އެންމެ 10 މިނަޓުގެ ތެރޭގައި ޓީމުން ވަކިކުރި މެނޭޖަރު

ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ލެރޮއީ ރޮސެނިއޯ--

ލެރޮއީ ރޮސެނިއޯ އަކީ ކުރިން މަޝްހޫރު ގިނަ ކުލަބުތަކަކަށް ފުޓުބޯޅަ ކުޅެދިނުމަށްފަހު މިހާރު ޕްރޮފެޝަނަލް ކޯޗެެކެވެ. ފުޓުބޯޅައިގެ ކަންކަމުގެ އިތުރުން އޭނާ އަންނަނީ މަޝްހޫރު ބީބީސީ ޗެނެލްގެ ޕްރެސެންޓަރެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިނގިރޭސި މަޝްހޫރު ކުލަބެއް ކަމަށްވާ ފުލްހަމްއިން ރޮސެނިއޯގެ ފުޓުބޯޅަ ހަޔާތް ފެށީ ސްޓްރައިކަރެއްގެ ރޯލުންނެވެ. ނަމަވެސް ފަހުން ފަހުން އޭނާ ބޮޑަށް ކުޅުނީ ސެންޓާ ބެކެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ފުލްހަމުގެ އިތުރުން ކުއީންސް ޕާކް ރޭންޖާސްއާއި ވެސްޓް ހަމް ޔުނައިޓެޑް އާއި ޗާލްޓޮން އެތްލެޓިކް އަދި ބްރިސްޓޮލް ސިޓީއާއި ފްލީޓް ޓައުންގެ އިތުރުން ގްލޫސްޓާ ސިޓީއަށް ވެސް ކުޅެދީފަ އެވެ.

ލެރޮއީ ރޮސެނިއޯ ވެސްޓް ހަމްއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ރޮސެނިއޯ ވަނީ ޕްރޮފެޝަނަލް ކޯޗެއްގެ ގޮތުގައި ވެސް ބައިވަރު ޓީމުތަކަކަށް އިރުޝާދު ދީފަ އެވެ. އޭނާގެ ކޯޗިންގް ކަރިއަރު ފެށީ އޭނަ ކުރިން ކުޅުނު ކުލަބެއް ކަމަށްވާ ބްރިސްޓޮލް ސިޓީގެ ޒުވާން ޓީމުގެ މެނޭޖަރު ކަމުގެ ގޮތުގަ އެވެ.

އޭގެ ފަހުން ގްލޫސްޓާ ސިޓީއާ އެކު މަސައްކަތް ކުރުމަށްފަހު ރޮސެނިއޯ ބަދަލުވީ މައިތަރ ޓައިޑްފިލް އަށެވެ. މާ ގިނަ ދުވަހެއް ނުވަނީސް އެކުލަބު ދޫކޮށް އޭނާ ވަނީ ޓޯކުއޭ ޔުނައިޓެޑަށް ބަދަލު ވެފަ އެވެ. އޭނާ ވަނީ އެކުލަބަށް 2002 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަަމައަށް ކޯޗުކަން ކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބު އިނގިރޭސި ލީގު-1 އަށް ކޮލިފައި ކޮށްދީފަ އެވެ.

ޓޯކުއޭ ޔުނައިޓެޑް ދޫކޮށް ރޮސޭނިއޯ ޝްރޫސް ބަރީގެ ކޯޗުކަމާއި ހަވާލުވި އެވެ. ނަމަވެސް އެންމެ ހަ މަސް ތެރޭ އޭނާ ވަނީ އެ ކުލަބުގެ ކޯޗު ކަމުން ވަކިކޮށްފަ އެވެ.

ޝްރޫސް ބަރީގެ ނާކާމީޔާބީއަށް ފަހު ރޮސެނިއޯ އެނބުރި އޭނަގެ ކުރީގެ ކުލަބް ޓޯކުއޭ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމަށް ދިޔައެވެ. ނަމަވެސް އޭނާއަށް އެ ޓީމުގެ ކޯޗުކަން ހަވާލު ކުރުމުގެ 10 މިނަޓު ފަހުން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ރޮސެނިއޯ އެ ކުލަބާއި ހަވާލުވާން އެނބުރި އައި އިރު އެ ކުލަބުގެ އޯނަރު ވަނީ ކުލަބު ވިއްކާލަން ސޭލުގައި ޖަހައިފަ އެވެ. އަދި އޭނާ ކޯޗުކަމާއި ހަވާލުވިތާ އިރަކޮޅެއްގެ ތެރޭގައި ކުލަބު ވަނީ ވިކިފަ އެވެ. އަދި ކުލަބުގެ އައު އޯނަރާ އެކު އޭނާ ވަނީ ޓީމުގެ ކޯޗު ކަމުން ވަކި ކޮށްފަ އެވެ. މިއީ ޕްރޮފެޝަނަލް ކުލަބެއްގެ ކޯޗުކަން އެންމެ ކުރު މުއްދަތަކަށް ކުރި ކަމުގެ ރެކޯޑެކެވެ.

comment ކޮމެންޓް