ރޯދައިގެ ވަސިއްޔަތް: ހަނދާންކޮށް ދަތުރު ދުއާ ކިޔާތި!

ބަޔަކު މާލޭގެ މަގެއް ހުރަސްކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީސްތަކުންގެ ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ބޭނުން ހިފިދާނެ އެއް ވަސީލަތަކީ ދުއާކުރުމެވެ. އަޅުގަނޑުމެން ދިރިއުޅެމުންދާ މި ކުޑަކުޑަ މުޖްތަމައުގައި، ދުއްވާ ތަކެތީގެ އެކްސިޑެންޓުތައް އިންތިހާއަށް ގިނަވެފައި ވީހިނދު، މަގުމަތީގައި ހިނގާ ހާދިސާތަކަށް ސަމާލުވެ، ތިމާގެ އަމިއްލަ ރައްކާތެރިކަން ކޮންމެ ބޭފުޅަކުމެ ހޯއްދެވުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ހައްދަވާށެވެ. މަގުމަތީގެ ރައްކާތެރިކަމަށްޓަކައި އުޅަނދަކަށް އަރާ ކޮންމެ ފަހަރަކު ދަތުރު ދުއާ ކިޔަން އާދަކުރައްވާށެވެ.

މުއުމިނުތަކުންގެ ހަތިޔާރަކީ ދުއާކުރުމެވެ. މާތް ﷲއަށް ދުއާކޮށް، އެ އިލާހަށް އެއްވެސް ކަމަކަށް އެދިއްޖެ މީހެއްގެ ޙާއްޖަތްތައް ފުއްދަވައި ނުދެއްވައި ރައްދުކުރެއްވިގެން ނުވާކަމުގައި ރިވާވެގެންވެއެވެ. އަދި އެކަލާނގެއީ މުއުމިނު އަޅުތަކުންގެ ދުއާ އިޖާބަކުރެއްވުމުގައި ވޮޑިގެންވާ އިލާހެވެ. އެކަލާނގެ ވަނީ ދުއާކުރުމަށް އަމުރުކުރައްވައި އިޖާބަކުރައްވާނޭކަމަށް ވައުދުވެވަޑައިގެންފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ"(غافر 60) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އިލާހަށް ދުއާކުރާށެވެ! ތިމަން އިލާހު ތިޔަބައިމީހުން ދުއާ އިޖާބަކުރައްވާ ހުށީމެވެ."

ދުއާ ކުރަންވީ ގޮތްތަކާއި ވަގުތުތަކުގެ އިތުރުން ކުރަންވީ ދުއާތައްވެސް ޝަރުއުގައިވަނީ ކަނޑައެޅިފައެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅުގައި އަމަލީގޮތުން އެކަންކަންވަނީ ދައްކަވައި ދެއްވާފައެވެ. ސަހާބީންނަށް ވަނީ އެދުއާތައް އުނގަންނަވައި ދެއްވާފައެވެ. މިގޮތުން އެންމެ ނަފާކަން ބޮޑު އަދި ޢާންމު ދިރިއުޅުމުގައި ތާއަބަދުމެ އަޅުގަނޑުމެންނަށް ބޭނުން ޖެހިފައިވާ އެއް ދުއާއަކީ ދަތުރުގެ ދުއާއެވެ.

އެ ދުއާއަކީ ހަމައެކަނި ދޯންޏަކަށް ނުވަތަ ބޯޓަކަށް ނުވަތަ ޖައްވީ އުޅަނދަކަށް އަރާ އިރު ކިޔަން އޮތް ދުއާއެއް ނޫނެވެ. އެއްގަމު ސަވާރީއަކަށް އަރާއިރުގައްޔާއި، ސައިކަލެއް ނުވަތަ ކާރެއްގެ ފަހަތު ސީޓަށް އަރާ މީހާވެސް އެދުއާ ކިޔުން މުހިންމެވެ.

މިދުއާގެ ތަފާތު އިބާރާތްތައް ވާރިދުވެފައިވެއެވެ. ދަތުރު މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم ވިދާޅުވެފައިވާ ދުއާތައް ފޮތްތަކުގައި ލިޔެވި ދިވެހިބަހަށްވަނީ ތަރުޖަމާވެސް ކުރެވިފައެވެ. ނަމަވެސް ކޮންމެ ކޮންމެ ފަހަރަކު ސައިކަލަކަށް އަރާއިރު، ނުވަތަ ކާރު ދަތުރެއްކުރާއިރު އެ ދިގު ދުޢާ ކުރުމަށް ވަގުތު ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވީމާ، މަދުވެގެން މި މިންވަރަށް ނަމަވެސް ދުޢާ ކިޔުމަށް އާދަކުރައްވާށެވެ.

الله أكبر (ތިންފަހަރު) "سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ" (الزخرف: 13-14) މާނައި: "އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ. އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް އަޅަމެން ރުޖޫޢަވާނެކަން ކަށަވަރެވެ."

ދަތުރު ދުޢާ ކިޔުމުގެ ފައިދާތަކުގެ ތެރޭގައި، މާތް ﷲ ތިމާގެ ދަތުރުގައި ބަރަކާތް ލެއްވުމާއި، ސަލާމަތާއި ރައްކާތެރިކަން ދެއްވުން ހިމެނެއެވެ. އަދި ހުރިހާ ވަގުތަކާއި ހުރިހާ ޙާލަތެއްގައި މާތް ﷲ ހަނދުމަކޮށް އެއިލާހަށް ބަރޯސާވާ އަޅުތަކުންގެ ތެރެއިންވުމުގެ ފުރުޞަޠުލިބި، މާތް ﷲ ގެ ލޯބިލިބިގެންވާ އަޅުތަކުންގެ ތެރެއިން ލައްވަތެވެ.

ދަތުރު ދުޢާގެ އިތުރުން ދަތުރުވެރިޔާގެ އަދަބުތަކާއި، ދަތުރުވެރިޔާއަށްޓަކައި ރަށުގައި ހުންނަ މީހާ ކުރާނޭ ދުޢާއާއި، ދަތުރުގައި ނިކުންނަ މީހާ، ރަށުގައި ތިބޭ މީހުންނަށް ކުރާނޭ ދުޢާވެސްވަނީ ސުންނަތުން ސާބިތުވެފައެވެ. މި އެންމެހައި ކަމަކުންވެސް އެނގިގެންދަނީ އިސްލާމް ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް ޝާމިލުވެގެންވާ، ޙަޔާތުގެ މަންހަޖުކަމެވެ.

އުޅަނދަކަށް އަރައި މަގުމަތީގައި ދަތުރު ކުރާ މީހާއާއި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން އެކިއެކި ބޭނުންތަކުގައި މަގުމަތީގައި އުޅޭ މީހުން، މަގުތައް ބޭނުންކުރުމުގައި އަދާކުރަންޖެހޭ ޙައްޤުތައްވެސް ވަނީ ސުންނަތުގައި ސާބިތުވެފައެވެ.

މާތް ﷲ އެކަލޭޣެފާނަށް ރުއްސުންލެވި، އަބޫ ސަޢީދުލް ޚުދުރީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން، (މީސްތަކުން ހިނގައިއުޅޭ) މަގުތަކުގެ މަތީގައި އިށީނދެތިބުމުން ދުރުހެލިވާށެވެ." އަސްހާބުން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެންމަގުމަތީގައި ނުތިބެ ފަރުޖެހޭކަށް ނޯވެއެވެ. އެތާނގައި ތިބެ، އަޅުގަމެން އެކަކު އަނެކަކާ ވާހަކަދައްކައި އުޅެމުއެވެ." ފަހެ، ރަސޫލު ﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން މަގުމަތީގައި ނުތިބެ ފަރުނުޖެހޭނަމަ، ފަހެ، ތިޔަބައިމީހުން މަގުމައްޗަށް އޭގެ ޙައްޤު އަދާކުރާހުށިކަމެވެ." އެބޭކަލުން ދެންނެވިއެވެ. "މަގުމަތީގެ ޙައްޤަކީ ކޮބައިތޯއެވެ؟" ހަދީޘް ކުރެއްވިއެވެ. "އެއީ ލޯތައް ތިރިކުރުމާއި، ތިމާމެންގެ އުނދަގުލުން އަނެކުން ސަލާމަތް ކުރުމާއި، ސަލާމް ރައްދުކުރުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމެވެ." (މިހަދީޘް ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.)

ލޯތައް ތިރިކުރުމޭ އޮތް ބަސްފުޅުގެ މުރާދަކީ، ބެލުން ނަހީކުރެއްވިގެންވާ ތަންތަން ނުބެލުމެވެ. އަދި މަގުހިނގާ މީހުންނަށް ދުއްތުރާ ނުކުރުމެވެ.

އަޅުގަނޑުމެންގެ ރަށްތަކަކީ ބިމުގެ ގޮތުން ކުދި ބައިބޯވެ ތޮއްޖެހިފައިވާ ރަށްތަކެކެވެ. ކަން މިހެން ހުރިއިރު، މަގުމަތީގެ ކާރިސާތައް ގިނަވެ، ފުރާނައަށް ގެއްލުންވާފަދަ ބޮޑެތި ހާދިސާތައް ހިނގައި، މަގުމަތީގެ އެކްސިޑެންޓްތަކުގައި އެތަކެއް ފުރާނައެއް ނެތިގެންދާތަން އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ. މިފަދަ ޒަމާނެއްގައި، މަގުމަތީގެ އަދަބުތަކަށް ރަކާތެރިވެ، ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ފަރުވާތެރިވުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް