ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 9: ފިރްޢައުނުގެ އަނބިކަނބަލުން 4

"މި ބުނީނު މާ ގިނަ އެއްޗެއް ނުކަމޭ. އެއްމެ ކަންބަޅިއެކޭ ދެން އެއްމެ ހަތަރުފަސް ކުކުޅެއެއްގެ މަހޭ. މިއީ އާއްމުކޮށް އަހަރެންގެ ކެއުން ހުންނަ ގޮތާ އަޅާ ބަލާއިރު ވަރަށް މަދު އެތިކޮޅެއް. މި ކަމުގައި ޝާހީ ހަކީމާ މަޝްވަރާ ކުރާނަން." ފިރްޢައުނު ބުންޏެވެ.

*****

"މަ ސާހިބާ! މިހިރީ އައްރާފު އީބްނަޚްތް. މިއީ ރާހީގެ ތާސީރު ދެނެގަތުމުގައްޔާއި ސިހުރުގެ ކަންކަމަށް އެންމެ އަރައިހުރި އެކަކު. ހުވަފެން ތައުބީރު ކުރުމާއި ރާހީގެ ތާސީރު ކިޔައިދިނުމުގައި އެފަދަ ދެވަނައެއް ނެތް އެކަކު." ހާމާނު ބުންޏެވެ.

"އޭނާ ނިދަނީ ތަ؟" ފިރްޢައުނު ސުވާލު ކުރިއެވެ.

"ނޫން. މަ ސާހިބާ! މަނިކުފާނުގެ ހުވަފެންފުޅުގެ މާނަ ޝަރަހަ ކޮށް ދިނުމުގެ ކުރީން، އިބާރާތްތައް އެކުލަވައިލާނެ ގޮތާ މެދު ލޯމަރައިގެން ހުރެ އޭނާ ފިކުރު ކުރަނީ." ހާމާނު ބުންޏެވެ.

"ވަރަށް ގިނަ އިރު އިންތިޒާރު ކުރާން ޖެހޭނެ ތަ؟" ފިރްޢައުނު އެހިއެވެ.

"ނޫން. މަ ސާހިބާ! އެހެންނަމަވެސް މިއީކީ އަވަސް އަރުވާލުން އޮތް ކަމެއް ނޫން. ކަނޑައެޅި ނިމިފައި ހުންނަ ބައެއް ކަންކަމުގެ ވާހަކަ ދަންނަވާ އިރު، އެކަމަކުން ކުރިމަތި ވެދާނެ ގެއްލުން ކުޑަ ކުރެވޭނެ ގޮތުގެ މަޝްވަރާ ދިނުން ވެސް އޮންނާން ޖެހޭނެ. އެހެން ނޫން ތޯ؟" އީބްނަޚްތް ބުންޏެވެ.

"ތިޔަ ބުނި އެއްޗެއް ނުވިސްނުނު." ފިރްޢައުނު ބުންޏެވެ.

"މަ ސާހިބާ! ބަނީ އިސްރާއީލުންގެ ތެރެއިން ފިރިހެން ކުއްޖަކު އުފަންވާނެ. އޭނާ ވާނީ މިސްރުގެ އަހުލުންގެ ހަލާކު ކަމުގައި. އަދި ފިރްޢައުނުގެ ވެސް ހަލާކު ކަމުގައި." އީބްނަޚްތް ބުންޏެވެ.

"ހުރިހާ އައްރާފުން އެއް ގޮތަކަށް ތަފްސީރު ކޮށް ދޭ ކަމަށް ވާ ނަމަ އަޅުގަނޑުމެން ޖެހޭނީ ޖިއްދީ ވިސްނުމަކުން އެކަމާ މެދު ވިސްނާން. އެކަން ހިނގުމުގެ ކުރީން، އެކަން މަނާ ކުރުމުގެ ގޮތުން ކުރެވޭން ހުރި ކަންކަމާ މެދު ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅާން ވީ." ހާމާނު ބުންޏެވެ.

"ބަނީ އިސްރާއީލުންގެ ތެރެއިން އުފަން ވާ ހުރިހާ ފިރިހެން ދަރީން މަރައިގެން ނަމަވެސް އެކަން ހުއްޓުވާން ޖެހޭނެ." ފިރްޢައުނު ބުންޏެވެ. *****

- ނުނިމޭ -

comment ކޮމެންޓް