އެމެރިކާއިން މެދުއިރުމައްޗަށް 120،000 ސިފައިން ފޮނުވަން މަޝްވަރާކޮށްފި

އެމެރިކާ އިން ވަނީ ގަލްފަށް ބޮން އަޅާ ބޯޓުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރު ފޮނުވާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މެއި 14): މެދުއިރުމައްޗަށް އެމެރިކާގެ 120،000 ސިފައިން ފޮނުވަން ވައިޓް ހައުސްއިން މަޝްވަރާކޮށްފި ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.

ޓައިމްސްގައިވާ ގޮތުން އެމެރިކާގެ އެކްޓިން ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝަނަހާން މިދިޔަ ބުރާސްފަތި ދުވަހު އާ ޑިފެންސް ޕްލޭނެއް ހުށަހެޅީ އީރާނުން އެމެރިކާގެ ފައުޖުތަކަށް ހަމަލާ ދީފާނެތީ ނުވަތަ ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީ އެވެ. އަދި އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އާއި ސީއައިއޭގެ ޑިރެކްޓަރު ޖީނާ ހަސްޕެލް އާއި ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސް ޑޭން ކޯޓްސް ހިމެނެ އެވެ.

ޓައިމްސްގައިވާ ގޮތުން އީރާނުގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މެދުއިރުމައްޗަށް އެމެރިކާގެ 120،000 ސިފައިން ފޮނުވުން ހިމެނެ އެވެ. އަދި އެކަމަށް ގިނަ ދުވަސްތަކެއް ނަގާފާނެ ކަމަށް ޕްލޭނުގައި ފާހަގަކޮށްފައިވެ އެވެ.

ޓައިމްސްގައިވާ ގޮތުން އެޕްލޭނުން ބޮޑަށް ފެނިގެންދަނީ ބޯލްޓަންގެ ނުފޫޒެވެ. ސަބަބަކީ އޭނާއަކީ އީރާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރުމަށް ތާއިދު ކުރާ ފަރާތަކަށް ވާތީ އެވެ. އެގޮތުން 2015 ވަނަ އަހަރު އޭނާ ނިއު ޔޯކް ޓައިމްސްއަށް ލިޔުނު ލިޔުމެއްގައި ވަނީ "އީރާނުގެ ބޮން ހުއްޓުވުމަށް، އީރާނަށް ބޮން އަޅަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ހެދި އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން ދެގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އީރާނުން ދަނީ އެގައުމަށް ހަނގުރާމައިގެ އިންޒާރު ދެމުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އެމެރިކާ އިން ވަނީ ގަލްފަށް ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ އަބްރަހަމް ލިންކޮން އާއި މިސައިލް ޑިފެންސް ސިސްޓަމެއް ދާދި ފަހުން ފޮނުވައިފަ އެވެ.

comment ކޮމެންޓް