އިސްލާމް ފޯބިއާ ފަތުރަން ސޯޝަލް މީޑިއާ ބޭނުން ނުކުރަން އދ. އިން ގޮވާލައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކްރައިސްޓްޗާޗްގެ މިސްކިތުގައި މުސްލިމުންނާއެކު

ކްރައިސްޓްޗާޗް (މޭ 14) : ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގައި މުސްލިމުންނާ ދެކޮޅަށް ގަތްލުއާންމު ހިންގި ދެ މިސްކިތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓަރެސް ޒިޔާރަތް ކުރައްވައި އެގައުމުގެ މުސްލިމުންނަށް ހަމްދަރްދީ ފާޅުކުރައްވައިފި އެވެ.

ކްރައިސްޓްޗާޗްގެ އައްނޫރު މިސްކިތާ ލިންވުޑް މިސްކިތަށް މިދިޔަ މާޗް 15 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގައި 52 މީހުން މަރުވެފައިވާ އިރު އެއީ ފަހުގެ ތާރީޚެއްގައި ނިއުޒިލޭންޑްގައި ހިންގި އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި ގަތްލުއާންމު ކަމަށް އެގައުމުގެ މުސްލިމުން ވަނީ ސިފަކޮށްފަ އެވެ. ނޫރު މިސްކިތާ ލިންވުޑް މިސްކިތަށް ވަޑައިގެން އެ ގަތްލުއާންމުގެ ހަނދާންތައް އައުކުރައްވަމުން ގްޓަރެސް ވިދާޅުވީ ހުޅަނގުގެ ގައުމުތަކާއި ހުޅަނގުގެ ވައްޓަފާޅި އާއި ސަގާފަތް އޮންނަ ގައުމުކުގައި ފެތުރެމުންދާ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ފިކުރަކީ ނަފްރަތާއި ހަސަދައާއި ފިތުނައިގެ ފިކުރެއް ކަމަށްވާތީ އެ ފިކުރު ހުއްޓުވަން ޖެހޭ ކަމުގަ އެވެ.

ގްޓަރެސް ވަނީ ސީދާ މުސްލިމުންނާ ދެކޮޅަށް އުފައްދާފައިވާ އެފިކުރުގެ މީހުން ސޯޝަލް މީޑިޔާގައި މުސްލިމުންނަކީ ބިރެއްކަމަށް ދައްކައިގެން އިސްލާމް ފޯބިޔާ ފަތުރަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އިސްލާމް ފޯބިޔާފަދަ ނަފްރަތާއި ހަސަދައާއި ފިތުނައިގެ ފިކުރުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެމަސައްކަތް އދ. ން މިހާރު ފަށާފައިވާ ކަމަށް ގްޓަރޭސް ވިދާޅުވި އެވެ.

ގްޓަރެސް ވަނީ އިންސާނުންގެ ހިތްހަލާކުވާފަދަ އަދި ހަޖަމް ކުރަން ދަތިވާފަދަ ހަރުކަށި ވިސްނުން ނުފެތުރުމަށް ގޮވާލައްވާފަ އެވެ. މިގޮތުން އިންސާނުންގެ ހިތްތަކުގައި ނުރުހުމާއި ނަފުރަތުގެ އަލިފާންގަނޑު ރޯކުރުމުގެ ވާހަކަތައް ސޯޝަލް މީޑިޔާގައި ނުފެތުރުމަށާއި އެކަމުގެ ޕްލެޓް ފޯމަކަށް ސޯޝަލް މީޑީޔާ ނުހެދުމަށް ގްޓަރެސް އިލްތިމާސް ކުރެއްވި އެވެ.

ކްރައިސްޓްޗާޗްގެ ނޫރު މިސްކިތާ ލިންވުޑް މިސްކިތުގައި ހުކުރަށް ތިބި މުސްލިމުންގެ ގަޔަށް ބަޑިޖަހައި ގަތްލުއާންމު ހިންގީ އެގައުމުގައި އުޅޭ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބްރެންޓޮން ޓެރަންޓް އެވެ. އޭނާ އަކީ ޔޫރަޕާއި އެމެރިކާގައި ހަރުކަށި ދޮންމީހުން ފަތުރަމުން ގެންދާ މުސްލިމުންނާ އިދިކޮޅު ހައްދުފަހަނަޅާފައިޥާ ފިކުރުގެ ދަލުގައިޖެހި ބޯ ދޮވެވިފައިވާ މީހެކެވެ.

ޓެރަންޓް ވަނީ މުސްލިމުންނަކީ ބޮޑު ބިރެއްކަމަށް ސިފަކޮސް އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑާއި އަދި ހުޅަނގުގެ ގައުމުތަކުން ވެސް މުސްލިމުން ބޭރުކުރަން ޖެހޭ ކަމަށްބުނެ ބަޔާނެއް ނެރެފަ އެވެ. މުސްލިމުން ހުޅަނގަށް ހިޖްރަކުރާތީ ހުޅަނގުގެ ރައްޔިތުންގެ ދިރިއުޅުމަށް ނުރައްކާވެފައިވާ ކަމަށް ބުނެ އޭނާ ވަނީ އިސްލާމް ފޯބިޔާ ފެތުރުމުގައި ހަރަކާތްތެރިވެފަ އެވެ.

ގްޓަރެސްގެ މި ދަތުރުފުޅަކީ، އދ. އޮތީ ދުނިޔޭގައި އަނިޔާވެރިކަމުގެ ޝިކާރައަކަށް ވަމުންދާ މުސްލިމުންނާ އެކުގައިކަން ހާމަކުރެއްވުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާންމަހު އދ.ގެ ސެކްރެޓަރީ ޖެނެރަލް ބައެއް ގައުމުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެއް ކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު