ނަސަބުގެ އިލްމަށް މޮޅު އަލީދީދީ އަވަހާރަވެއްޖެ

ނަސަބުގެ އިލްމަށް މޮޅު އަލީދީދީ --

ދިވެހިރާއްޖޭގައި ރަސްކަންކުރި ދަރިކޮޅުތަކާއި ތާރީހީ ޝަހުސިއްޔަތުތަކާ ގުޅޭ ނަސަބުގެ އިލްމުގައި އެންމެ މަޝްހޫރު އެއް ބޭފުޅާ ކަމުގައިވާ ގޫފަހަވަތި އަލިދީދީ އިއްޔެ އަވަހާރަވެއްޖެއެވެ.

ފުވައްމުލަކު މާދަޑު ވިދުވަރުގޭ ޢަލިދީދީ އަވަހާރަވީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ދާދި ފަހުން އިންޑިއާގައި ހުންނެވުމަށްފަހު މާލެ ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

އުމުރުން 63 އަހަރުގެ އަލިދީދީގެ ކަށުނަމާދު އިއްޔެގެ މަޣްރިބު ނަމާދުގެ ފަހުގައި ކޮށްފައިވަނީ މާލޭ އާސަހަރާ މިސްކިތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަން ކުރައްވާފައިވާ މުހައްމަދު އިބްރާހީމްދީދީ (މޮޑީ)ގެ ކޮއްކޮ އަލިދީދީ މަޝްހޫރުވެފައި ވަނީ ދިވެހިތާރީހާއި ދިވެހީންގެ ނަސަބަށް މޮޅު ބޭފުޅެއްގެ ގޮތުގައެވެ.

ތާރީހާ ބެހޭ ދިރާސާތައް ކުރައްވާ ފުންނާބު އުސް ބޭފުޅުންވެސް މައުލޫމާތު ހޯއްދެވުމަށް ޓަކައި ޢަލިދީދީގެ އެހީތެރިކަން ދިޔައީ ހޯއްދަވަމުންނެވެ.

ރާއްޖޭގެ ތާރީހާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ އަޑަށާއި ޓީވީތަކަށް އަލިދީދީ ވަނީ ވަރަށް ގިނައިން އިންޓަވިއު ދެއްވައިފައެވެ.

comment ކޮމެންޓް