ބަޖެޓު ބައި ކުރުމުގެ އުސޫލަށް އެމްއެމްއޭގެ މަރުހަބާ

އެމްއެމްއޭ--- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައި ކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލު ކުރުމުގެ އުސޫލު ޝާއިއު ކުރުމުން އެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަރުހަބާ ކިޔައިފި އެވެ.

އެމްއެމްއޭއިން އެކަމަށް މަރުހަބާ ކިޔާފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ އޮތޯރިޓީއިން ބުނީ ވޭތުވެދިޔަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެ އޮތޯރިޓީއިން ފޮނުވާފައިވާ ލަފާގައި، ދައުލަތުގެ ފިސްކަލް އެޕްރޮޕްރިއޭޝަންއާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ބާރު އަޅާފައިވާނެ ކަމަށެވެ.

އެގޮތަށް ބާރު އަޅާފައި ވަނީ އަހަރުން އަހަރަށް ދައުލަތުގެ ރިކަރަންޓް ހަރަދުތައް އަންޑައެސްޓިމޭޓް ކުރެވި، އާމްދަނީ ލިބޭނެ މިންވަރު އޯވައެސްޓިމޭޓް ކުރެވުމުން، އަހަރުން އަހަރަށް ސަރުކާރުގެ ޑެފިސިޓް އިތުރުވަމުންދާތީ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެެއެވެ.

"އެހެންކަމުން، ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށް ވުރެ ހަރަދު އިތުރު ނުކުރުމަށާއި، ވަކި ކަމަކަށް ހަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ހަރަދު ކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިއުކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި މިއޮތޯރިޓީއިން ފާހަގަކުރަމެވެ."

ފިނޭންސް މިނިސްޓްރީއިން ބަޖެޓު ބައި ކުރުމުގެ އުސޫލު ގެޒެޓު ކުރީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އުސޫލުގައިވާ ގޮތުން ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާ ބަޖެޓަށް ވުރެ ފަސް ޕަސެންޓު އިތުރަށް ބޭނުންކުރާނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހެއެވެ.

comment ކޮމެންޓް