ޕާކިސްތާނުގެ ރާޑަރުތަކާ ބެހޭ ގޮތުން މޯދީ ދެއްކެވި ވާހަކަޔަށް މަލާމާތް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: އޭޕީ

ދިއްލީ (މެއި 13): މިދިޔަ ފެބްރުއަރީ މަހު އިންޑިއާއިން ދިން ވައިގެ ހަމަލާތަކާ ބެހޭ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކައާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމާއި މަލާމާތް ބޮޑުވަޒީރަށް އަމާޒުވެއްޖެ އެވެ.

އިންޑިއާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއްގައި މޯދީ ވަނީ ޕާކިސްތާނުގައި ހުރި ޖައިޝް މުހައްމަދުގެ ކޭމްޕުތަކަށް އެގައުމުން ވައިގެ ހަމަލާ ދޭން ރޭވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ފެބްރުއަރީ މަހުގެ 27ގައި އެހަމަލާ ދޭން ރޭވި އިރު މޫސުން ގޯސްވެ، ވިއްސާރަ ވިލާތައް ބޯވުމުގެ ސަބަބުން އެދުވަހު ހަމަލާ ދެވޭނެ ކަމާ މެދު ޑިފެންސް އޮފިޝަލުންގެ މެދުގައި ޝައްކު އުފެދުނު ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މޯދީ ދެކިވަޑައިގަންނަވާ ގޮތުގައި ވިލާތައް ބޯވުމަކީ ރަނގަޅު ކަމެކެވެ. އެއީ އޭގެ ސަބަބުން ވިލާތަކުގެ ނިވަލުގައި ތިބެގެން އިންޑިއާގެ ޖެޓުތަކަށް ޕާކިސްތާނުގެ ރާޑަރުން ސަލާމަތްވެވޭނެތީ ކަމަށް މޯދީ ވިދާޅުވި އެވެ.

"މޫސުން ކުއްލިއަކަށް ގޯސްވީ. އޭގެ ސަބަބުން ހަމަލާ ދެވޭނެ ކަމާ މެދު ޝައްކު އުފެދުނު. އަދި ހަމަލާ ދޭ ދުވަސް ބަދަލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި. ނަމަވެސް އަޅުގަނޑު ބުނިން ވިލާތަކުގެ ނިވަލުގައި ތިބުމުން އަޅުގަނޑުމެންގެ ޖެޓުތަކަށް ޕާކިސްތާނުގެ ރާޑަރުން ސަލާމަތްވެވޭނެ ކަމަށް. އަދި އެދުވަހު ހަމަލާ ދިނުމަށް،" މޯދީ ވިދާޅުވި އެވެ.

ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ މޯދީގެ "ކްލައުޑް ކަވާ ތިއަރީ"ގައި ސައްހަ ނޫން މައުލޫމާތު ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

"ޕާކިސްތާނުން ބޭނުން ކުރާ ރާޑަރުތަކަށް ފެންނާނެ އިންޑިއާގެ ޖެޓުތައް ވިލާތަކުގެ ތެރެއިން ވެސް. ނަމަވެސް [އެގައުމަށް] ބޭރުން އަންނަ ޖެޓެއް ވައްޓާލަން ބޭނުން ކުރާ ކިލް ސިސްޓަމް ނުވަތަ މިސައިލް ފޮނުވަން ބޭނުން ކުރާނީ އިންފްރާ ރެޑް. އޭގެ ސަބަބުން [މޫސުން ގޯސް ވެއްޖެ ނަމަ] ބޭރުން އަންނަ ފައިޓާ ޖެޓު ވައްޓާލަން އުނދަގޫ ވެދާނެ،" ފެބްރުއަރީ މަހު ދިން ހަމަލާތަކުގައި ބައިވެރިވި އިންޑިއަން އެއާ ފޯސް އޮފިސަރަކު ވިދާޅުވި އެވެ.

އަދި ބޮޑުވަޒީރުގެ ވާހަކަފުޅު ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ރަސްމީ ޓުވިޓާ އެކައުންޓުން ފުރަތަމަ ޓުވީޓު ކުރި ނަމަވެސް ފަހުން އެޓުވީޓު ވަނީ ޑިލީޓުކޮށްފަ އެވެ. ނަމަވެސް އެޕާޓީން ވަނީ މޯދީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"ބަލަކޮތު ހަމަލާތަކަކީ 100 ޕަސެންޓު ކާމިޔާބީއެއް. އަޅުގަނޑުމެންގެ ޖެޓުތަކުން ވަނީ [ޖައިޝް މުހައްމަދުގެ] އަމާޒުތައް ސުންނާފަތިކޮށްފައި. ވީމާ ބައެއް މީހުން ކޮންމެ އެއްޗެކޭ ބުންޏަށް އެހަމަލާތައް ކާމިޔާބުވި،" ބީޖޭޕީގެ ޔޫނިއަން މިނިސްޓަރު ޕްރަކާޝް ޖަވަދެކަރު ވިދާޅުވި އެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ފެބްރުއަރީ މަހު އެގައުމުގެ އެއާ ފޯސްއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ފައިޓާ ޖެޓެއް ވެއްޓި، ޖައިޝް މުހައްމަދުގެ ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އިންޑިއާ އިން ދިން ހަމަލާތަކުގައި އެގައުމުގެ ޖެޓެއް ވެއްޓިފައި ނުވާ ކަމަށާއި، ވައިގެ ހަމަލާތައް އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް އިންޑިއާގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެހަމަލާތަކަށް ފަހު މޯދީއަށް އޮތް ތާއިދު ވަނީ އިތުރުވެފަ އެވެ. އަދި އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ އާއްމު އިންތިހާބުގައި ކެމްޕެއިން ކުރުމަށް ބީޖޭޕީން އެހަމަލާތަކުގެ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ. މިދިޔަ މަހުގެ 11ގައި ފެށި އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ މިމަހުގެ 23ގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް