުވީ އެ ސްކޫލަށް 20 ޓީޗަރުން މިސްރުން އައިސް ނިމިފައިވާ ކަމަށާއި އަދި އެއް ޓީޗަރަކު ނާދެވިގެން އުޅެނީ އެމީހުން ވަޒީފާކުރާ ތަންތަނުން ރިލީސް ނުލިބިގެން ކަމަށެވެ.

މި އަހަރުގެ ދިރާސީ އަހަރު ފެށުނުއިރުވެސް އަރަބިއްޔާއަށް ޓީޗަރުން ހަމައެއް ނުވެ އެވެ. އަދި ޓީޗަރުން ހަމަ ނުވާތީ އެ ސްކޫލުގައި ކިޔަވައިދެމުން ދިޔައީ ޕާޓްޓައިމް ޓީޗަރުން ގެނެސްގެން އެވެ. ނަމަވެސް ސައިންސް ފަދަ މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ޓީޗަރުން ނުލިބޭތީ އެ މާއްދާތައް ކިޔަވައިދިނުމަށް އޮތީ ދަތިވެފަ އެވެ.

ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް ދާދި ފަހުން ވަނީ މިސްރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަރަބިއްޔާގެ ދަރިވަރުން މި އަހަރު ފަހުކޮޅު ޝަހާދާ ސާނަވިއްޔާ އިމްތިހާންގައި ބައިވެރިވާން ޖެހޭތީ އެ ކުދިންގެ ކިޔެވުން އެންމެ ދުވަހެއް ވެސް ގެއްލުމަކީ ބެެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ.

އަރަބިއްޔާ ސްކޫލަށް ޓީޗަރުންގެ މައްސަލަ ދިމާވީ އެ ސްކޫލަށް މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ފޮނުވި ޓީޗަރުންތަކެއްގެ ވިސާ ނެތް ކަމަށް ބުނެ ރާއްޖޭގެ އެއާޕޯޓުން އެ ޓީޗަރުންތައް ޑީޕޯޓު ކޮށްލި މައްސަލައަކަށް ފަހު އެވެ.

comment ކޮމެންޓް