"ސްޓުޑެންޓް އޮފް ދަ އިޔާ 2" އަށް ފިނި ތަރުހީބެއް!

ހުކުރު ދުވަހު ރިލީޒްކުރި ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔާ 2' އަށް ހީކުރި ވަރުގެ ތަރުހީބެއް ނުލިބި، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

ޓައިގާ ޝްރޯފް، ތާރާ ސުތާރިއާ އަދި އަނަންޔާ ޕާންޑޭ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމަކީ 2012 ވަނަ އަހަރު ރިލީޒްކުރި 'ސްޓުޑެންޓް އޮފް ދަ އިޔާ'ގެ ސީކުއެލް އެވެ.

ފުރަތަމަ ހަފްތާ ބަންދުގައި ފިލްމަށް ލިބުނު އާމްދަނީއަށް ބަލާއިރު، އެ ފިލްމަށް ލިބިފައި ވަނީ 38.83 ކުރޯރު ރުޕީޒް އެވެ. ފުރަތަމަ ދުވަހަށް ވުރެ ދެވަނަ ދުވަހު ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.

ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި، ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު މަދުވީ އަދި ވެސް އިންޑިއާގެ ބައެއް ހިސާބުތަކުގައި އިލެކްޝަން ކުރިއަށް ދިއުމުގެ އިތުރުން، އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލް މެޗް އޮތް ދުވަހާ ދިމާވުމުންނެވެ.

މިހާރު ސޯލޯ ރިލީޒެއްގެ ގޮތުގައި އޮތް ނަމަވެސް، އަންނަ ހަފްތާގައި އަޖޭ ދޭވްގަންގެ 'ދޭ ދޭ ޕިޔާރު ދޭ' އަދި އިނގެރޭސި ފިލްމު 'ޖޯން ވިކް' ވެސް ރިލީޒް ކުރާނެ އެވެ. އެއާއެކު ވާދަވެރިކަން އިތުރުވެ، ކަރަން ޖޯހަރުގެ ފިލްމު ބަލަންދާ މީހުންގެ އަދަދު ބޮޑުތައް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

އޭގެ އިތުރުން ޕުނީތު މަލޯތުރާގެ އެ ފިލްމު ރިލީޒްކުރިތާ ދެވަނައަށް ވީ ދުވަހު، "ތަމިލްރޮކާޒް" އިން ވަނީ ފިލްމު ލީކު ކޮށްލައިފަ އެވެ. އެއީ ވެސް ފިލްމުގެ ވިޔަފާރިއަށް އަސަރުކުރާނެ ސަބަބެއް ކަމަށް ބެލެވެއެވެ.

ފިލްމުގެ އާމްދަނީ އެހާ ދަށް ނޫން ނަމަވެސް، ފިލްމަށް ކްރިޓީކުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް