ތޮއްޑޫއިން މިފަހަރު ހުދު ކަރާ

ތޮއްޑޫގައި އަލަށް ހެއްދި ހުދުކުލައިގެ ކަރާ-- ފޮޓޯ: ޝަރުވާން

ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑުއިން މި ރޯދަ މަހާދިމާކޮށް ހުދު ކުލައިގެ ކަރައެއް ހައްދައި ބާޒާރަށް ނެރެފި އެވެ.

ތޮއްޑޫން ދަނޑުވެރިއެއް ކަމަށްވާ ޝިޔާމް މޫސާ "ސަން" އަށް ބުނީ، ހުދު ވައްތަރުގެ ކަރަލަކީ އިޓަލީން ރައްޓެއްސަކު ފޮނުވި މުޑުވަކަކުން ހެއްދި ކަރައެއް ކަމަށެވެ. އެކަމަކު ޝިޔާމް ހީކުރި ގޮތަށް، އެކަރާގެ ރަހަ އެހާ ރަނގަޅެއް ނުވި އެވެ.

"ވަރަށް މަދުން ހެއްދީވެސް. ދެން ރަހަ އެހާ ކަމަކު ނުދޭ އެހެން ވައްތަރުގެ ކަރަޔާ އަޅާ ބަލާއިރު،" ޝިޔާމް ބުންޏެވެ. ހެއްދި ކަރާ ކޮންމެވެސް ވަރަކަށް ރަށުގައި ވިއްކީ އެވެ. މާލޭ ބާޒާރަށް ނެރެވޭ ވަރެއް ނުވި އެވެ.

"ވައިޓް ވޮންޑަ ވޯޓާމެލޮން" ގެ ގޮތުގައި މަޝްހޫރުވެފައިވާ މިޒާތުގެ ކަރަލުގައި އާންމުކޮށް ހުންނަނީ 1.4 - 3.6 ކިލޯ އެވެ. މިޒާތުގެ ކަރާ އާންމުކޮށް ބޭރުގެ ގައުމުތަކުގައި ވެސް ހައްދަނީ ވަރަށް ވެސް މަދުން އެވެ. މި ޒާތުގެ ކަރާގެ އަސްލު އައިސްފައި ވަނީ ސައުތު އެފްރިކާއިން އެވެ.

އާންމުކޮށް ހައްދާ ރަތ ްކަރަލުގެ އިތުރަށް ތޮއްޑޫގައި މީގެ ކުރިން ވެސް ވަނީ ރިދޫ ކުލައިގެ މުޑުވަކެއް ވެސް ހައްދައިފަ އެވެ. އެހެން ނަމަވެސް ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ހަމަ ރަތް ކުލައިގައި ހުންނަ ކަރަލެވެ.

ތޮއްޑޫގެ ދަނޑުވެރިން ބުނީ އެހެން އަހަރުތަކާއި ހިލާފަށް މި އަހަރަކީ އެރަށުގެ ދަނޑުބިންތަކަށް ތިޔާގި އަހަރެއް ކަމަށެވެ. މި އަހަރުގެ ރޯދަ މަސް ނިމެންދެން އެއްވެސް 'ތާށި' ކަމެއްނެތި ކަރާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ރަށުގެ ދަނޑުވެރިން ބުނެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުވެސް އއ. ތޮއްޑޫ އިން 30 ޓަނުގެ ކަރާ މާލެ ގެނަ އެވެ.

ކަރާގެ އިތުރުން އެ ރަށުން އެކި ބާވަތްތަކާއި މޭވާ ބާޒާރަށް ދަނީ ނެެރެމުންނެވެ. އޭގެ ތެރޭގައި ދޮންކެޔޮ، އަލަ، ދަނޑިއަލުވި ހިމެނެއެވެ. ރޯދަ މަހާ ދިމާކޮށް ތޮއްޑޫއިން ވަނީ 117 ދަނޑެއް އެރަށުގެ ރައްޔިތުންނަށް ދޫކޮށްފަ އެވެ.

comment ކޮމެންޓް