ހޯނޑެއްދޫގެ އެންމެ ބޮޑު ޖެނެރޭޓަރު ހަލާކުވެ، ހެނދުނުން ފެށިގެން ކަރަންޓެއް ނެތް!

ގދ. ހޯނޑެއްދޫ --

ގދ. ހޯނޑެއްދޫ އިންޖީނުގޭގައި ބޭނުންކުރާ އެންމެ ބޮޑު ޖެނެރޭޓަރު ހަލާކުވެއްޖެއެވެ. މިއަދު ހެނދުނުން ފެށިގެން އެރަށުގައި ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފައެވެ.

ހޯޑެއްދޫގައި ޖުމްލަ ކަރަންޓް ދެމުން އަންނަނީ ތިން ޖެނެރޭޓަރުންނެވެ. އެއީ 250 ވޮޓުގެ ޖަނަރޭޓަރާއި 160 ވޮޓު އަދި 70 ވޮޓުގެ ޖެނެރޭޓަރެކެވެ.

ހޯނޑެއްދޫ ކައުންސިލް ނައިބު ރައީސް އަހްމަދު އަޝްރަފް މިއަދު "ސަން" އަށް ވިދާޅުވީ، 250 ވޯޓުގެ ޖަނަރޭޓަރު މަރާމާތު ނުކުރެވޭ ވަރަށް މިއަދު ހަލާކުވެފައިވާތީ މިއަދު ހެނދުނު 9:00 އިން ފެށިގެން އެރަށުގައި ކަރަންޓެއް ނެތް ކަމަށެވެ.

"މިއަދު ހެނދުނުން ފެށިގެން ކަރަންޓެއް ނެތް. އިރު އޮއްސޭއިރަށްވެސް ކަރަންޓް އަންނާނެކަމުގެ ޔަގީންކަމެއް ނެތް،" އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަށް ހަތަރު ލޭނަކަށް ބަހާލައި، ކޮންމެ ލޭނަކަށް ކޮންމެ އެއް ގަޑިއިރަކުން ކަރަންޓު ދިނުމަށް 160 ވޮޓުގެ ޖަނަރޭޓަރު ހަވީރު ޖައްސާނެކަމުގެ ވާހަކަތަކެއް ދެކެވޭކަމަށާއި ނަމަވެސް އެކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައި ދިން ގޮތުގައި މިދިޔަ ސެޕްޓޭމްބަރު މަހުން ފެށިގެން ކަރަންޓުގެ ކެނޑުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށެވެ. އަދި މައްސަލަ ބޮޑުވީ މިދިޔަ ރޯދަ މަހު ފުރަތަމަ ދުވަހު ކަމަށް އޭނާ ބުންޏެވެ.

"ރޯދަ މަހު ފުރަތަމަ ދުވަހުން ފެށިގެން ދެގަޑިން ދެގަޑިން ކަރަންޓްދޭ. މިއަދު މި މައްސަލަ ދިމާވުމުގެ ކުރިންވެސް ކަރަން ދެމުން އައީ ހަތަރު ސަރަހައްދަކަށް ބަހާލައިގެން." ރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

އިންޖީނުގެއާ ހަވާލާދީ ކައުންސިލް ނައިބު ރައީސް އަޝްރަފް ވިދާޅުވި ގޮތުގައި، އިންޖީނުގޭގެ އާލަތްތަކަކީ ވަރަށް ދުވަސް އާ ނުކޮށް ހުރި ތަކެތި ކަމުން މުޅި ރަށަށް ކަރަންޓް ދެވޭ ވަރަށް މިހާރު ހުރި ޖެނެރޭޓަރުތަކުން ލޯޑު ނުހިފަހައްޓަނީ ކަމަށެވެ.

"ރަށުގެ ކަރަންޓު މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ވެސް އަދި ފެނަކައިގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައި. ރައްޔިތުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ހައްލެއް،" އަޝްރަފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރާއްޖެ ބައެއް ރަށްތަކުގައި ކަރަންޓްގެ ކެނޑުމުގެ މައްސަލަ އަކީ އެ ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް