ސޫދާންގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަން އަސްކަރިއްޔާއިން އެއްބަސްވެއްޖެ

ސޫދާންގެ އަސްކަރީ މަޖިލީހުގެ ތަރްޖަމާން އާއި ފްރީޑަމް އެލަޔންސްގެ ވެރިޔާ އިންތިގާލީ ސަރުކާރުގެ އޮނިގަނޑާމެދު އެއްބަސްވުމަކަށް އާދެވުނުކަން އިއްލާން ކުރައްވަނީ

ޚުރްތޫމް (މޭ 14): ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށް ސޫދާންގައި ވެރިކަން ކުރާ އަސްކަރީ މަޖިލީހާއި އިދިކޮޅު ފަރާތްތަކާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

އެ އެއްބަސްވުން ގާއިމް ކުރެވުނުތާ މާގިނައިރެއް ނުވެ، ގޮތް ނޭންގޭ ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެ 15 މީހުން ވަނީ ޒަހަމްވެފަ އެވެ.

ސޫދާންގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުން ބުނީ ޚުރްތޫމުގައި ހުންނަ ސޫދާން ސިފައިންގެ މައި މަރުކަޒުގެ ކުރިމަތީގައި އެއްވެފައިވާ އިދިކޮޅު މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދިނީ ކޮންބައެއްކަން ނޭންގޭ ކަމަށެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ސިފައިން ބުންޏެވެ.

ސޫދާންގެ އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ "ފްރީޑަމް އެންޑް ޗޭންޖް އެލަޔަންސް" އިން ތުހުމަތު ކުރާގޮތުގައި އިދިކޮޅު މީހުންގެ އެއްވުމަށް ބަޑިޖެހީ މަގާމުން ދުރުކޮށްފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތަކުން އެވެ. އެ ޖަމާއަތުގެ ބޭނުމަކީ ސޫދާނުގެ ވެރިކަން ހަވާލުކުރާ އިންތިގާލީ ސަރުކާރުގެ އޮނިގަނޑާމެދު ފްރީޑަމް އެލަޔަންސާއި އަސްކަރީ މަޖިލިހުން އެއްބަސްވި އެއްބަސްވުން ހަރާބުކޮށްލުން ކަމަށްވެސް ފްރީޑަމް އެލަޔަންސުން ތުހުމަތު ކުރެއެވެ.

އަސްކަރީ މަޖިލީހުގެ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް ޝަމްސުއްދީން ކައްބާޝީވެސް ވިދާޅުވީ އިންތިގާލީ ސަރުކާރުގެ އޮނިގަނޑާމެދު ފްރީޑަމް އެލަޔަންސާއި އަސްކަރީ މަޖިލިހުން އެއްބަސްވި އެއްބަސްވުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކެއް އުޅޭ ކަމަށެވެ. އަދި ބަޑީގެ ހަމަލާތައްދިނީ ސޫދާންގެ މަސްރަހު ހޫނުކުރުމަށް ބޭނުންވާ އަޑި ނޭނގޭ ފަރާތްތަކަކުން ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

ސޫދާނުގެ ކުރީގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރުގެ ދިގު ވެރިކަން މިދިޔަމަހު ވައްޓާލީ އެގައުމުގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހަށް ނިސްބަތްވާ ސިފައިންގެ އޮފިސަރުން އިސްކޮށް ތިއްބަވައިގެން އެވެ.

އެބޭފުޅުން ބަޝީރު ވެރިކަމުން ދުރުކޮށް އޭނާ ހައްޔަރުކުރުމަށްފަހު އަސްކަރީ މަޖިލީހެއް އެކުލަވާލައި ސޫދާނުގެ ވެރިކަމާ ވަގުތީގޮތުން ހަވާލުވި އެވެ. ބަޝީރުގެ ވެރިކަން ވައްޓާލަން ސިފައިންގެ އޮފްސަރުންނަށް މަޖްބޫރުވީ ސޫދާނުގެ ރައްޔިތުންގެ ގިނަ ބަޔަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ "ފްރީޑަމް އެންޑް ޗޭންޖް އެލަޔަންސުން" އިސްކޮށް އޮވެގެން ބަޝީރުގެ ވެރިކަމާދެކޮޅަށް ކުރި ދިގު މުޒާހަރާތަކާ ގުޅިގެން އެވެ.

ބަޝީރު ވެރިކަމުން ދުރުކޮށް އަސްކަރީ މަޖިލީހުން ވެރިކަމާ ހަވާލުވުމުންވެސް ފްރީޑަމް އެލަޔަންސުން ދިޔައީ، މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރަންޖެހޭ ކަމަށްބުނެ އެކަން ކުރަންދެން އަސްކަރީ މަޖިލީހާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އަސްކަރީ މަޖިލީހުގެ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް ޝަމްސުއްދީން ކައްބާޝީ ވިދާޅުވީ އިންތިގާލީ ސަރުކާރުގެ އޮނިގަނޑު އެކުލަވާލުމުގައި އިދިކޮޅު "ފްރީޑަމް އެންޑް ޗޭންޖް އެލަޔަންސް" އާ އެކު ކުރި މަޝްވަރާތައް ވަރަށް އުނދަގޫ ކަމަށެވެ. އުނދަގޫ މަޝްވަރާތަކެއް ނަމަވެސް އިންތިގާލީ ސަރުކާރުގެ އޮނިގަނޑާމެދު ދެފަރާތަށް އެއްބަސްވުމަކަށް އާދެވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ކައްބާޝީ ވިދާޅުވީ ދެންއޮތީ އިންތިގާލީ ސަރުކާރުގެ އޮނިގަނޑުގައި ސޫދާނުގެ އެކި ފަރާތްތަކުން ހިއްސާކުރާނެ އަދަދާ އަދި މިންވަރާބެހޭގޮތުން އަސްކަރީ މަޖިލީހާއި ފްރީޑަމް އެލަޔަންސުން މަޝްވަރާކޮށް އެއްބަސްވުމަކަށް އައުންކަމަށާ މިމަޝްވަރާތައް މިއަދު ފެށޭނެކަމުގައެވެ.

ފްރީޑަމް އެލަޔަންސުން ބޭނުންވަނީ އިންތިގާލީ ސަރުކާރަކީ އަސްކަރީ ޖެނެރަލުންނާއި ފަންނީ ޓެކްނޮކްރޭޓުންނާ އަދި ސިޔާސީ އިސް ފަރާތްތައް ހިމެނޭ ސަރުކާރަކަށް ހެދުމަށެވެ. އިންތިގާލީ ސަރުކާރުގެ ބޭނުމަކީ ސޫދާންގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ކުރުމަށް ބޭނުންވާ ގާނޫނު އަސާސީ އާއި އެނޫންވެސް ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމާއި މިނވަން މުއައްސަސާތައް އުފެއްދުމާއި މިނިވަން އިންސާފުވެރި އިންތިތިހާބަކަށް މަގުފަހިކޮށް ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމަކަށް މުޅި ސޫދާން ތައްޔާރު ކުރުމެވެ.

އިންތިގާލީ ސަރުކާރުގެ މުއްދަތަކީ 4 އަހަރުކަމަށް ފްރީޑަމް އެލަޔަންސާއި އަސްކަރީ މަޖިލިސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އިންތިގާލީ ސަރުކާރު އުފެދުމާއެކު އަސްކަރީ މަޖިލިސް އުވިގެންދާނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު