ވަލްވާޑޭ ބާސެލޯނާގައި މަޑު ކުރަން ނިންމައިފި

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ލަދުވެތި ގޮތަކަށް ކަޓައި ގިނަ ބައެއްގެ ފާޑު ކިއުންތަކެއް ލިބުނު ނަމަވެސް އަންނަ ސީޒަނުގައި ވެސް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އެ ޓީމުގައި މަޑު ކުރަން ނިންމައިފި އެވެ.

ވޭތުވެ ދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލްއާ ވާދަކޮށް 0-4ގެ ބޮޑު ނަތީޖާއަކުން ބަލިވެ ބާސެލޯނާ ވަނީ އެ މުބާރާތުން ކަޓައިފަ އެވެ. މިއީ ބާސެލޯނާ ފުރަތަމަ ލެގުގައި ބޮޑު ސްކޯ އަކުން މޮޅުވެ ދެވަނަ ލެގުން ބަލިވެގެން ހިތްދަތި ގޮތަކަށް ކަޓައިގެން ދިޔަ ދެވަނަ އަހަރެވެ. ވޭތުވެ ދިޔަ އަހަރު ވެސް އަމިއްލަ ދަނޑުގައި ކުޅެ ރޯމާގެ މައްޗަށް ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް ރަށުން ބޭރުގައި ކުޅުނު މެޗުން 0-3 ގެ ނަތީޖާއިން ބަލިވެ، ޗެމްޕިއަންސް ލީގުން ބާސެލޯނާ ވަނީ އަލްވަދާއު ކިޔަން ޖެހިފަ އެވެ.

ޖެހި ޖެހިގެން ދެވަނަ އަހަރު އެފަދަ ބޮޑު ނާކާމީޔާބީއެއް ލިބުމާ އެކު ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ޓީމުގެ ކޯޗު ވަލްވާޑޭއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޓީމުގެ ކުޅުންތެރިންތަކެއް ވެސް ތިބީ ކޯޗު ދެކެ ހިތްހަމަ ނުޖެހިފަ އެވެ. ނަމަވެސް ބާސެލޯނާގެ ރައީސް ބާޓެމިއޯ ވަނީ އަންނަ ސީޒަނުގައި ވެސް ވަލްވާޑޭ ޓީމުގައި މަޑު ކުރާނެ ކަމަށް ބުނެފަ އެވެ.

އޭނާ ބުނީ ވަލްވާޑޭ ބާސެލޯނާއާ އެކު އަންނަ ސީޒަނުގައި ވެސް މަޑު ކުރަން ބޭނުން ނަމަ އޭނާ އަށް އެ ޓީމުގައި މަޑު ކުރެވޭނެ ކަމަށެވެ. އަދި ކުޅުންތެރިން ބޭނުންވާ ގޮތަކީ ވެސް އެއީ ކަމަށް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ނާކާމީޔާބީއަށް ފަހު ބާސެލޯނާއިން މި ހަފްތާ ވަނީ ލީގު މެޗެއް ކުޅެފަ އެވެ. އަމިއްލަ ދަނޑުގައި ގެޓާފޭއާ ބައްދަލު ކުރި އެ މެޗުން ބާސެލޯނާ މޮޅުވި ނަމަވެސް ޓީމުގެ ސަޕޯޓަރުން ވަނީ ވަލްވާޑޭ އިސްތިއުފާ ދޭން ގޮވާލައިފަ އެވެ. އަދި އެ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ޓީމު ދޫކޮށް ދިއުމަށް ސަޕޯޓަރުން ވަނީ ގޮވާލައިފަ އެވެ.

އެހެން ނަމަވެސް ވަލްވާޑޭ ބުނީ މީހުން ކިޔާ އެއްޗަކަށް ނުބަލާނެ ކަމަށެވެ. އަދި ބާސެލޯނާގެ ކޯޗުކަމުން ވަކިވާން އަދި ވިސްނުމުގައި ނެތް ކަމަށެވެ.

"ނޫން! އަހަރެން މި ކުލަބު ދޫކޮށްލާކަށް ނުވިސްނަން. ސަޕޯޓަރުންގެ ފަރާތުން ފެނުނު މަންޒަރުތަކަކީ ދެރަ ކަމެއް. ނަމަވެސް އަހަރުމެންނަށް ގަބޫލު ކުރެވޭ އެ މީހުން މާޔޫސްވެފައި ތިބި ވަރު. އެއީ އަބަދު ވެސް ވާ ގޮތް،" ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާއަށް މި ސީޒަނުގައި ބާކީ ދެ މެޗު އަދި އެބަ އޮތެވެ. ލީގުގެ ފަހު މެޗުގައި އެއިބާއާ ދެކޮޅަށް ނުކުތުމަށް ފަހު އެ ޓީމުން ކުރިމަތިލާން ޖެހޭނީ ވެލެންސިއާއާ ދެކޮޅަށް ކޮޕަ ޑެލްރޭ ފައިނަލުގަ އެވެ.

comment ކޮމެންޓް