ކުލަބަށް ލާރި ހޯދައިދިނުމަށް އަމިއްލައަށް ވިކުނު އައިވޮރ ބްރޯޑިސް

އިނގިރޭސި ވިލާތުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އައިވޮރް ބްރޯޑިސް --- ފޮޓޯ/ ގެޓީ އިމޭޖެސް

ދެވަނަ ބޮޑު ހަނގުރާމައިގެ ބިރުވެރިކަމަށްފަހު ފުޓުބޯޅައިގެ އައު ޖީލެއް އުފެދި ޔޫރަޕުގައި އަލުން އަނބުރާ ފުޓުބޯޅައިގެ ފޯރި ހިއްޕާލުމުން އަނެއްކާވެސް ކުލަބުތަކުގެ ވާދަވެރިކަން އުފެދުނެވެ. މުޅިން އައު ކުލަބުތައް އުފެދުނު އިރު ކުރީގެ މަޝްހޫރު ކުލަބުތައް ވެސް އަނބުރާ އައީ އެވެ. ބައެއް ކުލަބުތައް ހަނގުރާމައިގެ ތެރެއަށް ވަޔާ ގެއްލިގެން ދިޔައީ އެވެ.

ހަނގުރާމައިގައި އިނގިރޭސި ސިފައިންގެ އާރމީގެ ނެވިގޭޓަރެއްގެ މަސައްކަތް ކުރި އައިވޮރް ބްރޯޑިސް އަކީ ފެށުނީއްސުރެން ވެސް ފުޓުބޯޅައަށް ލޯބި ކުރި ޒުވާނެކެވެ. ހަނގުރާމައިގެ ތެރޭގައި އުޅެމުން ވެސް ލިބޭ ވަގުތުތަކުގައި އޭނާ ފުޓުބޯޅަ ކުޅެ ހެދިއެވެ. ފުޓުބޯޅަ ކުޅުމުގެ އިތުރުން އޭނަގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އޭނަގެ އިސްނެގުންތެރި ކަމެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އައިވޮރް ބްރޯޑިސް --- ފޮޓޯ/ ގެޓީ އިމޭޖެސް

ހަނގުރާމަ ނިމުމާ އެކު ޖެހިގެން އައި އަހަރު އައިވޮރ ވަނީ އޭރުގެ އިނގިރޭސި ވިލާތުގެ ކުލަބެއް ކަމަށްވާ ކާލިސްލް ޔުނައިޓެޑާއި ގުޅިފަ އެވެ. އައިވޮރްގެ ފުޓުބޯޅަ ހުނަރާއި އިސްނެގުންތެރިކަމަށް ބަަލައި އެ ކުލަބުން އޭނާއަށް ޓީމުގެ މެނޭޖަރުކަން ހަވާލު ކުރި އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ މެނޭޖަރުކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމާއި އޭނާ ހަވާލުވި އިރު އައިވޮރް ގެ އުމުރަކީ އެންމެ 23 އަހަރެވެ. މިއީ ކުލަބެއްގެ މެނޭޖަރު ކަމާއި އުމުރުން އެހާ ހަގު އުމުރެއްގެ ޒުވާނަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އައިވޮރް ކުލަބުގެ މެނޭޖަރު ކަމާ ހަވާލުވި އިރު ޓީމުގެ މާލީ ހާލަތު ވަނީ ވަރަށް ދަށަށް ގޮސްފަ އެވެ. އޭރު ވަނީ އައިވޮރްގެ ފުޓުބޯޅަ ކުޅުމުގެ ހުނަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފަ އެވެ. އަދި ބައެއް ބޮޑެތި ކުލަބު ތަކުން އޭނާއަށް ހުށައެޅުންތައް ވެސް ހުށަ އެޅިއެވެ.

ކުލަބަށް ކުޅުންތެރިން ގަނެ ވިއްކާނީ ޓީމުގެ މެނޭޖަރު ބޭނުންވާ ގޮތަށެވެ. އެގޮތުން ކާލިސްލް ޔުނައިޓެޑަށް ދިމާވެފައިވާ މާލީ ހާލަތު ރަނގަޅު ކުރުމަށް އައިވޮރ ނިންމީ އޭނާ އަމިއްލަ އަށް އެހެން ކުލަބަކަށް ވިކުމަށެވެ. އެގޮތުން 1949 ވަނަ އަހަރު އައިވޮރ ވަނީ އިނގިރޭސި ވިލާތުގެ ސަންޑާ ލޭންޑަށް އަމިއްލައަށް ވިކިފަ އެވެ.

އައިވޮރ ވަނީ ސަންޑަލޭންޑަށް ފަހު މެންޗެސްޓާ ސިޓީއަށާއި ނިއުކާސަލް ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށް ވެސް އޭނާ ވަނީ 14 މެޗު ކުޅެ ދީ އަށް ގޯލު ޖަހައިދީފަ އެވެ.

https://twitter.com/NUFC/status/1117015828103409664

މިދިޔަ މަހުގެ 13 ވަނަ ދުވަހު އައިވޮރ ބްރޯޑިސް ވަނީ މަރުވެފަ އެވެ. އޭނާ މަރުވި އިރު އޭނަގެ އުމުރަކީ 96 އަހަރެވެ. އޭނާ ފާހަގަ ވެފައި ވަނީ އެންމެ ގިނަ ދުވަސް ވަންދެން ދުނިޔޭގައި ހުރި އިނގިރޭސި ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

comment ކޮމެންޓް