ޗައިނާ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ހަދައިފި

ޗައިނާއާއެކު ފަންނީ އެހީތެރިކަން ހިއްސާކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ޗައިނާގެ ސްޓޭޓް މާކެޓް ރެގިއުލޭޝަން މިނިސްޓްރީއާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާއެކު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު މެންދުރު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގަމުގެ މާކެޓް ރެގިއުލޭޝަން އޮތޮރިޓީގެ ސްޓޭޓް މިނިސްޓަރު ޒޭންގް މާއޯއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ވިޔަފާރީގައި ދިމާވާ ދަތިތަކާއި އެކަންކަމުގައި ދެ ގައުމުގެ ތަޖުރިބާ ހިއްސާކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އެކްސްޕާޓުންނާއެކު އަޅުގަނޑުމެން ކަންކަން ކުރިއަށް ގެންދާނަން. އޭގެ ތެރޭގައި މާކެޓް ރެގިއުލޭޝަން ކޮންސިއުމާ ޕްރޮޓެކްޝަން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައި ދިމާވާ ކަންތައްތަކާއި އެކަންކަމުގައި އެއްގައުމު އަނެއްގައުމަށް އެހީތެރިކަން ފޯރުކޮށްދޭ ކަހަލަ ގޮތަކަށް މި ސޮއިކުރެވިގެން މިދިޔައީ،" ފައްޒާޔު ވިދާޅުވި އެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި ކަންތައްތައް ތަންފީޒުކުރުމަށްޓަކައި މަތީފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ހަަމަޖެހިފައިވާ ކަަމަށެވެ. އެގޮތުން ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި ކަނޑައެޅޭ ދާއިރާތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް